01 ސެޕްޓެމްބަރ 2016 - 20:43

ބައިނަލްއަގްވާމީ އެކުވެރިކަމުގެ މެޗެއްގައި މިރޭ ރާއްޖެ އާއި ބަންގްލަދޭޝް ކުޅޭ މެޗު ފަށަން ކުޑަ ވަގުތުކޮޅަކަށް ވެފައިވާއިރު ބަންގްލަދޭޝް ސަޕޯޓަރުން ވަދެ ގަލޮޅު ދަނޑު ފުރާލައިފި އެވެ.
ދަނޑުގެ އުތުރު އަދި އިރުމަތީ ފަރާތު ސިޑިބަރީ ބަރީގައި އެއްކޮށް ތިބީ ބަންގްލަދޭޝް ސަޕޯޓަރުންނެވެ. ބަންގްލަދޭޝްގެ ސަޕޯޓަރުން އެ ގައުމުގެ ދިދައާ އެކު، އަންނަނީ، މެޗު ފެށުމުގެ ކުރިން ޓީމަށް ސަޕޯޓްކޮށް އަޑުގަދަކުރަމުންނެވެ.
ފީފާ ގަވާއިދުގެ ދަށުން އަވޭ ޓީމަށް ދޫކުރަން މަޖުބޫރުވާނީ، ވަކި އަދަދަކަށެވެ. އެކަމަކު މިރޭގެ މެޗަށް އެފްއޭއެމުން ޓިކެޓް ވިއްކިއިރު އެގޮތަށް ބަލާފައެއް ނުވެ އެވެ. އަދި އެފްއޭއެމުން ވަނީ ބަންގްލަދޭޝް ބަހުން ޕޯސްޓަރު ހަދައި ބަންގްލަދޭޝް ރައްޔިތުންނަށް މެޗު ޕްރޮމޯޓްކޮށްފަ އެވެ.
މެޗުގެ ކުރިން ބަންގްލަދޭޝްގެ ކޯޗު ބެލްޖިއަމްގެ ޕީޓާ ސެއިންފީޓް ވަނީ، ރާއްޖޭގައި ބަންގްލަދޭޝްގެ 70،000 މީހުން ދިރިއުޅޭތީ ބަންގްލަދޭޝް ސަޕޯޓަރުން ދަނޑު ފުރާލާނެ ކަމަށް އުއްމީދުކުރާ ކަމަށް ބުނެފަ އެވެ.
މިރޭގެ މެޗުން ފެންނަ މަންޒަރުތަކަށް ބަލާއިރު މިއީ ރާއްޖެ އަށް އަވޭ މެޗެކެވެ. އަމިއްލަ ދަނޑުގައި ކުޅުނު ދަނޑުގެ މެޖޯރިޓީގެ ސަޕޯޓް އޮތީ ރަށުން ބޭރު ޓީމަށެވެ.