ޕްރޮޑިއުސަރު ފީރޯޒް ނަދިއަދުވާލާ ތިން މަހަށް ޖަލަށް
ޕްރޮޑިއުސަރު ފީރޯޒް ނަދިއަދުވާލާ ތިން މަހަށް ޖަލަށް

ޓެކްސް އަށް މަކަރު ހަދައި، ޓެކްސް ނުދައްކައި ލަސްކުރި ކަމަށް ބުނާ މައްސަލައެއްގައި، ބޮލީވުޑްގެ މަޝްހޫރު ޕްރޮޑިއުސަރު ފީރޯޒް ނަދިއަދުވާލާ ތިން މަހަށް ޖަލަށް ލައިފި އެވެ.

"ވެލްކަމް" އާއި "ހީރާ ޕޭރީ" ފަދަ ފިލްމުތައް ގެނެސް ދިން ޕްރޮޑިއުސަރަށް ތިން މަހުގެ ޖަލު ހުކުމެއް އައީ ގުޑްސް އެންޑް ސާވިސް ޓެކްސް (ޖީއެސްޓީ) ނުދައްކައި ލަސްކުރި މައްސަލައިގަ އެވެ. އެއީ 2009-2010 ދައްކަން ޖެހޭ ޓެކްސް އެވެ.

މިކަމާ ގުޅިގެން ފިރޯޒް ބުނީ ޓެކްސް ދެއްކުން ލަސްވިޔަސް، އޭނާ ދައްކަން ޖެހޭ ހުރިހާ ފައިސާއެއް، އިންޓަރެސްޓާއި ޖޫރިމަނާ އެކު ދައްކާފައިވާ ކަމަށެވެ.

"އަހަރެން ގަބޫލުކުރަން ޓެކްސް ދައްކަން ޖެހޭ ސުންގަޑިތަކަށް ޓެކްސް ނުދެއްކި އޮތްކަން. އެކަމަކު ފަހުން ވަނީ ދައްކަން ޖެހޭ ޓެކްސްގެ ހުރިހާ މުއާމަލާތެއް ނިންމާފައި،" އޭނާ ބުންޏެވެ. "ނަމަވެސް މި މައްސަލާގައި ޖަލު ހުކުމެއް އައުމަކީ ބޮޑު ޝޮކެއް."

ފީރޯޒް ބުނީ ޓެކްސް ނުދައްކައި ލަސްކުރި ހަމައެކަނި މީހަކީ އޭނާ ނޫން ކަމަށެވެ. މިކަހަލަ ހުކުމެއް އައުމުން ވަރަށް ކަންބޮޑުވާ ކަމަށާއި ނަމަވެސް ކޯޓްގެ ހުކުމަށް އިހުތިރާމު ކުރާ ކަމަށް ބުންޏެވެ.

"އަދި އިންޑިއާގެ އަދުލު އިންސާފުގެ ނިޒާމާ ދޭތެރޭ އަހަންނަށް އިތުބާރު އެބައޮތް. އިންސާފު ލިބޭނެކަމާ ދޭތެރޭ ޝައްކެއް ނުކުރަން،" އޭނާ ބުންޏެވެ. "މި މައްސަލާގައި އިންސާފު ހޯދަން އަހަރެންގެ ޓީމުން މަސައްކަތް ކުރާނެ. އަދި މައްސަލަ އިސްތިއުނާފު ވެސް ކުރާނަން."

ފީރޯޒް ބުނި ގޮތުގައި ބޮލީވުޑުން ވެސް އޭނާގެ ދިފާއުގައި މަސައްކަތްކޮށް ދޭނެ ކަމުގެ އުންމީދު ބޮޑެވެ.

"އަހަންނަކީ ގިނަ ބަޔަކު އިތުބާރުކުރާ އަދި ބަލައިގެންފައިވާ ބުރަކޮށް މަސައްކަތްކުރާ ޕްރޮޑިއުސަރެއް. އަދި ފައިސާގެ ވަރަށް ގިނަ މުއާމަލާތްތައް ވެސް ހިންގާ މީހެއް. އެހެންވީމަ ޓެކްސް ނުދެއްކި ލަސްވުމަކީ ޓެކްސް އަށް މަކަރު ހެދުން ކަމަށް ވެސް ބެލެވިގެން ނުވާނެ." އޭނާ ބުންޏެވެ.

ފީރޯޒް ވަނީ 2017 ގައި އެކްޓަރު/ޑައިރެކްޓަރު ނީރަޖް ވޯރާ މަރުވުމާ ހަމައަށް އޭނާގެ ހުރިހާ ހަރަދެއް އަމިއްލަ ގޭގައި ބާއްވައިގެން ދެ އަހަރު ދުވަސް ވަންދެން ވެސް ބަލަހައްޓައި ދީފަ އެވެ.