ކޯމާގައި އޮތް ޑައިރެކްޓަރު ޖޯން ސިންގަލްޓަން މަރުވެއްޖެ
ކޯމާގައި އޮތް ޑައިރެކްޓަރު ޖޯން ސިންގަލްޓަން މަރުވެއްޖެ

މި މަހުގެ މެދުތެރޭގައި ސްޓްރޯކެއް ޖެހިގެން ކޯމާ އަށް ދިޔަ ހޮލީވުޑްގެ ޑައިރެކްޓަރު ޖޯން ސިންގަލްޓަން ހޯމަ ދުވަހު މަރުވެއްޖެ އެވެ.

އާއިލާ އިން އެކަން ކަށަވަރުކޮށްދެމުން ބުނީ މި މަހުގެ 17 ވަނަ ދުވަހު ނުރައްކާތެރި ސްޓްރޯކެއް ޖެހުނު ގޮތަށް ލޮސް އެންޖެލިސްގެ ސެޑާޒް ސިނައީ ހޮސްޕިޓަލްގައި ކޯމާއެއްގައި އޮތް ޖޯން، 51، މަރުވެފައިވާ ކަމަށެވެ. އަދި އޭނާ އަށް ފަރުވާ ދިން ޑޮކްޓަރުންނާއި އާއިލާ އަށް ހިތްވަރު ދީ ހެޔޮދުއާކޮށް ދިން ހުރިހާ އެންމެންނަށް ޝުކުރު އަދާކުރާ ކަމަށް ބުންޏެވެ.

ޖޯންގެ މަރުވި ހަބަރަކާ އެކު ހޮލީވުޑްގެ ވަރަށް ގިނަ ފަންނާނުން ވަނީ ޓްވިޓާ އާއި އިންސްޓަގްރާމްގައި ހިތާމަ ފާޅުކޮށްފަ އެވެ.

"ބޯއިޒް އެން ދަ ހުޑް" ފަދަ ފިލްމުތައް ގެނެސްދިން ޖޯން ފާހަގަކުރެވިފައި ވަނީ އޮސްކާގެ މޮޅު ޑައިރެކްޓަރުގެ މަގާމަށް ނޮމިނޭޓްވި ކަޅު ނަސްލުގެ ފުރަތަމަ ޑައިރެކްޓަރުގެ ގޮތުގަ އެވެ.

އޭނާ ޑައިރެކްޓްކޮށްފައިވާ އިތުރު ފިލްމުތަކުގެ ތެރޭގައި "ޕޮއެޓިކް ޖަސްޓިސް"، "ބޭބީ ބޯއި" އަދި "2 ފާސްޓް އެންޑް 2 ފިއުރިއަސް" ހިމެނެ އެވެ.

ބައެއް ޓީވީ ސިލްސިލާތައް ވެސް ޑައިރެކްޓް ކުރި ޖޯން އެންމެ ފަހުން ބެލުންތެރިންނަށް ގެނެސް ދިނީ 2011 ގެ "އެބްޑަކްޝަން" އެވެ.