30 އެޕްރީލް 2019 - 15:10

އުރީދޫން ބާއްވާ "ކަލަ ރަން" މި އަހަރު އައްޑޫގައި ބާއްވަން ނިންމައިފި އެވެ.
ކުލައިގެ އީދެއްގެ ގޮތުގައި މީގެ ކުރިން ހުޅުމާލޭގައި ބާއްވަމުން އައި މި ދުވުން އަންނަ މަހު އައްޑޫގައި ބާއްވަނީ މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމަންޓާ ގުޅިގެން ކަމަށް އުރީދޫން ބުންޏެވެ.
ޖޫން 21 ގައި ބާއްވަން ހަމަޖެހިފައިވާ ކަލަ ރަންގެ އަމާޒަކީ ދުޅަހެޔޮ ދިރިއުޅުމަކަށް ހިތްވަރުދީ، ދުވުމަކީ މަޖާ އަދި އުފާވެރިކަން ގެނެސްދޭ ކަމެއްގެ ގޮތުގައި އަންގައިދިނުމެވެ. މިދިޔަ ދެ އަހަރު ވެސް އުރީދޫން މި ދުވުން ބޭއްވި އެވެ.
އުރީދޫ ކަލަ ރަން އިއުލާނުކުރި ރަސްމިއްޔާތުގައި ޔޫތު މިނިސްޓަރު އަހްމަދު މަހުލޫފު ވިދާޅުވީ، ސިއްހަތަށް ފައިދާކުރާނެ ހަރަކާތްތެއްގައި ބައިވެރިވުމުގެ ފުރުސަތު ލިބުމަކީ އުފަލެއް ކަމަށެވެ. އައްޑޫގެ ހުރިހާ އުމުރުފުރައެއްގެ ރައްޔިތުން މިހަކާތުގައި ބައިވެރިވާނެ ކަމަށް އުންމީދުކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އުރީދޫގެ ސީއީއޯ ނަޖީބު ހާން ވިދާޅުވީ، ކަލަ ރަންގެ ހަރަކާތުގައި ރާއްޖޭގެ އެކި ހިސާބުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ދިނުމަށް މަސައްކަތްކުރާ ކަމަށެވެ. މި ހަރަކާތުގެ އެންމެ ހާއްސަ ކަމަކީ ކޮންމެ މީހަކަށް ވެސް ބައިވެރިވުމުގެ ފުރުސަތު އޮތުން ކަމަށް އޭނާ ވިދާޅުވި އެވެ.
މި ހަރަކާތުގައި ހަ އަހަރުން މަތީގެ ހުރިހާ އެންމެންނަށް ބައިވެރިވެވޭނެ އެވެ. ފަސް ކިލޯމީޓަރުގެ ދުވުމުގައި އަލަށް ދުވާ މީހުންނާއި އާންމުކޮށް ދުވާ މީހުންނަށް ވެސް ބައިވެރިވެވޭނެ އެވެ.
އުރީދޫ ކަލަ ރަންގައި ކޮންމެ ކިލޯމީޓަރެއް ދުވެ ނިމުމުން ކުލަ ސްޓޭޝަންތަކުން، ކުލަގަދަ ގޮތެއްގައި އެކަން ފާހަގަ ކުރާނެ އެވެ. މިއީ ވަކި ވަގުތެއްގެ ތެރޭގައި ނިންމަން ޖެހޭ ރޭހަކަށް ނުވާތީ، ހިނގާފަ އާއި ދުވެފައި ވެސް ރޭސް ފުރިހަމަކުރެވޭނެ އެވެ.
މި ހަރަކާތުގައި އެންމެ ފޯރިގަދަ ދުވުންތެރިޔާ އާއި ތަފާތު ކޮސްޓިއުމް ހޮވުމަށް ހަމަޖެހިފައިވެ އެވެ. މައި ޕޯޓަލް މެދުވެރިކޮށް ދުވުމުގައި ބައިވެރިވުމަށް ރެޖިސްޓަ ކުރެވޭނެ އެވެ.