ލަންކާ ފުލުހުންގެ ވެރިޔާ އިސްތިއުފާ ދޭން ދެކޮޅު ހަދަނީ
ލަންކާ ފުލުހުންގެ ވެރިޔާ އިސްތިއުފާ ދޭން ދެކޮޅު ހަދަނީ

ކޮލަމްބޯ (އެޕްރީލް 29) - ސްރީ ލަންކާގައި މިދިޔަ ހަފުތާގެ އާދިއްތަ ދުވަހު ދިން ބޮމުގެ ހަމަލާތަކާ ގުޅިގެން ފުލުހުންގެ ވެރިޔާ ޕުޖިތު ޖަޔަސުންދަރަ އިސްތިއުފާ ދޭން އެންގި ނަމަވެސް އޭނާ އެކަމަށް ދެކޮޅު ހަަދަން ފަށައިފި އެވެ.

ބޮމުގެ ހަމަލާތައް ދޭން އުޅޭކަމުގެ މައުލޫމާތު ކުރިން ލިބި، ފިޔަވަޅު އަޅާފައި ނުވާތީ ފުލުހުންގެ ވެރިޔާ މަގާމުން ދުރުކުރަން ރައީސް މައިތުރިޕާލާ ސިރިސޭނާ ނިންމަވައި އޭނާ މަގާމުން ވަކިވިކަން ހުކުރު ދުވަހު ވަނީ އިއުލާން ކުރައްވައިފަ އެވެ. އަދި ފުލުހުންގެ ވެރިޔާގެ މަގާމަށް އާ ބޭފުޅަކު މިއަދު ވަނީ ހަމަޖައްސައިފަ އެވެ.

އެކަމަކު އޮފިޝަލުން ބުނީ ޖަޔަސުންދަރަ ވަނީ އިސްތިއުފާގެ ސިޓީ ފޮނުވަން ދެކޮޅު ހަދައިފަ އެވެ. އޭނާ އަދިވެސް ހުންނެވީ ސަރުކާރުން ހަމަޖައްސާފައި ހުންނަ ގޭގަ އެވެ.

"ޖަޔަސުންދަރަ ގެންދަވަނީ ރައީސްގެ އެންގެވުމަށް ދެކޮޅު ހަދަމުން. ދެން ޖެހޭނީ އޭނާ ސަސްޕެންޑްކޮށް، މަގާމުން ދުރުކުރުގެ މަސައްކަތް ޕާލަމެންޓުގެ ތެރޭން ކުރަން،" އޮފިޝަލް ވިދާޅުވި އެވެ.

ފުލުހުންގެ ވަގުތީ ވެރިޔާގެ މަގާމަށް ސިރިސޭނާ ހަމަޖެއްސެވީ ޑިޕިއުޓީ އިންސްޕެކްޓާ-ޖެނެރަލް ޗަންދަނާ ވިކްރަމަރަތުނަ އެވެ.

ބޮމުގެ ހަމަލާތަކާ ގުޅިގެން ލަންކާގެ ޑިފެންސް ސެކްރެޓަރީ ހެމަސިރީ ފެނާންޑޯ ވަނީ މިދިޔަ ހަފުތާގައި އިސްތިއުފާ ދެއްވައިފަ އެވެ.

ބޮމުގެ ހަމަލާތަކާ ގުޅިގެން ލަންކާގައި މިހާރު ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފަ އެވެ. އަދި ހަމަލާއާ ގުޅުން ހުރި މީހުން ހޯދަން ބޮޑު އޮޕަރޭޝަނެއް ވަނީ ފަށައިފަ އެވެ. މިހާތަނަށް ވަނީ 150 މީހުން ހައްޔަރުކޮށްފަ އެވެ.