01 ސެޕްޓެމްބަރ 2016 - 23:04

ކޮމިޝަނަ ޖެނެރަލް އޮފް ޓެކްސޭޝަން ޔަޒީދު މުހައްމަދުގެ އަބުރާ ރާއްޖެ ޓީވީން ބެހުނު ކަމަށް ބުނާ މައްސަލައެއްގައި ދައުވާ ކުރުމަށް އެ ސްޓޭޝަނަށް ސިވިލް ކޯޓުން ޗިޓު ފޮނުވައިފި އެވެ.
"މިހާރު"އަށް އެނގިފައިވާ ގޮތުގައި އަބުރާ ބެހުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް ކަމަށް ވިދާޅުވެ ޔަޒީދު ކޯޓަށް މައްސަލަ ހުށަހެޅުއްވީ އޭނާއަށް ރެހެންދި ފްލެޓުން ލިބިފައިވާ އެޕާޓްމެންޓް ބޭރު ބަޔަކަށް ކުއްޔަށް ދީފައިވާ ކަމަށް ބުނެ ރާއްޖެ ޓީވީން މީގެ ދުވަސްކޮޅެއް ކުރިން ޝާއިއުކޮށްފައިވާ ހަބަރަކާ ގުޅިގެންނެވެ.
ރާއްޖެ ޓީވީގެ ސީއީއޯ ހުސެން ފިޔާޒު މޫސާ ވިދާޅުވި ގޮތުގައި އަބުރާ ބެހުނު ކަމަށް ވިދާޅުވެ ޔަޒީދު ހުށަހަޅުއްވާފައިވާ މައްސަލައާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް ހާޒިރުވުމަށް ރާއްޖެ ޓީވީއަށް މިއަދު ވަނީ ޗިޓު ފޮނުވާފަ އެވެ.
މިއީ އަބުރާ ބެހުމުގެ ގާނޫނު ތަސްދީގު ވުމުގެ ކުރިން ހިނގާފައިވާ ކަމަކަށް ވާތީ މި މައްސަލައިގައި ދައުވާ ކުރަނީ އެ ގާނޫނުގެ ދަށަކުން ނޫނެވެ.