"ޖަވާނި ޖާނެމަން" އަށް ސައިފް އަލީ ހާން ހިކެނީ
"ޖަވާނި ޖާނެމަން" އަށް ސައިފް އަލީ ހާން ހިކެނީ

ޝޫޓިން ފަށަން ތައްޔާރުވަމުން އަންނަ، ސައިފް އަލީ ހާންގެ އާ ފިލްމު "ޖަވާނި ޖާނެމަން" އަށް އޭނާ ހިކެން ހާއްސަ ޑައިޓެއް ފޮލޯކުރަން ފަށައިފި އެވެ.

މަސްތައް ވިރުވާލައި މިހާރު ހުރި ވަރަށް ވުރެ ޒުވާންކޮށް އަދި ފިޓްކޮށް ސައިފް ދައްކުވައިދޭ ފިލްމުގެ ޝޫޓިން ފަށާނީ ޖޫން މަހުގެ ތެރޭގަ އެވެ. އެގޮތުން ކެރެކްޓާ އަށް ތައްޔާރުވާން ކުރާ މަސައްކަތުގައި ހާއްސަ ޑައިޓެއްގެ އިތުރުން ކަސްރަތުގެ ސެޝަންތަކެއް ވެސް ކޮންމެ ދުވަހަކު ތިން ގަޑިއެއްހާއިރު ސައިފް އަންނަނީ ނަގަމުންނެވެ.

އުމުރުން 48 އަހަރުގެ ސައިފް "ޖަވާނި ޖާނެމަން" ގައި ފެންނާނީ ޒުވާން އަންހެން ދަރިއަކު ހުރި އަދި މުސްކުޅި ކަމަށް ގަބޫލު ނުކުރާ، ހިތް ޒުވާން ބައްޕައެއްގެ ގޮތުގަ އެވެ.

މި ފިލްމުގައި އޭނާގެ ދަރިފުޅުގެ ރޯލު ކުޅޭނީ އަލަށް ތައާރަފު ކުރާ އަލައިއާ ފަރުނީޗަރުވާލާ އެވެ. އޭނާއަކީ ކުރީގެ ބަތަލާ ޕޫޖާ ބޭދީގެ ދޮށީ އަންހެން ދަރިފުޅެވެ.

ސައިފްގެ އަމިއްލަ ފިލްމު ކުންފުނި ބްލެކް ނައިޓް ފިލްމްސްގެ އަލަތު ފިލްމުގެ ގޮތުގައި ގެނެސްދޭ "ޖަވާނި ޖާނެމަން" ގެ ޑައިރެކްރަކީ ސަލްމާން ހާން ޕްރޮޑިއުސްކޮށް މިދިޔަ މާޗް މަހު ރިލީޒްކުރި "ނޯޓްބުކް" ގެ ޑައިރެކްޓަރު ނިތިން ކައްކަރެވެ.

ފިލްމުގެ ޝޫޓިން ޖޫން މަހު އިނގިރޭސިވިލާތުގައި ފެށުމަށް ފަހު، އެއްވާނެއްގައި ކުރިއަށް ގެންގޮސް 45 ދުވަހުގެ ތެރޭގައި އެއްކޮށް ނިންމައިލަން ވަނީ ރާވައިފަ އެވެ.

ސައިފްގެ ކުރިއަށް ހުރި ޕްރޮޖެކްޓްތަކުގެ ތެރޭގައި "ތާނަޖީ: ދި އަންސަންގް ވޮރިއާ"، "ހަންޓާ"، "ބޫތު ޕޮލިސް"، ހާއްސަ ފެނިލުމަކުން ފެނިގެންދާ "ދިލް ބޭޗާރާ" އަދި ވެބް ސީރީޒް "ސެކްރެޑް ގޭމްސް 2" ހިމެނެ އެވެ.

ބަތަލާ ކަރީނާ ކަޕޫރްގެ ފިރިމީހާ އަދި ބަތަލާ ސާރާ އަލީ ހާންގެ ބައްޕަ ސައިފް އެންމެ ފަހުން ފެނިފައި ވަނީ މިދިޔަ އޮކްޓޯބަރު މަހު ރިލީޒް ކުރި "ބާޒާރު" އިންނެވެ.