މިހާރު 1077، ދެން ތިބޭނީ 655 ކައުންސިލަރުން
މިހާރު 1077، ދެން ތިބޭނީ 655 ކައުންސިލަރުން

ރަށު ކައުންސިލާއި އަތޮޅު ކައުންސިލްތަކުގެ މެމްބަރުންގެ އަދަދު މަދުކުރަން ފާސްކުރުމާ ގުޅިގެން ދެން އޮންނަ އިންތިހާބެއްގައި ރަށު އަދި އަތޮޅު ކައުންސިލްތަކަށް އިންތިހާބު ކުރަން ޖެހޭނީ 655 ކައުންސިލަރުން ކަމަށް ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

ލޯކަލް ކައުންސިލްތަކުގެ ގާނޫނަށް އެންމެ ފަހުން ގެނައި އިސްލާހުގައިވާ ގޮތުން 3000 މީހުންނަށް ވުރެ މަދު އާބާދީއެއް ހިމެނޭ ކޮންމެ ރަށެއްގެ ރަށު ކައުންސިލަށް އިންތިހާބު ކުރަން ޖެހޭނީ ތިން ކައުންސިލަރުންނެވެ. އަދި 3000 މީހުންނަށް ވުރެ ބޮޑު އާބާދީއެއް އޮންނަ ކޮންމެ ރަށެއްގެ ރަށު ކައުންސިލަށް އިންތިހާބު ކުރަން ޖެހޭނީ ފަސް ކައުންސިލަރުންނެވެ.

މީގެ އިތުރުން އަތޮޅު ކައުންސިލްގައި ދެ އިންތިހާބީ ދާއިރާ ހިމެނޭ ނަމަ އިންތިހާބު ކުރަން ޖެހޭނީ ތިން ކައުންސިލަރުންނެވެ. އަދި ދެ އިންތިހާބީ ދާއިރާއަށް ވުރެ ގިނަ ނަމަ އިންތިހާބު ކުރަން ޖެހޭނީ ކޮންމެ ދާއިރާއަކުން އެއް ކައުންސިލަރެވެ.

އިލެކްޝަންސް ކޮމިޝަނުން "މިހާރު"އާ ހިއްސާ ކުރި ތަފާސްހިސާބުތަކުން ދައްކާގޮތުގައި ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކުގައި މިހާރު ތިބޭ މެމްބަރުންގެ އަދަދަކީ 1077 އެވެ. އެކަމަކު އިސްލާހު ގެނައުމާއެކު އެ އަދަދު 655 އަށް މަދުވާނެ އެވެ. އެއީ 422 ކައުންސިލަރުން މަދުވުމެވެ.

ރަށު ކައުންސިލަރުންގެ ގޮތުގައި މިހާރު ތިބީ 945 މީހުންނެވެ. އެކަމަކު އާ އިސްލާހުގެ ދަށުން އެ އަދަދު 585 އަށް ކުޑަވާނެ އެވެ.

ތަފާސްހިސާބުތަކުން ދައްކާގޮތުގައި ރަށު ކައުންސިލަރުންގެ މުސާރައަށް މިހާރު 11 މިލިޔަނަށް ވުރެ ގިނަ ރުފިޔާ ހަރަދުވެ އެވެ. އެކަމަކު ކައުންސިލަރުންގެ އަދަދު މަދުވުމާ ގުޅިގެން ދެން ކައުންސިލަރުންނަށް މުސާރައިގެ ގޮތުގައި ހަރަދު ކުރަން ޖެހޭނީ 7.3 މިލިޔަން ރުފިޔާ އެވެ. އެއީ ގާތްގަނޑަކަށް ހަތަރު މިލިޔަން ރުފިޔާގެ ފަރަގެކެވެ.

އަތޮޅު ކައުންސިލްތަކުގެ މެމްބަރުންގެ އަދަދު މިހާރު 132 އަށް އަރާއިރު އެ މީހުންގެ މުސާރައަށް 2.7 މިލިޔަން ރުފިޔާ ހަރަދުވެ އެވެ. އެކަމަކު އިސްލާހުގެ ދަށުން މެމްބަރުންގެ އަދަދު 70 އަށް ކުޑަވާއިރު މުސާރައިގެ ގޮތުގައި ހަރަދުވާނީ 1.5 މިލިޔަން ރުފިޔާ އެވެ. މިއީ ދެ ގުނަ ދަށްވުމެކެވެ.

ވަކިވަކި އަތޮޅުތަކަށް ބަލާއިރު ރާއްޖޭގައި އެންމެ ގިނައިން ރަށު ކައުންސިލަރުން ތިބެނީ ދެ ވަނައަށް އެންމެ އާބާދީ ބޮޑު ރ. އަތޮޅުގަ އެވެ. އެ އަތޮޅުގައި މިހާރު 77 ކައުންސިލަރުން ތިބޭއިރު ދެން އިންތިހާބު ކުރަން ޖެހޭނީ 47 ކައުންސިލަރުންނެވެ. (މާލެ އާއި އައްޑޫގައި އޮންނަނީ ސިޓީ ކައުންސިލް ކަމުން މި ލިސްޓުގައި މި ދެ ތަން ނުހިމެނެ އެވެ.)

އެންމެ އާބާދީ ބޮޑު ހދ. އަތޮޅުގެ ރަށު ކައުންސިލްތަކުގައި 67 މެމްބަރުން ތިބޭއިރު އިސްލާހުގެ ދަށުން ދެން އިންތިހާބު ކުރަން ޖެހޭނީ 41 ކައުންސިލަރުންނެވެ.