01 މެއި 2019 - 08:08

ބޮލީވުޑްގެ އެކްޓަރު ރިޝީ ކަޕޫރް މިދިޔަ އަހަރުން ފެށިގެން އެމެރިކާގައި ފަރުވާ ހޯދަނީ ކެންސަރު ބައްޔަށްކަން ފުރަތަމަ ފަހަރަށް އޭނާގެ އާއިލާ އިން ކަށަވަރުކޮށް ދީފި އެވެ.
ރިޝީގެ އެއްބަފާ ބޭބެ އަދި ކުރީގެ އެކްޓަރު ރަންދީރު ކަޕޫރް ޕްރެސް ޓްރަސްޓް އޮފް އިންޑިއާ (ޕީޓީއައި) އަށް އަންގާރަ ދުވަހު ބުނީ "ރިޝީ މިހާރު ހުރީ ކެންސަ ފްރީ ހާލަތުގައި" ކަމަށާއި "މާ ލަސްތަކެއް ނުވެ އެނބުރި އިންޑިއަށް ދާނެ" ކަމަށެވެ.
"ފަރުވާގެ ކަންކަން އަދިވެސް ކުރިއަށް އެބަދޭ. އެކަމަކު މި ވަގުތު ރިޝީ ހުރީ ކެންސަރުން ސަލާމަތްވެފައި. މާ ލަހެއް ނުވެ އިންޑިއާ އަށް އެނބުރި އަންނާނެ،" ރިޝީ ފަރުވާ ހޯދަނީ ކެންސަރުގެ ކޮން ބާވަތަކަށްކަން ހާމަނުކޮށް އޭނާ ބުންޏެވެ.
ރިޝީ ކުއްލި ގޮތަކަށް ފިލްމީ މަސައްކަތްތަކާ ދުރުވެ، ފަރުވާ އަށް އެމެރިކާ އަށް ދިޔައީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ފަހުކޮޅު އެވެ. އެކަމަކު އޭނާ މިހާތަނަށް ފަރުވާ ހޯދަނީ ކޮން ބައްޔެއްކަން އަމިއްލަ އަށް ހިއްސާއެއް ނުކުރެ އެވެ.
ކުރީގެ މަޝްހޫރު ޑައިރެކްޓަރު ރާހުލް ރަވައިލް ފޭސްބުކްގައި ރިޝީއާ އެކު ނަގާފައިވާ ފޮޓޯއެއް ވެސް ހިއްސާ ކުރަމުން ބުނީ "ރިޝީ ހުރީ ކެންސަރުން ސަލާމަތްވެފައި" ކަމަށެވެ.
މީޑިއާތަކުން ކުރިން ވެސް ރިޕޯޓް ކުރަމުން ދިޔަ ގޮތުގައި ރިޝީ ފަރުވާ ހޯދަނީ ކެންސަރަށެވެ. އަދި މި ވާހަކަ މީޑިއާތަކުން ފެތުރުމުން އާއިލާ އިން އެކަމާ ރުޅިގަދަވެ، މީޑިއާތަކަށް އެއްޗެހި ކިޔާފައިވެ އެވެ.
ރިޝީގެ އާއިލާ އިން އެންމެ ފަހުން އެކަން ރަސްމީކޮށް ކަށަވަރުކޮށް ދިނުމުގެ ކުރިން އޭނާގެ އަންހެނުން އަދި ކުރީގެ ބަތަލާ ނީޓޫ ސިންގް އާ އަހަރާ ދިމާކޮށް ޖެނުއަރީ މަހު ޕޯސްޓް ކުރި އިންސްޓަގްރާމް ޕޯސްޓެއްގައި ވެސް ވަނީ ރިޝީ ފަރުވާ ހޯދަނީ ކެންސަރަށްކަން ދޭހަވާ ކަހަލަ އިބާރާތެއް ބޭނުންކޮށްފަ އެވެ.
ފަރުވާ އަށް 66 އަހަރުގެ ރިޝީ ނިއު ޔޯކަށް ދިޔަ ފަހުން އާއިލާގެ އެކި މީހުން އެކި ފަހަރު މަތިން އޭނާ އަށް ޒިޔާރަތްކޮށްފައިވެ އެވެ. ފިރިހެން ދަރިފުޅު އަދި އެކްޓަރު ރަންބީރު ވެސް ވަނީ ތިން ފަހަރެއްގެ މަތިން ބައްޕަ އަށް ޒިޔާރަތްކޮށްފައިވެ އެވެ. އޭގެ ތެރެއިން ދެ ފަހަރު އޭނާ އެމެރިކާ އަށް ދިޔައީ ލޯބިވެރިޔާ އާލިއާ ބަޓް ވެސް ގޮވައިގެންނެވެ.
ރިޝީ ކުއްލި ގޮތަކަށް ފަރުވާ އަށް ފުރީ ޖޫހީ ޗާވްލާއެކު ކުޅޭ ފިލްމެއްގެ ޝޫޓިން ވެސް ފަށާފައި ވަނިކޮށެވެ. އެކަމަކު އޭނާ ފުރުމާ އެކު އޭގެ މަސައްކަތް ވަނީ ހުއްޓާލައިފަ އެވެ.
ޖޫހީ ބުނެފައިވާ ގޮތުގައި އޭނާ މިހާރު އިންތިޒާރު ކުރަމުން އަންނަނީ ފަރުވާ ނިންމާފައި ރިޝީ އެނބުރި އިންޑިއާ އަށާް ގޮސް ފިލްމުގެ މަސައްކަތް ފަށާނެ އިރަކަށެވެ.