30 އެޕްރީލް 2019 - 12:57

ގދ. އަތޮޅުގެ ފަޅުރަށެއް ކަމަށްވާ ހުޅުވާރުލުގައި ވަޅުލާފައި ހުރި 149 ކިލޯގެ މަސްތުވާތަކެތި އަތުލައިގަތުމަކީ ދިވެހި ފުލުހުންނަށް ލިބުނު ވަރަށް ބޮޑު ހިތްވަރެއް ކަމަށާއި ދެން އޮތީ އޭގެ އަޑީގައި ތިބި މީހުން ހޯދުމުގެ މަސައްކަތް ކަމަށް، ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު (އެމްސީ) މިއަދު ވިދާޅުވެއްޖެ އެވެ.

ފުލުހުން ހިންގި ޚާއްސަ އޮޕަރޭޝަންގައި އަތުލައިގަތް ހިރޮއިން އާއި ކެނަބިސްގެ އަގު 260 މިލިއަން ރުފިޔާއަށް އަރަ އެވެ. މި އޮޕަރޭޝަންގައި އަތުލައިގަތީ 150 ކިލޯގެ މަސްތުވާތަކެތި ކަމަށް ފުލުހުން ރޭ ބުނީ ރައުންޑްއޮފް ކުރުމުގެ ތެރޭގައި ހެދި ހިސާބަށް ބެލުމަށް ފަހު އެވެ. އެކަމަކު، އަތުލައިގަތީ 149 ކިލޯގެ މަސްތުވާތަކެތި ކަމަށް ޕޮލިސް ކޮމިޝަނަރު ފަހުން ވިދާޅުވި އެވެ.
އެ މައްސަލައިގައި މިހާތަނަށް ހައްޔަރުކުރި ދިވެހި ފަސް ފިރިހެނުންގެ ތެރެއިން އެކެއްގެ ބަންދަށް 10 ދުވަސް އަދި އަނެއް ހަތަރު މީހުން ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ގދ. ގައްދޫ ކޯޓުން ރޭ ވަނީ ކަނޑައަޅައިފަ އެވެ.
"މިހާރު" އަށް ދެއްވި އިންޓަވިއުއެއްގައި ޕޮލިސް ކޮމިޝަނަރު ހަމީދު ވިދާޅުވީ ކަނޑު މަގުން މަސްތުވާތަކެތި ޓްރެފިކް ކުރުން މި ދުވަސްވަރު އިތުރުވެފައިވާކަން ފާހަގަކުރެވިގެން ފުލުހުންގެ ހަރަކާތްތައް އިތުރުކުރިތާ ދުވަސްތަކެއް ވެފައިވާ ކަމަށެވެ. އަދި ހުޅުވާރުލަށް މަސްތުވާތަކެތި ގެންދަން އުޅޭ ކަމުގެ މައުލޫމާތު މީގެ މަހެއްހާ ދުވަސް ކުރިން ލިބިގެން ޚާއްސަ އޮޕަރޭޝަނެއް ފަށައި ފުލުހުންނަށް ކާމިޔާބުވީ އެ ރަށުގައި މަސްތުވާތަކެތި ވަޅުލިތާ 24 ގަޑިއިރު ވެސް ނުވަނީސް ކަމަށް އޭނާ ވިދާޅުވި އެވެ.
"މިކަން ކުރުމަށް ކަނޑު މަތީގައި ހަރަކާތްތެރިވި އުޅަނދުތަކާއި މީހުން މިވަނީ ދެނެގަނެވިފައި. މިއީ ދިވެހި ފުލުހުންނަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް،" ހޯމް މިނިސްޓަރު އިމްރާން އަބްދުﷲއާ އެކު މި ވަގުތު ގދ. އަތޮޅުގައި ހުންނެވި ޕޮލިސް ކޮމިޝަނަރު ވިދާޅުވި އެވެ.
"މިއީ ކުރިއަށް އޮތް ތަނުގައި މިފަދަ ބޮޑެތި އޮޕަރޭޝަންތައް ފުޅާކޮށް، ކާމިޔާބު ކުރުމަށް އަޅުގަނޑުމެން ފުލުހުންނަށް ލިބުނު ބޮޑު ހިތްވަރެއް. މިކަމުގެ އަޑީގައި ތިބި މީހުންނާއި ފައިސާ ހޭދަކުރި މީހުން ހޯދުމަށް އަޅުގަނޑުމެން ތަހުގީގުގައި މަސައްކަތް ކުރާނެ. ތަހުގީގު އެހާ ވަރަށް ފުޅާކުރާނެ."
އޭނާ ވިދާޅުވި ގޮތުގައި މިއީ ބޭރުގެ އެއްވެސް ބަޔަކާ ނުގުޅި، ދިވެހި ފުލުހުން އެކަނި ހިންގި ޑްރަގްގެ ޚާއްސަ އޮޕަރޭޝަނެކެވެ. އެއީ ވެސް ފުލުހުންނަށް ލިބުނު ކާމިޔާބީއެއް ކަމަށް ހަމީދު ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ މިހާރު ހުރި ވަސީލަތްތަކުގެ އަލީގައި މި އޮޕަރޭޝަން މި ހިންގީ. އެކަމަކު، ކުރިއަށް އޮތް ތަނުގައި މިފަދަ އޮޕަރޭޝަންތަކަށް ބޭނުންވާ ވަސީލަތްތައް އިތުރުކޮށް، ފުލުހުންގެ ގާބިލްކަން އަޅުގަނޑުމެން އިތުރު ކުރާނަން،" ޕޮލިސް ކޮމިޝަނަރު ވިދާޅުވި އެވެ.
ހަމީދު ވިދާޅުވީ މިއީ ފުލުހުން ހިންގި އެއް އޮޕަރޭޝަނެއްގައި މިހާ ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގަތް ފުރަތަމަ ފަހަރު ކަމަށް އެނގިވަޑައިގެންފައިވާ ކަމަށެވެ.
މީގެ 12 އަހަރު ކުރިން މޫދު އަޑީގައި ވަޅުލާފައި ހުރި ޓަނަކަށް ވުރެ ގިނަ މަސްތުވާތަކެތި ފެނިފައިވެ އެވެ. އެކަމަކު އެ ފަހަރު އެ ފެނުނީ އެ ހިސާބަށް ފީނަން އުޅުނު ބަޔަކަށެވެ. އެ މަސްތުވާތަކެތީގެ އަގު 1 ބިލިއަން ރުފިޔާއަށް ބޮޑެވެ.
ހުޅުވާރުލުގައި ވަޅުލި މަސްތުވާތަކެތި އަތުލައިގަންނަން ފުލުހުން ހިންގި އޮޕަރޭޝަންގައި 72 ގަޑިއިރު ވަންދެން ގދ. އަތޮޅުގެ ކަނޑުގެ ސަރަހައްދާއި ފަޅުގެ ސަރަހައްދު ބަލާފައިވެ އެވެ. އެ އޮޕަރޭޝަން ކުރިއަށް ގެންދިޔައީ ފުލުހުންގެ ކްރިމިނަލް އިންވެސްޓިގޭޝަން ކޮމާންޑާއި ޑިވިޝަން ޕޮލިސީ ކޮމާންޑްގެ އިތުރުން ޑްރަގް އިންޓެލިޖެންސް ގުޅިގެންނެވެ.
ރާއްޖެ އަށް ކަނޑު މަގުން ޓްރެފިކް ކުރި މި މަސްތުވާތަކެއްޗާ ގުޅޭ ގޮތުން ފުލުހުން އަދި މާ ބޮޑު ތަފުސީލެއް ނުދެ އެވެ. ބެލެވޭ ގޮތުގައި އެ މައުލޫމާތުތައް އާންމު ކުރާނީ ފުލުހުން ބާއްވާ ޚާއްސަ ނިއުސް ކޮންފަރެންސެއްގަ އެވެ.