01 މެއި 2019 - 08:12

އާދިއްތަ ދުވަހާ ގުޅޭ
ޑޮކްޓަރު ދިނީ ބިރުވެރި ޚަބަރެކެވެ.
"މަރުހަބާ!" ހިނިތުންވުމަކާއެކު ޑޮކްޓަރު ބުންޏެވެ. " ޔޫ އާ ޕްރެގްނަންޓް! ބަނޑަށް ހަތަރު މަސް."
އަހަންނާއި ނަސީރަށް ބަލައިލެވުނީ އެކަކުއަނެކަކުގެ މޫނަށެވެ. ލިބުނު ހައިރާންކަމެއްގެ ބޮޑުކަމުން އެކަކަށް ވެސް އުފަލެއް ނުވެވުނެވެ.
"ޕްރެގްނަންޓް؟" ނަސީރަށް ބުނެވުނެވެ. "އަދި އެއްފަހަރު ޓެސްޓު.."
"ޝައްކެއް ނެތި މި ބުނަނީ،" ޑޮކްޓަރު ޔަގީންކަމާ އެކުގައި ބުންޏެވެ. "ގެއަށް ގޮސް ސެލެބްރޭޓުކުރޭ! އެކަމަކު މާ ބޮޑަށް ތެޅިފޮޅިނަހަދާތި! ރަނގަޅީ މަހެއްވަންދެން ބެޑްރެސްޓު ނެގުން."
އަހަރެންގެ ނޭވާ ކުރުވެގެންދިޔައެވެ. އިތުރު ދަރިޔަކު ހޯދާކަށް އަހަރެން ބޭނުމެއް ނޫނެވެ. ނަސީރު ވެސް ބޭނުމެއް ނުވާނެކަން އަހަންނަށް ޔަގީނެވެ. އެއް ދުވަހު ހަތަރުދަމު ގޭގައި މަޑުކުރަން ބޭނުން ނުވާ މީހަކު މަހެއްވަންދެން އެނދުގައި އޮންނާނީ ކިހިނެއް ހެއްޔެވެ؟ އެނދުގައި އޮންނަން ހިތަށްއެރުވިޔަސް އަހަރެންގެ މޭތެޅިގަނެއެވެ. ހޮސްޕިޓަލުން ނުކުމެގެން ޓެކްސީއާ ހަމައަށް ދިޔައިރު ވެސް އަހަރެން ހަމަޔަކަށްނޭޅެއެވެ. އަނގައިން ބަހެއް ނުބުނެވެއެވެ. ޓެކްސީ އައިސް މަޑުކުރުމުން ނަސީރު ދޮރު ހުޅުވައިދިނެވެ. ޓެކްސީއަށް އެރުމުން ދޮރު ލައްޕައިދިނެވެ. ނަސީރު ވެސް އެރީ ފަހަތު ސީޓަށެވެ. އަހަރެން ގަބުވެފައި އިނީއެވެ. ނަސީރު މަޑުމަޑުން އަހަރެންގެ ކޮނޑުގައި ހިފަހައްޓައިލިއެވެ. ގެއަށް ކާރު ހުއްޓުމުން ދޮރު ހުޅުވައިދިނެވެ.
"އަހަންނަށް ވެސް ދޮރު ހުޅުވޭނޭ!" ވަރަށް ބާރަށް އަހަންނަށް ބުނެވުނެވެ. "ކުއްލިއަކަށް ނަސީރު ކޮން ވައްތަރަކަށްތަ ތި އުޅެނީ؟ އަހަންނަކީ ބަލިމީހެއް ނޫނޭ! ކުޑަކުއްޖެއް ވެސް ނޫން."
ނަސީރު އެއްޗެއް ނުބުނެއެވެ. އަހަރެން ހަލުވި ފިޔަވަޅެއްގައި ގޮސް ކޮޓަރިއަށް ވަދެ އެނދުގައި އިށީނދެލީމެވެ. އެ ހިސާބުން ކަރުނައެއް ނުހިފޭއްޓުނެވެ. ކުރިޔަށް އޮތް ދުވަސްތަކުގައި އަހަރެން އުޅެންޖެހޭނެ ހާލު ހިތަށްއަރައިފައި ރޮވިއްޖެއެވެ. އަހަންނަށް ހީވީ އެކުވެރިންގެ މެދުގައި އަހަރެން ހުއްޓައި ކުއްލިއަކަށް އަހަރެން ބިމުގެތެރެއަށް ގަނބައިގަތްހެންނެވެ. އެކަކަށް ވެސް އަހަރެން ސަލާމަތް ނުކުރެވުނުހެންނެވެ. އަހަރެން ހިތަށްއެރިއެވެ. ބަނޑަށް ހަތަރު މަސް ވީއިރު އަހަންނަށް ނޭނގުނީ ކީއްވެގެން ހެއްޔެވެ؟ އަހަންނަކީ ތިން ކުދިން ވިހައިފައިވާ މީހެކެވެ. ކޮންމެ ފަހަރަކު ވެސް ވަރަށް ކުރީކޮޅުގައި އަހަންނަށް އެނގެއެވެ.
"ނޫންނޫން!" ހިތާހިތުން އަހަރެންނަށް ބުނެވުނެވެ. "އަހަރެން ކުއްޖެއް ބޭނުމެއް ނޫން."
އަހަރެން ހިތަށްއެރިއެވެ. ވަރަށް ސާފުކޮށް ނަސީރު ގާތުގައި އަހަރެން ބުނާނަމެވެ. އަހަންނަކަށް އަލުން ކުއްޖަކު ނުވިހޭނެއެވެ. ނުވެސް ބެލޭނެއެވެ. މައްސަލައަކީ ބަނޑުގައި ރިހުމެއް ނުވަތަ ހޮޑުލެވުމެއް ނޫނެވެ. ނުކެވުމާއި ނިދިން މަހުރޫމުވުމެއް ވެސް ނޫނެވެ. އަހަރެންގެ ބިރަކީ އެކަނިވެރިކަމެވެ. އަނެއްކާ ވެސް އެތައް ޒަމާނަކަށް އެކުވެރިންނާ ވަކިވާންޖެހުމެވެ. ދެން ހިތަށްއެރިއެވެ. ނަސީރު ކޮބައި ހެއްޔެވެ؟ ކޮޓަރިއަށް ނުވަދެ ލަސްވަނީ ކީއްވެގެން ހެއްޔެވެ؟ ދިހަ ވަރަކަށް މިނެޓު ވީއިރު ވެސް އޭނައެއް ނައެވެ. އަހަރެން ފޯނުކުރީމެވެ. ހަތަރު ފަހަރު ގުޅީމަ ވެސް ފޯނެއް ނުނެގިއެވެ. މެސެޖެއް ލިޔަން ފަރިކޮށްލި ވަގުތު ނަސީރު ކުއްލިއަކަށް ދޮރު ހުޅުވައިލިއެވެ. ފުރަތަމައިނުން ވެސް ދިއްކޮށްލީ މާބޮނޑިއެކެވެ. އެއަށް ފަހު ނަސީރު ވަނެވެ.
"މަރުހަބާ!" ހިނިތުންވާން މަސައްކަތްކުރަމުން ނަސީރު ބުންޏެވެ.
އަހަރެން ހައިރާންވެފައި އިންދައި ނަސީރު އައިސް މާބޮނޑި ދިއްކޮށްލިއެވެ. އަހަރެން މާބޮނޑި ޖަހައިގަތީމެވެ. މާބޮނޑިން ނަސީރު ގައިގައި ނިކަން ބާރަށް އެތިފަހަރެއް ޖެހީމެވެ. މަލުގެ ފިޔަތައް ވިއްސިވިހާލިވެގެންދިޔައެވެ.
"ފުރަން ޓިކެޓުނަގާ!" އަހަރެން ބުނީމެވެ. "ދޭ ޓިކެޓުނަގަން."
ނަސީރު ވަރަށް ގިނަ ވާހަކަދައްކަން މަސައްކަތްކުރިއެވެ. އެންމެ ލަފުޒެއް ވެސް އަހަރެން އަޑެއްނާހަމެވެ. ފާހާނާއަށް ވަދެފައި ދޮރު ތަޅުލީއެވެ. ނަސީރު ދޮރުގައި ޓަކިޖަހައި ދެއްކި އެއްވެސް ވާހަކައެއް އަހަރެން އަޑެއްނާހަމެވެ. މަސައްކަތްކުރީ އަހަންނަށް ނޭނގި ބަނޑަށް ހަތަރު މަސްވީ ސަބަބު ހޯދާށެވެ. އެންމެ ހަގު ދަރިފުޅަށް ފަނަރަ ފުރުނު ފަހުން އަހަރެންގެ މައްސަރުކަންތައް އޮޅުންބޮޅުންވެއްޖެއެވެ. އެއްބައި ފަހަރު ދެ މަސް، އަނެއްބައި ފަހަރު ތިން މަސް ވެސް ނަގައެވެ. އެ ކަމަކަށް އަހަރެން އެހާ ސަމާލުކަމެއް ނުވެސް ދެމެވެ. އަހަންނަކީ ފަލަ މީހެއް ނޫނެވެ. ކަސްރަތަށް ފަރުވާކުޑައެއް ނުކުރަމެވެ. ލާހިތްވާ ހުރިހާ ހެދުމެއް އަހަންނަށް ލެވެއެވެ. މޭނުބައެއް ނުކުރެއެވެ. ހީވި ކަހަލައެވެ. ދަރިފުޅު ބޭނުންވީ އަހަރެން ސިއްސައިލާށެވެ. އަހަރެންގެ އުފާތައް ފޭރިގަންނާށެވެ. އޭނަގެ މުށުތެރޭގައި އަހަރެން ހައްޔަރުކޮށްލާށެވެ.
"ލާހިކެއް ނޫން އެހެންވާކަށް." ވައިއަޑުން އަހަރެން ބުނީމެވެ.
ރާއްޖެއިންބޭރަށްދާން ނަސީރު ޓިކެޓެއް ނުނެގިއެވެ. ހެނދުނު ހޭލައިގެން އޮފީހަށްދާން އުޅެފައި އެ ކަން ވެސް ކެންސަލުކުރިއެވެ. އަހަރެން ސަޔެއް ނުބޮމެވެ. ރޮއިރޮއި އޮތީއެވެ. އަހަރެން ހަމަޔަކަށްއެޅެންދެން އެއްޗެއް ނުބުނަން ނަސީރު ވަރަށް މަސައްކަތްކުރިއެވެ. އެންމެ ފަހުން އޭނަ ވަރުބަލިވިއެވެ.
"އަހަންނަކަށް ނުވިސްނޭ ތިހާ ރޯންޖެހޭ ސަބަބެއް." ނަސީރު ބުންޏެވެ.
"އަހަންނަކަށް ނުވިސްނޭ އަހަންނަށް ނޭނގި ބަނޑަށް ހަތަރު މަސް ވީ ކިހިނެއްކަމެއް،" އަހަރެން ބުނީމެވެ. "ހަތަރުވަނަ ކުއްޖަކަށް އަހަރެން ރެޑީއެއް ނޫން. ނަސީރު ވެސް ރެޑީއެއް ނޫން. އަހަރުމެންގެ ދިރިއުޅުން ވެސް ރެޑީއެއް ނުވޭ! މި އޭޖުގަ ދަރިއެއް ވިހައިގެން ކިހިނެއް ގެންގުޅޭނީ؟ އަނެއްކާ ކުއްޖަކު ބަނޑުދަށުލައިގެން ބިސްފީކުރާކަށް މަށަކަށް ނީނދެވޭނެ. މި ބުނަނީ ނީނދެވޭނޭ. އަސްލު އަހަރެން ބަނޑުބޮޑުވެގެން ވެސް ނުވާނެއްނު."
"އަހަރެން ވެސް ތިހެނޭ މި ހިތަށްއަރަނީ،" އަހަރެންގެ ކޮނޑުގައި ފިރުމައިލަމުން ނަސީރު އޯގާތެރިކަމާ އެކުގައި ބުންޏެވެ. "ކީއްވެބާ ބަނޑުބޮޑުވީ؟"
"ކަލެޔާ ހެދި،" ނަސީރުގެ އަތް ފޮޅުވައިލަމުން އަހަރެން ބުނީމެވެ. "މީ ނަސީރު ގަސްތުގަ އަހަންނަށް ދިން ލަނޑެއް. ނަސީރު ހަނދާންކުރާތި! ތި ބިންދާލީ އަހަރެންގެ ދެ ފައި."
އަހަރެން ރުޅިއައިސްފައި ހުރިވަރުން ނަސީރު އިތުރު އެއްޗެއް ނުބުނެއެވެ. އަހަންނާ ދިމާއަށް ބަލަހައްޓައިގެން އިނީއެވެ.
"ކުރީ ބައިގަ މި ބުނަނީ،" އަހަރެން އިންޒާރުދިނީމެވެ. "އަހަންނަށް މި ކުއްޖާ ވިހެން ޖައްސައިފިއްޔާ... ނަސީރު ފަހުން ދެރަވާނެ. ވަރަށް ދެރަވާނެ."
އަހަންނާއި ނަސީރާ ދެމެދުގައި އޮތް ލޯބީގެ ވާފަށް އެ ހިސާބުން ކެނޑުނީއެވެ. އޭގެ ފަހުން ނަސީރަކީ އަހަރެންގެ ފިރިމީހާއެވެ. އަހަންނަކީ ނަސީރުގެ އަނބިމީހާއެވެ. އަހަރުމެންގެ ކައިވެންޏަކީ ދީނީގޮތުން ގާއިމުކުރެވިފައިވާ ގުޅުމެވެ. ހަތަރުދަމު އަހަރެން ހުންނަނީ ރުޅިގަދަވެފައެވެ. ބޭނުން ނެތް ކުއްޖަކު ވިހެންޖެހޭތީއެވެ. ގެއިން ނުކުންނަން ވިސްނާނެކަމެއް ވެސް ނެތެވެ. އެނދުން ތެދުވުން ވެސް އަހަންނަށް މަނަލެވެ. ފޫހިވެގެން ގޮސް މަރުނުވާކަމެވެ. އަހަރެންގެ ގުރޫޕުގެ އެންމެން ވެސް އަހަންނަށް ހިތްވަރުދިނެވެ. ގޮވާލަން އައެވެ. އަހަރެން އުފާކޮށްދޭން މަސައްކަތްކުރިއެވެ. އެކަމަކު، އެ މީހުން ދައްކާ ކޮންމެ ވާހަކައެއް އަހަންނަށް އިވެނީ މަލާމާތެއް ގޮތަށެވެ. އެކަކު ބުނި ގޮތުގައި ކަސްރަތުކުރަން ނުދާން އަހަންނަށް ބަހަނާއެއް ލިބުނީއެވެ. އަނެކަކުގެ ނަޒަރުގައި ނަސީރުގެ ފުރިހަމަ ކޮންޓުރޯލު އަހަންނަށް ލިބުނީއެވެ. އެކަކު ބުނި ގޮތުގައި އަހަރެންގެ ފިޔަ ކޮށައިލަން ނަސީރު ބޭނުންވީއެވެ. އެ ކަމަކީ ނަސީރު ދުރާލައި ރާވައިގެން ކުރި ކަމެކެވެ. އެ ކަހަލަ ވާހަކަތަކުން އަހަރެންގެ ފޫހިކަން ހައްތަހާ އިތުރުކުރުވިއެވެ. ބަދަލުހިފުމުގެ ޖޯޝެއް ހިތުގައި އުފެދެން ފެށިއެވެ. އެހެންނަމަވެސް އެ ޖޯޝަކަށް އަހަރެން ފެނެއް ނުދެމެވެ. ކާނާއެއް ވެސް ނާޅަމެވެ. ކުށެއް ނެތް ދަރިފުޅު ދެކެ ރުޅިއަންނާކަށް އަހަރެން ބޭނުމެއް ނޫނެވެ.
ބަނޑުގައި އޮތް ދަރިފުޅު ދެކެ ލޯބިވާން އަހަރެން ކިތަންމެ މަސައްކަތެއްކުރި ނަމަވެސް ހަގީގަތް ބަދަލެއް ނުކުރެވުނެވެ. ރައްޓެހިންގެ އުފާތަކުގައި ބައިވެރިނުވެވި، ގޭގައި ފޫހިވެފައި އަހަރެން އިންނަންޖެހުނީ މާބަނޑުވީމައެވެ. މާބަނޑުވުމުގެ ޒިންމާ އަހަރެން ބޮލުގައިއަޅާކަށް ނެތީމެވެ. ނަސީރެއް ވެސް ބޮލަކުނޭޅިއެވެ. ދެން ހުރީ ތުއްތުދަރިފުޅެވެ. އޭނައަކީ، ދިފާއުގައި ބަހެއް ބުނުމުގެ ކުޅަދާނަކަން ލިބިފައިނުވާ މާސޫމެކެވެ. އެ ކަން އަހަންނަށް އެނގެއެވެ. އެކަމަކު އޭނަ ދެކެ އަހަންނަކަށް ލޯތްބެއް ނުވެވުނެވެ. ފޫހިވުމެއް ނުހުއްޓުވުނެވެ. އަހަންނަށް އިހުސާސްކުރެވުނީ އެ ތުއްތު ކުއްޖާއަކީ އަހަރެންގެ ކަރުގައި އެޅުވުނު ހިލިހިލާގަނޑެއް ކަމުގައެވެ. ނަތީޖާއަކަށްވީ އޭނައަށް ފައިދާކުރާނެ ކާނާ ކެއުމުގެ އެއްވެސް ޝައުގުވެރިކަމެއް އަހަރެންގެ ނެތުމެވެ. އެ ފަހަރަކު ޖެހުނު އެއްޗެއް ކެއީއެވެ. ކަނޑައެޅިގެން ގެއްލުންލިބޭ ކަހަލަ އެއްޗެއް ނުކަމެވެ. ހަމަ އެހެންމެ ފައިދާއަކަށް ވެސް ނުވިސްނަމެވެ. ގަވައިދުން ކުލިނިކަށް ދާކަށް ވެސް އަހަރެން ހަނދާނެއް ނުހުރެއެވެ. ކޮންމެ ފަހަރަކު ނަސީރު ޖެހެނީ އަހަންނަށް ހަނދާންކޮށްދޭށެވެ. އަބަދުވެސް އަހަންނަށް ވިސްނެނީ ގެއްލުނު މިނިވަންކަމާ ދޭތެރޭގައެވެ. ވިސްނި ވަރަކަށް ރުޅިގަދަވެއެވެ. ފެންކަޅިވެއެވެ. އަހަރެން އިންނަނީ ނަސީރު އެއްޗެއް ނުބުނެގެންނެވެ. އޭނަ ބާރަށް ކިނބިއްސެއްއެޅިޔަސް، ވަޔެއްލިޔަސް އަހަރެން ކުދިކިޔަން ފަށަމެވެ. އަހަރެންގެ އެހެން ދަރިން އުފަންވިއިރު ހުންނާނީ ހެދުމާއި އޭތިމީތި ތައްޔާރުކޮށްފައެވެ. ކުދި ބާލީސް ހަދައި، އެނދު ހޯދައި، އިސްޓާކީނު ފަހައިފައެވެ. އެ ފަދަ އެއްވެސް ކަމެއް ކުރާހިތެއް ނުވިއެވެ.
"ކޮން ކަހަލަ ކުއްޖެއްތޯއެއް ނުބަލަން ތިއުޅެނީ ކީއްވެގެން؟" އެއްފަހަރަކު ކުލިނިކުން ނުކުންނަމުން ނަސީރު އެހިއެވެ. "ސަޕްރައިޒަކަށް ހަދަންތަ؟"
"މި އުޅެނީ ލިބުނު ސަޕްރައިޒް ކުޑަކަމުންތަ؟" އަހަންނަށް ބުނެވުނެވެ. "އަނެއްކާ ނިދިކޮޅު ނަގާލާ، ސްކޫލު ދޮށަށް ދުވެ، ނުކައިގެން ހަޅޭއްލަވާ، ފެންނުވަރަގައިގެން ހަޅޭއްލަވާ... ދެން ކޮން ފަދަ ކަމެއް؟ އަހަންނަށް ވަރިހަމަ ކޮންމެ ކަހަލަ ކުއްޖެއް ލިބުނަސް، ކޮންމެ ނަމެއް ކިޔަސް. އަހަންނެއް ލޯތްބެއް ވެސް ނުވާނެ. އުފަލެއް ވެސް ނުވާނެ."
އެ ފަދަ ޖަވާބުތައް އަޑުއިވުމުން ނަސީރު ހިތްހަމައެއްނުޖެހެއެވެ. އެތަކެއް ގަޑިއިރެއް ވާންދެން ބަސްމަދުވެފައި އިނދެއެވެ. އެއީ އަހަރެންގެ މައްސަލައެއް ނޫނެވެ. ނަސީރު ޖެހޭނީ ހިތްވަރު ގަދަކުރާށެވެ. ދެކެން ބޭނުން ނޫން ކިތަންމެ މަންޒަރެއް ނަސީރަށް ފެންނާނެއެވެ. އަރާމުކުރަން ޑޮކްޓަރު އެންގި މުއްދަތުހަމަވުމުން އަހަރެން އުޅުނީ އުޅޭނެ ގޮތަކަށެވެ. ބޭނުމަކީ އަހަރެން ބަލަހައްޓަން ނަސީރު ގޭގައި ބޭންދުމެވެ. އޭނަގެ މިނިވަންކަމަށް ވެސް ހުރަސްތައް ކުރިމަތިކުރުމެވެ.
އެއްދުވަހަކު އަހަންނަށް ހޭލެވުނީ އަވަލި ކާހިތްވެގެންނެވެ. ގޭގައި އަވަލި ހުރި ހަނދާނެއްވިއެވެ. ދޮންކެޔޮ ހުއްޓެވެ. ކުރީ ދުވަހު އަހަރެން ގޭނި ހުނި ވެސް އައިސްއަލަމާރީގައި ހުއްޓެވެ. އެކަމަކު އާންމުކޮށް ބޭނުންނުކުރާތީ އަވަލި ދަޅު ހުރީ ކަބަޑުގެ ތަންކޮޅެއް މަތީގައެވެ. ފަރުވާކުޑަ ގޮތަކަށް ގޮނޑިއެއް ކައިރިކޮށްލައިފައި ގޮނޑިއަށް އަހަރެން އެރީމެވެ.
ނުނިމޭ