02 މެއި 2019 - 07:36

ކާނާ ނުބައި ނުވާނެހެން ތާޒާކަންމަތީ ގިނަ ދުވަހު ބެހެއްޓޭނެ ގޮތްތައް ހުރެ އެވެ. މި ކިޔައިދެނީ މިގޮތުން ކުރެވިދާނެ ބައެއް ކަމެކެވެ.
އަލުވި އަދި ފިޔާ އިން ވެސް ދިޔަ އާއި ގޭސް ނިކުމެ އެވެ. އެހެންވެ މި ތަކެތި އެއްކޮށް ބެހެއްޓުމުން އަވަހަށް ހަލާކުވާނެ އެވެ.
ލޮނުމެދު ބަހައްޓަން އެންމެ ކަމުނުދާ ގޮތަކީ މަތިޖެހޭ އެއްޗަކަށް ލާފައި ފްރިޖަށް ލުމެވެ. މިހެން ބެހެއްޓުމުން އޭގައި ނިރު ފެޅުން އަވަސްވެ އެވެ. އޭގެ ބަދަލުގައި ލޮނުމެދު ބަހައްޓަން ވީ އަނދިރި އަދި ހިކި ތަނެއްގަ އެވެ. ބޭނުންކުރަންދެން ތޮށި ނުނޮޅާ ބަހައްޓާށެވެ.
ފަތްކޭލަކީ އެ ކަނޑާފައި ބެހެއްޓުމުން ވަރަށް އަވަހަށް ދޮންވެ އަދި އެހާ އަވަހަށް ހަލާކުވާ އެއްޗެކެވެ. އެކަމަކު ކެޔޮ ވަކުގެ ބުޑުގައި ތުނި ރަބަރުކޮޅެއް އޮޅައި ބަނދެލުމުން، އެ ދޮންވުން ލަސްވާނެ އެވެ. މިގޮތަށް ދެތިން ދުވަސް ވަންދެން ތާޒާކަންމަތީ ބޭއްވިދާނެ އެވެ.
ތާޒާ މޭވާ އަދި ތަރުކާރީ ފަދަ އެއްޗެހި ފްރިޖަށް ލުމުގެ ކުރިން ފެނުން ނުދޮންނާށެވެ. ދޮވެފައި ފެނާ އެކު ބަހައްޓާ ނަމަ ދިޔަލައި ހަލާކުވާލެއް އަވަސްވާނެ އެވެ. ދޮންނާނީ ކެއްކުމުގެ ކުރިން ނުވަތަ ކާން ވުމުންނެވެ.
ބެރީގެ ބާވަތްތައް ވެސް އަވަހަށް ހަލާކުވެ އެވެ. މިތަކެތި ގިނަ ދުވަހަށް ބެހެއްޓުމަށް، ފެނަށް ވިނެގާ ކޮޅެއް އެޅުމަށް ފަހު އެއިން ދޮވެފައި ފްރިޖްގައި ބަހައްޓާށެވެ. އޭރުން ތާޒާކޮށް ދެ ހަފުތާއެއްހާ ދުވަހު ހުންނާނެ އެވެ.
ފަތުގެ ބާވަތްތައް ތާޒާކަން މަތީ ބަހައްޓަން ބޭނުން ނަމަ ފެނުގައި މާ ބަހައްޓާހެން ފަތް ވެސް ބަހައްޓާށެވެ. އެއަށް އެކަށީގެންވާ ވަރަށް އަލި ލިބޭތޯ ބަލައި ގަދަ ހޫނާ ދުރުގައި ބަހައްޓަން ސަމާލުވާށެވެ.
އަހިވަކާ ޖެހި އަހިވަކެއް ފާވާނޭ ބުނަނީ ހަމަ ރަނގަޅަށެވެ. ހަމައެގޮތަށް މޭވާގެ ތެރޭގައި ވެސް، ނުބައިވެފައިވާ މޭވާއެއް އޮވެއްޖެ ނަމަ އެއާ ޖެހިގެން ހުންނަ މޭވާތައް ހަލާކުވުން އަވަހެވެ.
ސެލެޑް ތަށި މަތީ ކަރުދާސް ތުވާލިކޮޅެއް ބާއްވައި ނިވާކޮށްލާ ނަމަ ސެލެޑްގައި ދިޔަ ލައި ނުބައިވުން ލަސްކޮށްލާނެ އެވެ.
ކިއުކަމްބާ، ލެޓިއުސް އަދި ޓޮމާޓޯ ފަދަ ބާވަތްތަކުގައި ފޮއިލް އޮޅާފައި ބެހެއްޓުމުން އެތިލީން ގޭސް ބޭރުވެގެންދެ އެވެ. އަދި އެ ނުހިކޭ ވަރަށް އޭގެ ދިޔަތައް ހިފަހައްޓަ އެވެ. ފޮއިލް އޮޅުމުން ހަފުތާއެއްހާ ދުވަސް އުމުރު ދިގުވެ އެވެ.