ޝާހްރުކް ތައްޔާރު ނަމަ، ފަރާ ހުރީ " މޭ ހޫ ނާ 2" ހަދާ ގޮތަށް
ޝާހްރުކް ތައްޔާރު ނަމަ، ފަރާ ހުރީ " މޭ ހޫ ނާ 2" ހަދާ ގޮތަށް

ޝާހްރުކް ހާން ބޭނުން ނަމަ މި ވަގުތު "މޭ ހޫ ނާ" ގެ ދެވަނަ ބައި ހަދަން ތައްޔާރަށް ހުރި ކަމަށް އެ ފިލްމުގެ ޑައިރެކްޓަރު ފަރާ ހާން ބުނެފި އެވެ.

ޝާހްރުކް ތައްޔާރު ނަމަ، ފަރާ ހުރީ " މޭ ހޫ ނާ 2" ހަދާ ގޮތަށް
ޝާހްރުކް ތައްޔާރު ނަމަ، ފަރާ ހުރީ " މޭ ހޫ ނާ 2" ހަދާ ގޮތަށް

ދެހާސް ހަތަރެއްގައި ރިލީޒްކޮށް، ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބުނު އެ ފިލްމަކީ ފަރާގެ އަލަތު ޑައިރެޝަނެވެ.

އޭޕްރީލް 30 އަށް ވަނީ، "މޭ ހޫ ނާ" ރިލިޒް ކުރިތާ 15 އަހަރު ފުރިފަ އެވެ. އެ ދުވަހާ ދިމާކޮށް އިންޑޯ-އޭޝިއަން ނިއުސް އެޖެންސީ (އިއަންސް) އަށް ދިން އިންޓަވިއުއެއްގައި ފަރާ ބުނީ "މޭ ހޫ ނާ" ގެ ދެވަނަ ބައި ހަދަން އޭނާގެ އަތުގައި މި ވަގުތު ވަރަށް ޝައުގުވެރި ވާހަކައެއް އެބަ އޮތް ކަމަށެވެ.

"އެކަމަކު އެ ފިލްމު ހަދަން ބޭނުން ވަނީ މި ވަގުތު ޝާހްރުކް އެކަމަށް ތައްޔާރު ނަމަ،" އޭނާ ބުންޏެވެ. "އަހަރެން މިހިރީ ހަމަ ޔަގީނުން ވެސް މޭ ހޫ ނާގެ ދެވަނަ ބައި ހަދަން ބޭނުންވެފައި."

ނަމަވެސް ޝާހްރުކް މިވަގުު ހުރީ މި ފަހުން ކުޅުނު ހުރިހާ ފިލްމުތަކެއް ނާކާމިޔާބުވެ، އެކްޓް ކުރުމުން ބްރޭކަށް ނަގަން ނިންމައިގެންނެވެ. ދާދި ފަހުން އިންޓަވިއުއެއްގައި، 53 އަހަރުގެ އެކްޓަރު ބުނީ ދެން އަވަހަކަށް އެއްވެސް ފިލްމެއްގެ މަސައްކަތް ނުކުރާނެ ކަމަށެވެ. އޭގެ ބަދަލުގައި މި ވަގުތު ބޭނުން ބަނީ އާއިލާ އާއި ދަރިންނާ އެކު ވަގުތު ހޭދަ ކުރަން ކަމަށް ބުންޏެވެ.

އެޕްރީލް، 30، 2004 ގައި ރިލީޒް ކުރި "މޭ ހޫ ނާ" އަކީ ޝާހްރުކްގެ ފިލްމު ކުންފުނި ރެޑް ޗިލީޒް އެންޓަޓައިމަންޓުން ޕްރޮޑިއުސް ކުރި ފިލްމެކެވެ. އޭގެ މުހިއްމު ރޯލްތަކުން އޭނާއާ އެކު ފެނިފައި ވަނީ ސުޝްމިތާ ސެން، ޒައިދު ހާން، އަމްރިތާ ރާއޯ، ސުނިލް ޝެޓީ އަދި ކަބީރު ބޭދީ އެވެ.

"މޭ ހޫ ނާ" ގެ ފަހުން ވެސް ފަރާ ވަނީ ޝާހްރުކްއާ އެކު އިތުރު ދެ ފިލްމެއް ޑައިރެކްޓްކޮށްފަ އެވެ. އެއީ 2007 ގެ "އޯމް ޝާންތީ އޯމް" އާއި 2014 ގެ "ހެޕީ ނިއު އިޔާ" އެވެ.

ޝާހްރުކްގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރު ރިލީޒް ކުރި "ޒީރޯ" އެވެ.

އޭނާއާ އެކު "މޭ ހޫ ނާ" ގެ ދެވަނަ ބައި ހަދަން ތައްޔާރަށް ހުރި ކަމަށް ފަރާ ބުނެފައި މި ވަނީ ޑައިރެކްޓަރު ރޯހިތު ޝެޓީގެ ފިލްމު ކުންފުންޏަށް ހަތަރު ފިލްމު ޑައިރެކްޓްކޮށް ދޭން އެއްބަސްވެފައި ވަނިކޮށެވެ. ރިޕޯޓްތައް ބުނާ ގޮތުން އޭގެ ތެރެއިން ފުރަތަމަ ފިލްމަކީ ކުރީގެ ކާމިޔާބު ފިލްމު "ސައްތޭ ޕޭ ސައްތާ" އަސްލަކަށް ބަލައިގެން ހަދާ ފިލްމެވެ.