29 އެޕްރީލް 2019 - 15:30

މިހާރު ހިނގަމުން އަންނަ 18 ވަނަ ރައްޔިތުންގެ މަޖިލިހުގެ ދައުރު ނިމުނުއިރު ހާސިލް ކުރެވުނީ 94 ޕަސެންޓް މަސައްކަތް ކަމަށް މަޖިލިހުގެ ރައީސް ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.

މޭ 28، 2014 އިން ފެށިގެން ހިނގަމުން އަންނަ 18 ވަނަ ރައްޔިތުންގެ މަޖިލިހުގެ އެންމެ ފަހު ޖަލްސާގައި ގާސިމް ވިދާޅުވީ، 177 ބިލާއި ހަތް ގަރާރު ނިންމާފައިވާ ކަމަށެވެ. އަދި ސަރުކާރުން ހުށަހެޅި 154 މައްސަލަ އާއި ރިޔާސަތުން ހުށަހެޅި 26 މައްސަލަ އާއި މެމްބަރުން ހުށަހެޅުއްވި 19 މައްސަލަ ނިންމާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. މީގެ އިތުރުން ދައުލަތުގެ ފަސް ބަޖެޓާއި ސަޕްލިމެންޓްރީ ބަޖެޓެއް ފާސްކޮށް، ވަޒީރުންނާ 60 ސުވާލު 18 ވަނަ ރައްޔިތުންގެ މަޖިލިހުގައި ކޮށްފައިވާ ކަމަށް މަޖިލިހުގެ ރައީސް ވިދާޅުވި އެވެ. އަދި އެކިއެކި މައްސަލަތަކާ ގުޅިގެން މަޖިލިހުން 150 ރިޕޯޓެއް ނިންމި އެވެ.
މިދިޔަ ނޮވެމްބަރު 1 ގައި މަޖިލީހުގެ ރައީސް ކަމަށް ވަޑައިގެންނެވި ގާސިމް ވިދާޅުވި ގޮތުގައި 18 ވަނަ ރައްޔިތުންގެ މަޖިލިހުގައި 94 ޕަސެންޓް މަސައްކަތް ހާސިލްވި ނަމަވެސް ސަރުކާރުން ހުށަހަޅާފައިވާ ވަރަށް ގިނަ ބިލްތައް އަދިވެސް ނުނިމި އެބަހުއްޓެވެ. އެކަމަކު، މަޖިލިހުގެ އެންމެ ފަހު ޖަލްސާގެ ވަގުތު އިތުރުކުރުމަށް އެއްވެސް މެމްބަރަކު ހުށަހަޅުއްވާފައި ނުވާތީ އާއި މަޖިލިހުގެ ދައުރު ދިގު ކުރެވެން އޮތީ ގަވައިދު އިސްހުކޮށްގެން ކަމަށް ވާތީ އިތުރު ގޮތެއް ނެތް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
މަޖިލިހުގެ ގަވައިދުގައިވާ ގޮތުން 18 ވަނަ ރައްޔިތުންގެ މަޖިލިހުގެ ދައުރު ހަމަވާނީ އަންނަ މަހުގެ 28 އަށެވެ. އެކަމަކު، ގަވައިދުގައިވާ ގޮތުގެ މަތިން މެމްބަރުން އެއް މަސް ދުވަހުގެ ޗުއްޓީ އަކަށް ވަޑައިގަންނަވާތީ މިއަދު ބޭއްވީ އެ މަޖިލިހުގެ އެންމެ ފަހު ޖަލްސާ އެވެ. މި މަހުގެ ހަ ވަނަ ދުވަހު ބޭއްވި އާންމު އިންތިޚާބު ކާމިޔާބު ކުރެއްވި 87 މެމްބަރުން 19 ވަނަ ރައްޔިތުންގެ މަޖިލިހުގެ މެމްބަރުކަމުގެ ހުވާކުރައްވާނީ އަންނަ މަހުގެ 28 ގަ އެވެ.
- ހާސިލް ކުރެވުނީ 94 ޕަސެންޓު މަސައްކަތް
- 177 ބިލް.
- ހަތް ގަރާރު.
- ސަރުކާރުން ހުށަހެޅި 154 މައްސަލަ.
- ރިޔާސަތުން ހުށަހެޅި 26 މައްސަލަ.
- މެމްބަރުން ހުށަހެޅި 19 މައްސަލަ.
- ފަސް ބަޖެޓާއި ސަޕްލިމެންޓްރީ ބަޖެޓު.
- ވަޒީރުންނަށް 60 ސުވާލު.
- 150 ރިޕޯޓު.
މަޖިލިހުގެ 18 ވަނަ ދައުރު ނިމުމާ އެކު، އެ ދައުރުގައި ނުނިމި ހުރި ހުރިހާ ބިލްތަކެއް ބާތިލްވާނެ ކަމަށް މަޖިލިހުގެ އަމީން އާންމު ފާތިމަތު ނިއުޝާ ވަނީ ވިދާޅުވެފަ އެވެ.
ގާސިމް ވަނީ 18 ވަނަ ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންނާއި މަޖިލިހުގެ އިދާރާގެ މުވައްޒަފުން ކޮށްދިން ބުރަ މަސައްކަތްތަކަށް ޝުކުރު އަދާކުރައްވައިފަ އެވެ.
"ކޮންމެ ތަނެއްގައި ވެސް ކޮންމެ މުއައްސަސާއެއްގައި ވެސް އަބަދުވެސް ހުންނާނެ ރަނގަޅު ކުރަންޖެހޭ ކަންތައްތައް. އެގޮތުން އަޅުގަނޑުމެންގެ އިއްޒަތްތެރި މެމްބަރުންގެ މެދުގައި މި މަގާމުގައި ހުންނަ މީހަކު ރަނގަޅު ކުރަންޖެހޭ ކަންތައްތައް ހުންނާނެކަން ގަބޫލުކުރާ ހިނދު އަޅުގަނޑު ދަންނަވާނީ އެ ކަންތައްތައް އަޅުގަނޑުމެން ބަދަލު ހިފުމަކަށް ނުހަދައި އަދި އެހެން ގޮތަކަށް ދަންނަވާ ކަމަށް ވާނަމަ ހުތުރު ބަސްތައް ނުބުނު ކުރިއަށް އޮތް ތަން ރަނގަޅު ކުރުމޭ ބިނާކުރުމުގެ އުސޫލަކަށް ވެގެންދާނީ،" ގާސިމް ވިދާޅުވި އެވެ.