30 އެޕްރީލް 2019 - 08:58

ޕެރިސް (އޭޕްރީލް 30) - ފްރެންޗް ކަޕް ފައިނަލަށް ފަހު، ސަޕޯޓަރެއް ގައިގައި ޖެހުމަކީ ޕީއެސްޖީގެ ތަރި ނޭމާ ހެދި ގޯހެއް ކަމަށް އެ ޓީމުގެ ކޯޗު ތޯމަސް ޓުޗެލް ބުނެފި އެވެ.
ޕެނަލްޓީ ޖަހައިގެން ރެނެސް އަތުން ޕީއެސްޖީ ބަލިވި ފައިނަލު މެޗަށް ފަހު މެޑަލް އަޅަން ރޮސްޓްރަމް އަށް ނޭމާ ދިޔަ ވަގުތު އެތާ ހުރި ސަޕޯޓަރެއް ބުނި އެއްޗެއްގެ ސަބަބުން ނޭމާ ވަނީ އޭނާ މޫނުމަތީގައި ޖަހައިފަ އެވެ. އޭގެ ފަހުން ސޯޝަލް މީޑިއާގައި ނޭމާ ބުނީ އޭނާ އަށް ކަންތައް ކުރެވުނީ ރަނގަޅަކަށް ނޫން ކަމަށާއި އެކަމަކު ސަޕޯޓަރުގެ ގައިގައި ޖެހީ ޕީއެސްޖީގެ ކުޅުންތެރިންނާއި އޭނާ އަށް އަމާޒުކޮށް އިހުތިރާމް ކުޑަކޮށް ވާހަކަ ދެއްކުމުން ކަމަށެވެ.
ޕީއެސްޖީގެ ކޯޗު ޓުޗެލް ބުނީ ނޭމާ ކަންތައް ކުރީ އެންމެ ރަނގަޅަށް ނޫން ކަމަށާއި އެކަމުގެ ސަބަބުން، ކްލަބާ މެދު މީހުން ދެކޭގޮތް ތަފާތުވާނެ ކަމަށެވެ.
"ސަޕޯޓަރަކާ އެކު މާރާމާރީ ހިންގުމަކީ އެއްވެސް ހާލަތެއްގައި ކުޅުންތެރިއަކު ކޮށްގެންވާނެ ކަމެއް ނޫން. އެއީ ޕްރޮފެޝަނަލުން އެބަޖެހޭ އެ އަށް ވުރެން ޒިންމާދާރުވާން. އެއީ ނޭމާ އަށް ހެދުނު ގޯހެއް. ބަލިވިޔަސް މޮޅުވިޔަސް ފުޓްބޯޅައިގައި އިހުތިރާމް އޮންނަން ޖެހޭ." ކުރިން ޑޯޓަމަންޑަށް ކޯޗުކޮށްދިން ޓުޗެލް ބުންޏެވެ.
ރިޕޯޓްތައް ބުނާގޮތުން ފްރާންސް ފުޓްބޯޅަ ފެޑެރޭޝަނުން އަންނަނީ ނޭމާގެ މި މައްސަލަ ބަލަމުންނެވެ. އަދި ރިޕޯޓްތައް ބުނާގޮތުގައި ނޭމާ އަށް ސަސްޕެންޝަނެއް އައުމުގެ ފުރުސަތު އެބައޮތެވެ.
ދާދި ފަހުން ޔުއެފާ އިން ވެސް ވަނީ ނޭމާ ތިން މެޗަށް ސަސްޕެންޑް ކުރަން ނިންމައިފަ އެވެ. އެއީ ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުން މެންޗެސްޓާ ޔުނައިޓެޑް އަތުން ޕީއެސްޖީ ބަލިވި މެޗަށް ފަހު ރެފްރީންނަށް އިންސްޓަގްރާމްގައި ފާޑުކިޔާފައިވާތީ އެވެ.
ދުނިޔޭގެ ރެކޯޑް އަގަަކަށް ޕީއެސްޖީ އަށް މީގެ ދެ އަހަރު ކުރިން ބަދަލުވި ނޭމާ އެ ކްލަބު ދޫކޮށްލަން ބޭނުންވާ ކަމަށް މީޑިއާގައި އަޑުފެތުރުނު ނަމަވެސް އޭނާ އަންނަ އަހަރު ވެސް ފެންނާނީ އެ ޓީމުން ކަމަށް ވަނީ ބުނެފަ އެވެ.