ސްޓުޑެންޓް ލޯނަށް ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި
ސްޓުޑެންޓް ލޯނަށް ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި

ނެޝަނަލް ސެންޓަ ފޮ އިންފޮމޭޝަން ޓެކްނޮލޮޖީ (އެންސީއައިޓީ) ގެ ސާވާއަށް ދިމާވި މައްސަލައަކާ ގުޅިގެން ސްޓުޑެންޓް ލޯނަށް ހުށަހެޅުމުގެ މުއްދަތު މިނިސްޓްރީ އޮފް ހަޔާ އެޑިއުކޭޝަނުން މިއަދު އިތުރުކޮށްފި އެވެ.

ޓްވިޓާ މެދުވެރިކޮށް އެ މިނިސްޓްރީން ބުނީ އެ ސާވާއަށް މިއަދު ހެނދުނު ދިމާވި މައްސަލަ ހައްލުކުރަން 24 ގަޑިއިރު ނަގާނެ ކަމަށެވެ. އެހެންކަމުން ސްޓުޑެންޓް ލޯނަށް އެދި ހުށަހަޅަން ކަނޑައަޅާފައިވާ ވަގުތު އަންނަ ހޮނިހުރު ދުވަހުގެ 1:30 ގެ ނިޔަލަށް އިތުރުކޮށްފައި ވާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

ކުރިން އޮތީ މިއަދު 1:30 އަށް މުއްދަތު ހަމަވާ ގޮތަށެވެ. މެއި 4 އަށް މުއްދަތު އިތުރުކުރި އިރު މާދަމާ އަކީ ސަރުކާރު ބަންދު ދުވަހެކެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީ ޓެގްކޮށް، ޓްވިޓާގައި މީހަކު ބުނެފައި ވަނީ ސްޓުޑެންޓް ލޯނަށް ހުށަހަޅަން ކަނޑައަޅާފައިވާ ވަގުތު ހަމަވާން ގަޑިއިރަކަށް ވެފައިވާ އިރު ވެސް ސާވާ ބޭނުން ނުކުރެވޭ ކަމަށެވެ. އަދި އެ މައްސަލަ ހައްލުކުރާށާއި ވަގުތު އިތުރުކުރަން އޭނާ އެދުނެވެ.

މިއީ ސްޓުޑެންޓް ލޯނުގެ އެހީގައި ބޭރަށް ކިޔަވަން ދާން މި ސަރުކާރުން ހުޅުވާލި ފުރަތަމަ ފަހަރެވެ.

އާ ސަރުކާރުން ވަނީ ސްޓުޑެންޓް ލޯނަށް ނަގާ އިންޓްރެސްޓްގެ މިންވަރު ވެސް އަންނަ ޖުލައި މަހުގެ ކުރިން ކުޑަކުރަން ނިންމަައިފަަ އެވެ.