01 މެއި 2019 - 08:10

ދާދި ފަހުން އިއުލާން ކުރި ޑައިރެކްޓަރު ސުޖިތު ސިރްކާސްގެ ތާރީހީ ބައޮގްރަފިކަލް ޑްރާމާ "އުދަމް ސިންގް" ގެ ޝޫޓިން ފަށައިފި އެވެ.
އިނގިރޭސިވިލާތުގައި މި ވަގުތު ޝޫޓިން ކުރިއަށްދާ ފިލްމުގެ ސެޓުން ނަގާފައިވާ ބައެއް ފޮޓޯތައް ވެސް މިހާރު ވަނީ ޓްވިޓާގައި އާންމުކޮށްފަ އެވެ.
އިންޑިއާގެ މިނިވަން ކަމަށްވާ މަސައްކަތް ކުރި ބަތަލެއް ކަމަށްވާ އުދަމް ސިންގެ ވާހަކަ ކިޔައިދޭ ފިލްމުގެ ޓައިޓްލް ރޯލް ކުޅެނީ އަރަމުން ޒުވާން އެކްޓަރު ވިކީ ކޯޝަލް އެވެ.
މިއީ ސުޖިތުއާ އެކު އޭނާ މަސައްކަތް ކުރާ ފުރަތަމަ ފިލްމު ވެސް މެ އެވެ. ވިކިއަކީ މި އަހަރުގެ އެންމެ ކާމިޔާބު އެއް ފިލްމު ކަމަށްވާ "އުރީ: ދަ ސާޖިކަލް ސްޓްރައިކް" ގެ ބަތަލެވެ.
އަދި ރިލީޒް ކުރާނެ ސީދާ ތާރީހެއް އިއުލާން ނުކުރާ "އުދަމް ސިންގް" އަކީ މިދިޔަ އަހަރު ރިލީޒް ކުރި ވަރުން ދަވަންގެ "އޮކްޓޯބާ" އަށް ފަހު، ސުޖިތު ގެނެސްދޭ ފުރަތަމަ ފިލްމެވެ.
"އުދަމް ސިންގް" އަށް ފަހު ވިކީ ދެން ޝޫޓިން ފަށާނީ ކަރަން ޖޯހަރުގެ "ތަހުތު" ގަ އެވެ.
މިހާރު ޝޫޓް ކުރަމުން އަންނަ ރާނީ މުކަރްޖީގެ ފިލްމު "މަރުދާނީ 2" ގައި އޭނާ ފުލުސް ޔުނިފޯމްގައި ހުއްޓައި ނަގާފައިވާ ފޮޓޯއެއް ދައްކާލައިފި އެވެ.
އެ ފިލްމު ޕްރޮޑިއުސް ކުރާ ރާނީގެ ފިރިމީހާ އަދިތިޔާ ޗޯޕްޅާގެ ފިލްމު ކުންފުނި ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) ގެ ޓްވިޓާގައި ވެސް ވަނީ ފޮޓޯ ހިމަނައިފަ އެވެ. "މަރުދާނީ 2" އަކީ ރާނީ 2014 ގައި ކުޅުނު "މަރުދާނީ" ގެ ދެވަނަ ބައެވެ.
މި ފަހަރު ފިލްމު ޑައިރެކްޓް ކުރަނީ ފުރަތަމަ ބައިގެ ސްކްރީންޕްލޭ ލިޔުނު ގޯޕީ ޕުތުރާނެވެ. ފުރަތަމަ ބައި ޑައިރެކްޓް ކުރީ ޕްރަދީޕް ސަރުކާރެވެ.
"މަރުދާނީ 2" ރިލީޒް ކުރާނެ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ.
ބިރުވެރި ފިލްމު "ރާގިނީ އެމްއެމްއެސް 2" ކުޅުނު ބަތަލާ ސަނީ ލިއޯނީ ހޮރޯ-ކޮމެޑީއަކަށް ސޮއިކޮށްފި އެވެ.
"ކޮކަ-ކޯލާ" ގެ ނަން ދީފައިވާ މި ފިލްމުގެ ޝޫޓިން އަންނަ ޖޫން މަހު ފަށަން ތާވަލުކޮށްފައިވާ އިރު، ސަނީއާ އެކު ދެން ފިލްމުން ފެންނާނެ ކާސްޓުން ފައިނަލް ކުރުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ.
މީގެ މަންޒަރުތައް ނަގަން ހަމަޖެހިފައި ވަނީ އިންޑިއާގެ ދެހެރާދޫން، ހަރިދުވާރް އަދި މުސޫރީގަ އެވެ.
ސަނީ އެންމެ ފަހުން ކުޅުނު ފިލްމަކީ 2017 ގެ "ތޭރާ އިންތިޒާރު" އެވެ. އޭނާގެ ކުރިއަށް އޮތް ފިލްމަކީ ހާއްސަ ރޯލަކުން ފެނިގެންދާ އަދި ޖުލައި 19 ގައި ރިލީޒް ކުރާ "އަރުޖުން ޕަޓިއާލާ" އެވެ.
އެ ފިލްމުގެ ތަރިންނަކީ ކްރިތީ ސެނަން، ދިލްޖީތު ދޮސަންޖް އަދި ވަރުން ޝަރުމާ އެވެ.
ފިތުރު އީދުގައި ރިލީޒްކުރާ ސަލްމާން ހާންގެ ފިލްމު "ބާރަތު" ދެވަނަ ލަވައިގެ ޓީޒާ ދައްކާލައިފި އެވެ.
"ޗަޝްނީ" ގެ ނަން ދީފައިވާ މި ލަވައިން ފެނިގެން ދާނީ ސަލްމާނާއި ކެޓްރީނާ ކެއިފެވެ. ލޯބީގެ މި ލަވައިގެ މަންޒަރުތައް ނަގާފައި ވަނީ މޯލްޓާގަ އެވެ. "ޗަޝްނީ" ގެ ފުލް ލަވަ ވެސް ވަރަށް އަވަހަށް ދައްކައިލާނެ އެވެ.
"ބާރަތު" ގެ ލަވަތަކުގެ ތެރެއިން ފުރަތަމަ ދައްކައިލީ ސަލްމާނާއި ޑިޝާ ޕަޓްނީ ފެނިގެންދާ ލަވަ "ސްލޯ މޯޝަން" އެވެ.
އަލީ އައްބާސް ޒަފަރު ޑައިރެކްޓްކޮށްފައިވާ ފިލްމު ސިނަމާ އަށް ގެންނާނީ އަންނަ މަހުގެ 5 ގަ އެވެ.