ސިއްހީ ހިދުމަތްތަކާ ގުޅޭ އެންމެ ބޮޑު ފެއާ ނޮވެމްބަރުގައި
ސިއްހީ ހިދުމަތްތަކާ ގުޅޭ އެންމެ ބޮޑު ފެއާ ނޮވެމްބަރުގައި

ރާއްޖެ އާއި މި ސަރަހައްދުގެ ގައުމުތަކުން ލިބެން ހުރި ސިއްހީ ހިދުމަތްތަކާއި ސިއްހަތާ ގުޅޭ ހުރިހާ މައުލޫމާތެއް ލިބޭނެ އެންމެ ބޮޑު އެކްސްޕޯ، އަންނަ ނޮވެމްބަރު މަހު ބާއްވާ ގޮތަށް ހަމަޖައްސައިފި އެވެ.

ރާއްޖޭގެ ސިއްހީ ދާއިރާ ކުރިއެރުވުމަށް މި ފެއާ ބާއްވަނީ ރާއްޖެ އާއި ބޭރުގެ ހޮސްޕިޓަލްތަކުގައި ހުރި ސިއްހީ ހިދުމަތްތަކުގެ މައުލޫމާތު ދިނުމަށް ހިންގާ އަމިއްލަ ޖަމިއްޔާއެއް ކަމުގައިވާ އެމްވީ މެޑިކަލްސް އިންނެވެ.

ނޮވެމްބަރު 24-26 އަށް އާޓްގެލަރީގައި ބާއްވާ މި ފެއާގައި ސިއްހަތާ ގުޅުން ހުރި ހުރިހާ ދާއިރާއަކުން ވެސް ބައިވެރިވާނެ އެވެ. އޭގެ ތެރޭގައި ހޮސްޕިޓަލްތަކާއި ކްލިނިކްތަކާއި ފާމަސީތަކާއި ބިއުޓީކެއާ އާއި އޮޕްޓިކަލްސްތަކާއި ފުޑް އެންޑް ނިއުޓްރިޝަންގެ އިތުރުން ހެލްތު އިންޝުއަރެންސްދޭ ފަރާތްތައް ވެސް ހިމެނެ އެވެ.

އެމްވީ މެޑިކަލްސްއިން ބުނިގޮތުގައި ފެއާގެ މަގްސަދަކީ ސިއްހީ ދާއިރާއިން މިހާރު ހޯދިފައިވާ ކުރިއެރުންތަކާ ގުޅޭގޮތުން އާއްމުން ހޭލުންތެރިކުރުވުމާއި ރާއްޖެ އާއި މި ސަރަހައްދުގެ ހޮސްޕިޓަލްތަކުން ލިބެން ހުރި ފަރުވާގެ މައުލޫމާތު ދިނުމެވެ. އަދި ސިއްހީ ރަނގަޅު އާދަތައް މީހުންނަށް އަންގައިދިނުމާއި މި ދާއިރާއާ ގުޅުން ހުރި ވިޔަފާރިތައް ކުރިއަރުވައި ފުރުސަތުތައް ހޯދައިދިނުން ހިމެނޭ ކަމަށް އެތަނުން ބުންޏެވެ.

ސިއްހީ ދާއިރާއާ ގުޅޭ ކޮންމެ ހިދުމަތެއްދޭ ބަޔަކަށް ވެސް މި ފެއާގައި ބައިވެރިވެވޭނެ އެވެ. އަދި އެކަމަށް މިހާރު ވަނީ ފުުރުސަތު ހުޅުވާލާފަ އެވެ.

އެމްވީމެޑިކަލްސްއިން ބުނީ ފެއާގައި ރާއްޖޭގެ އިތުރުން ސްރީލަންކާ އާއި އިންޑިއާގެ ބައެއް ފަރާތްތަކުން ބައިވެރިވާނެ ކަމަށެވެ. އަދި ސިއްހީ ދާއިރާގައި ކުރިއަރާފައިވާ އެހެން ބައެއް ގައުމުތަކުން ވެސް ފެއާގައި ބައިވެރި ކުރުވޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށް އެތަނުން ބުންޏެވެ.