ދަނޑުމަތީގައި އެކުވެރިކަމެއް ނޯންނާނެ: ސުއަރޭޒް
ދަނޑުމަތީގައި އެކުވެރިކަމެއް ނޯންނާނެ: ސުއަރޭޒް

ބާސެލޯނާ (އޭޕްރީލް 30) - ޔުއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގައި މާދަމާ ރޭ އޭނާގެ ކުރީގެ ޓީމު ލިވަޕޫލާ ދެކޮޅަށް ކުޅޭއިރު ދަނޑު މަތީގައި އެކުވެރިކަމެއް ނޯންނާނެ ކަމަށް ބާސެލޯނާގެ ފޯވާޑް ލުއިސް ސުއަރޭޒް ބުނެފި އެވެ.

ދަނޑުމަތީގައި އެކުވެރިކަމެއް ނޯންނާނެ: ސުއަރޭޒް
ދަނޑުމަތީގައި އެކުވެރިކަމެއް ނޯންނާނެ: ސުއަރޭޒް

ނެދަލެންޑްސްގެ އަޔަކްސް ދޫކޮށް 2011 ގައި ލިވަޕޫލަށް ބަދަލުވި ސުއަރޭޒަކީ އެ ކްލަބަށް ހާއްސަ ކުޅުންތެރިއެކެވެ. ލިވަޕޫލާ އެކު 2012 ވަނަ އަހަރުގެ ލީގު ކަޕް ކާމިޔާބުކުރި ސުއަރޭޒް އަބަދުވެސް ލިވަޕޫލާ އެކު ހާއްސަ ގުޅުމެއް ބާއްވަ އެވެ. ލިވަޕޫލް ދޫކޮށް 2014 ގައި ބާސެލޯނާއާ ގުޅުނު ފަހުން ސުއަރޭޒް ބުނީ އެނބުރި އިނގިރޭސި ޕްރިމިއާ ލީގުގެ ކްލަބަކަށް ބަދަލުވާ ނަމަ އޭނާގެ އެންމެ ފުރަތަމަ އިހުތިޔާރަކަށް ދެން ވެސް ވާނީ ލިވަޕޫލް ކަމަށެވެ.

ތިން އަހަރަށް ފަހު ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގައި ބާސެލޯނާ ވާދަކުރާއިރު، މި ސީޒަނުގައި އެ ޓީމުގެ އެންމެ ބޮޑު އަމާޒަކީ އެ މުބާރާތުގެ ތައްޓެވެ.

ސުއަރޭޒް ބުނީ ފައިނަލުގެ ކުރިން ލިވަޕޫލާ ކުޅެން ޖެހުމަކީ ބާސެލޯނާ އަށް އޮތް ބޮޑު ޗެލެންޖެއް ކަމަށެވެ.

"އަހަރެން އަބަދުވެސް ލިވަޕޫލާ މެދު ދެކޭނީ ވަރަށް ގާތްކޮށް. އެކަމަކު ވާދަވެރި މެޗަކަށް ނުކުންނައިރު އެކުވެރިކަމެއް ނޯންނާނެ،" ސުއަރޭޒް ބުންޏެވެ.

"ލިވަޕޫލުން އަހަންނަށް ވަރަށް ގިނަ ކަންތައްތަކެއް ހާސިލްކޮށްދިން. އެކަމަކު ދަނޑު މަތީގައި އަހަރެންގެ ވިސްނުން ބަހައްޓާނީ ޕްރޮފެޝަނަލްކޮށް."

ލިވަޕޫލުން 2013-2014 ވަނަ އަހަރު ލީގަށް ވާދަކުރިއިރު ސުއަރޭޒް ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ. އެފަހަރު ނާކާމިޔާބުވިޔަސް މި އަހަރުގެ އިނގިރޭސި ލީގު ނެގުން އެންމެ ކައިރި އެއް ޓީމަކީ ލިވަޕޫލެވެ. ސުއަރޭޒް ބުނި ގޮތުގައި އޭރުގެ ޓީމަށް ވުރެ މިހާރު އޮތް ލިވަޕޫލް ޓީމު މާ ވަރުގަދަ އެވެ.

"ވަރަށް ރަނގަޅު ބެލެންސެއް އެބަ އޮތް ހުރިހާ މަގާމެއްގައި ވެސް. މިއީ ބާސެލޯނާ އަށް ރަނގަޅު ޓެސްޓެއް،" ޕްރިމިއާ ލީގުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފައިވާ ސުއަރޭޒް ބުންޏެވެ.

މުބާރާތުގެ ކުއާޓާ ފައިނަލުގައި މެންޗެސްޓާ ޔުނައިޓެޑް އަތުން ބާސެލޯނާ މޮޅުވިއިރު، އެފަދަ ކާމިޔާބެއް ލިވަޕޫލާ ދެކޮޅަށް ތަކުރާރުކުރެވޭނީ ވަރަށް ވިސްނުންތެރިކަމާ އެކު ކުޅެގެން ކަމަށް އޭނާ ބުނެ އެވެ.

"ޔުނައިޓެޑާ ދެކޮޅަށް އަހަރެމެން ހެދި ގޯސްތައް ލިވަޕޫލާ ދެކޮޅަށް ތަކުރާރުވެއްޖެ ނަމަ މީގެ ގެއްލުން ބޮޑުވާނެ. ލިވަޕޫލް ވަނީ މިދިޔަ އަހަރު ފައިނަލުގައި ކުޅެފައި. އެ ޓީމުން އަންނާނީ ހުރިހާ ހާލަތަކަށް ޓީމު ތައްޔާރުކޮށްގެން،" ސުއަރޭޒް ބުންޏެވެ.

އޭނާގެ އިތުރުން ލިވަޕޫލާ ދެކޮޅަށް ކުޅޭ މެޗު ބާސެލޯނާގެ ބްރެޒިލް މިޑްފީލްޑަރު ފިލިއްޕޭ ކުޓީނިއޯ އަށް ވެސް ހާއްސަވާނެ އެވެ. ލިވަޕޫލް ދޫކޮށް ކުޓީނިއޯ މިދިޔަ އަހަރު ޖެނުއަރީ މަހު ބާސެލޯނާ އަށް ބަދަލުވީ 160 މިލިއަން ޔޫރޯ އަށެވެ.