30 އެޕްރީލް 2019 - 09:13

ބަޣުދާދު (އޭޕްރީލް 30) - އިސްލާމިކް ސްޓޭޓް (އައިއެސް) ގެ ލީޑަރު އަބޫ ބަކްރު އަލް ބަޣުދާދީގެ ވީޑިއޯއެއް ފަސް އަހަރު ތެރޭ ފުރަތަމަ ފަހަރަށް ނެރެފި އެވެ.
ސީރިއާ އާއި އިރާގުގެ ބައެއް ސަރަހައްްދުތަކުގައި އައިއެސްގެ ޚިލާފަތު 2014 ވަނަ އަހަރު އިއުލާންކުރި ފަހުން ބަޣުދާދީ ފެނިފައެއް ނުވެ އެވެ. ނަމަވެސް އޭނާގެ އަޑުން މެސެޖްތައް ނެރެފައިވެ އެވެ.
އައިއެސްގެ އަލް ފުރްގާން ނެޓްވޯކް މެދުވެރިކޮށް އެންމެ ފަހުން ނެރުނު 18 މިނިޓުގެ ވީޑިއޯ ރެކޯޑްކޮށްފައި ވަނީ ކޮން އިރަކު ކަމެއް ނޭނގެ އެވެ. ނަމަވެސް އައިއެސް އިން ބުނެފައި ވަނީ އެ ވީޑިއޯ ރެކޯޑްކޮށްފައި ވަނީ އެޕްރީލް މަހު ކަމަށެވެ.
ފަހުގެ ވީޑިއޯގައި ބަޣުދާދީ ބުނެފައި ވަނީ ސްރީ ލަންކާގައި ބޮމުގެ ހަމަލާތަައް ދިނީ ސީރިއާގެ ބާޣޫޒް ޓައުން އައިއެސްގެ އަތްދަށުން ހިފުމުން އެކަމުގެ ބަދަލު ހިފަން ކަމަށެވެ. ބަޣުދާދީގެ ވީޑިއޯގައި ވަނީ ބުރްކިނާ ފަސޯ އާއި މާލީގެ ހަނގުރާމަވެރިން ވެސް އައިއެސް އަށް ބައިއަތު ހިފާފައިވާ ކަމަށް ބުނެފަ އެވެ. އަދި ސޫދާން އާއި އަލްޖީރިއާގައި ހިންގަމުންދާ ހަމަނުޖެހުންތަކާ ގުޅޭ ގޮތުން ވެސް ވަނީ ވާހަކަ ދައްކަައިފަ އެވެ.
ބަޣުދާދީ އަކީ އާއްމުކޮށް މީހުންނަށް ފެންނަ މީހެއް ނޫނެވެ. އޭނާގެ ފޮޓޯއެއް ނަގާފައި ވަނީ ވެސް އެންމެ ފަހަރަކު އެވެ. އެއީ ޖުލައި 2014 ގައި އައިއެސްގެ ޚިލާފަތު އިއުލާން ކުރަން މޫސަލްގެ ނޫރީ މިސްކިތުގައި ޚުތުބާ ދެނިކޮށެވެ. ބަޣުދާދީގެ ޚަބަރެއް ނުވެ ގިނަ ދުވަސްތަކެއްވާ ކޮންމެ ފަހަރަކު އޭނާ މަރުވީ ކަމަށް ނުވަތަ ވަރަށް ބޮޑަށް ޒަޚަމްވެފައިވާ ކަމަށް އަޑުތައް ފެތުރެ އެވެ. ބަޣުދާދީ މަރާލާފައިވާ ކަމަށް ކުރިން ވަނީ ތިން ފަހަރަކު ބުނެފަ އެވެ.
ބަޣުދާދީ އަކީ ޓެރަރިސްޓެއް ކަމަށް އެމެރިކާ އިން ކަނޑައެޅީ އޮކްޓޯބަރު 2011 ގަ އެވެ. ބަޣުދާދީގެ ބޮލަށް އެމެރިކާ އިން ވަނީ 25 މިލިއަން ޑޮލަރު ހުށަހަޅައިފަ އެވެ.