30 އެޕްރީލް 2019 - 13:03

ކުރީގެ ފުޓްބޯޅަ ތަރިންނަށް ހާއްސަކޮށްގެން ކޮންމެ ރޯދަ މަހަކު ބާއްވަމުން އަންނަ ވެޓެރަންސް ކަޕް ފުޓްބޯޅަ މުބާރާތުގައި އެންމެ ކާމިޔާބު ދެ ޓީމު ކަމަށްވާ ކްލަބް ވެލެންސިއާ އާއި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް މި ފަހަރު ބައިވެރިއެއް ނުވި އެވެ.
މި ފަހަރުގެ މުބާރާތް ވެސް މޯލްޑިވްސް ސޮކަ މޭޓްސް އިން އިންތިޒާމްކުރާއިރު، މި އަހަރުގެ މުބާރާތުގައި ވާދަކުރަނީ ހަތް ޓީމެވެ. އެއީ ވިކްޓަރީ ސްޕޯޓްސް ކްލަބް، އޭދަފުށީ ވެޓެރަންސް ފުޓްބޯލް ކްލަބް، ކްލަބް ގްރީން ސްޓްރީޓްސް، ޕޮލިސް ކްލަބް، މާޒިޔާ، ދިވެހި ސިފައިންގެ ކްލަބް އަދި ކްލަބް އީގަލްސް އެވެ.
މި މުބާރާތް ފަސް ފަހަރު ކާމިޔާބުކޮށްފައިވާ ވެލެންސިއާ މިދިޔަ އަހަރު ވަނީ މި މުބާރާތުގެ ތަށި އުފުލާލައިފަ އެވެ. ނަމަވެސް ފުރަތަމަ ޑިވިޝަނުގައި މިދިޔަ އަހަރު އެ ޓީމު ވަނީ ރެލިގޭޓްވެފަ އެވެ. ވެލެންސިއާ އަށް ކުޅުނު ގިނަ ކުޅުންތެރިން މި ފަހަރު ފެންނާނީ އޭދަފުށީ ޓީމުންނެވެ.
ނިއު އިން ވަނީ މި މުބާރާތުގެ ތަށި ތިން ފަހަރު ހޯދައިފަ އެވެ. ތަށި މިލްކު ކުރަން މިދިޔަ އަހަރު ނުކުތް ނިއު ފައިނަލުގައި ބަލިވީ ވެލެންސިއާ އަތުންނެވެ. ނިއު މި ފަހަރުގެ މުބާރާތުގައި ނުކުޅެނީ ކުޅުންތެރިންނަށް މުސާރަ ނުދޭ މައްސަލައިގައި އެ ޓީމު ފުޓްބޯޅައިގެ ހަރަކާތްތަކުން ސަސްޕެންޑްކޮށްފައި އޮތުމުންނެވެ.
މި ފަހަރުގެ މުބާރާތް ކުރިއަށްދާނީ ދެ ބުރަކަށެވެ. ފުރަތަމަ ބުރުގައި ހަތް ޓީމުގެ މެދުގައި އޮންނާނީ ލީގު ބުރެކެވެ. އެ އަށް ފަހު އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމަކަށް ފައިނަލުގެ ސީދާ ޖާގައެއް ލިބޭއިރު، ފައިނަލުގެ ފަހު ޖާގަ ލިބޭނީ ލީގު ބުރުގެ ދެ ވަނަ އާއި ތިން ވަނައާ ދެމެދުގައި ކުޅޭ ސެމީ ފައިނަލް މެޗުން މޮޅުވާ ޓީމަކަށެވެ.
ޓާފް ދަނޑުގައި ކުރިއަށްދާ މި މުބާރާތުގެ ފުރަތަމަ މެޗުގައި އަންނަ މަހުގެ އަށް ވަނަ ދުވަހު ވިކްޓަރީ ނުކުންނާނީ އޭދަފުށީ ވެޓެރަންސް ޓީމާ ދެކޮޅަށެވެ. މެޗު ފަށާނީ 16:30 ގަ އެވެ.
ކުރިން އެފްއޭއެމުން މި މުބާރާތް ބޭއްވި ނަމަވެސް ފަހަކަށް އައިސް މި މުބާރާތް ބޭއްވީ އެކި ކްލަބްތަކުންނެވެ. މީގެ ކުރިން ސޮކަ ވެޓެރަންސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ބޭއްވިއިރު، މި މުބާރާތް ފަހުން ބާއްވާފައިވަނީ މޯލްޑިވްސް ސޮކަ މޭޓްސް އިންނެވެ. ސޮކަ މޭޓްސްގެ ސްޕޮންސަރަކަށް ހަމަޖައްސާފައިވަނީ ޖަލްބޫތު މޯލްޑިވްސް އެވެ.
ތިރީސް ފަސް އަހަރުން މަތީގެ ކުޅުންތެރިންނަށް ހާއްސަ ވެޓެރަންސް މުބާރާތަކީ ކުރީގެ ތަރިންގެ ކުޅުން މިހާރު ފެންނަ ހަމައެކަނި މުބާރާތެވެ. މި މުބާރާތުގައި ކުރިން ފުރަތަމަ ޑިވިޝަނުގެ ކްލަބްތަކަށް ކުޅުނު ކުޅުންތެރިންނާއި ގައުމީ ޓީމުގައި ގިނަ ކާމިޔާބީތައް ހޯދާފައިވާ ކުޅުންތެރިން ކުޅެ އެވެ. މިދިޔަ އަހަރުތަކުގައި މި މުބާރާތުގެ ވާދަވެރިކަން ބޮޑުވެ އެކި ކުޅުންތެރިންގެ ޓްރާންސްފާތައް ވެސް ވަނީ ހިނގައިފަ އެވެ.