30 އެޕްރީލް 2019 - 06:29

މި ވަގުތު ފިލްމެއްގައި މަސައްކަތްކުރަން ބޭނުން ނުވާ ކަމަށާއި އެކްޓިން އިން ބްރޭކެއް ނެގުމަށް ފަހު ބޭނުންވަނީ ދަރިންނާ އެކު ވަގުތު ހޭދަކުރަން ކަމަށް، ބޮލީވުޑްގެ އެކްޓަރު ޝާހްރުކް ހާން ބުނެފި އެވެ.
ޗައިނާ ރޭޑިއޯ އިންޓަނޭޝަނަލް (ސީއާރްއައި) ހިންދީ އަށް ދިން އިންޓަވިއުއެއްގައި، 54 އަހަރުގެ އެކްޓަރު ބުނީ އަވަސް ތާރީހެއްގައި އޭނާ އާ ފިލްމަކަށް ސޮއިކުރުމުގެ ވިސްނުމެއް ވެސް ނެތް ކަމަށެވެ.
ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ އެކްޓަރު ބުނީ ކުރިން ނިންމައިގެން ހުރީ ޖޫން މަހުގެ ތެރޭގައި އާ ޕްރޮޖެކްޓެއްގެ މަސައްކަތް ފަށަން ކަމަށެވެ. އެކަމަކު އެކަން ވެސް މި ވަގުތަށް ހުއްޓާލާފައިވާ ކަމަށް ބުންޏެވެ.
"އަހަރެން ދެ ދަރިންގެ ކޮލެޖް ދައުރު މިހާރު އަންނަނީ ނިމެމުން. އަހަރެން ބޭނުންވޭ މި ދަނޑިވަޅުގައި އެ މީހުންނާއި އާއިލާ އަކީ ވަރަށް ގިނަ ވަގުތު ހޭދަކުރަން،" ތިން ކުދިންގެ ބައްޕަ ބުންޏެވެ.
ޝާހްރުކްގެ ދޮށީ ފިރިހެން ދަރިފުޅު އާރިޔާން ހާން އެމެރިކާގައި ކިޔަވަމުން އަންނަ އިރު، އަންހެން ދަރިފުޅު ސުހާނާ ކިޔަވަނީ އިނގިރޭސިވިލާތުގަ އެވެ.
"ސުހާނާ ކޮލެޖްގައި ކިޔަވަމުން އަންނަ އިރު، އަހަރެއްހާ ދުވަހުގެ ތެރޭގައި އަރިޔަން ގްރެޖްއޭޓް ވާނެ،" އޭނާ ބުންޏެވެ. "މި ދަނޑިވަޅުގައި އަހަރެން ވަރަށް ބޭނުންވޭ އެ މީހުންނާ ވަގުތު ހޭދަ ކުރަން ވެސް."
މި ފަހުން ކުޅުނު ޝާހްރުކްގެ ހުރިހާ ފިލްމެއް ފްލޮޕްވެފައިވާ އިރު އޭނާ ބުނީ ދެން ފިލްމަކަށް ސޮއިކުރާނީ އެ ފިލްމަކީ އޭނާ ކުޅޭނެ ކަމަށް ހިތުގެ އެންމެ އަޑިން ގަބޫލުކުރެވޭ ކަހަލަ ފިލްމަކަށްވާ ނަމަ ކަމަށެވެ.
"މި ވަގުތު ވެސް ފަނަރަ ވިއްސަރަކަށް މީހުން އެބަ އޮތް އަހަންނަށް ސްޓޯރީތަކެއް ނެރޭޓްކޮށް ދީފައި. އޭގެ ތެރެއިން ދެތިން އެއްޗެއް އަހަންނަށް ވަރަށް ކަމުވެސް ދޭ. އެކަމަކު އެއިން އެއްވެސް އެއްޗަކަށް ރަސްމީކޮށް އަދި އެއްބަހެއް ނުވަން،" އޭނާ ބުންޏެވެ. "ފިލްމެއް ދެން ކުޅޭނީ އަހަރެން އެކަމަށް ދެން ވަރަށް ބޮޑަށް ބޭނުންވެ، ހިތް އެކަމަށް އެދި އާދޭސް ކުރާ ހިސާބަށް ދިޔައިމަ. އެ ނޫން ގޮތަަކށް މި ވަގުތު އެއްވެސް ޕްރޮޖެކްޓެއްގައި މަސައްކަތް ކުރާކަށް ބޭނުމެއް ނޫން. ވަރަށް ވިސްނާފައި ދެން އެއްޗަކަށް އެއްބަސް ވާނީ."
ޝާހްރުކް އެންމެ ފަހުން ކުޅުނު ފިލްމަކީ ބޮޑު ބަޖެޓަކުން ހަދައި މިދިޔަ އަހަރު ޑިސެމްބަރު މަހު ރިލީޒް "ޒީރޯ" އެވެ. އެކަމަކު އެއީ އޭނާގެ ކެރިއަރުގެ އެންމެ ނާކާމިޔާބު އެއް ފިލްމެވެ.
އޭގެ ފަހުން އޭނާ ވަނީ ސޮއިކޮށްފައި އޮތް އިންޑިއާގެ އެސްޓްރޮނޯޓް ރާކޭޝް ޝަރުމާގެ ބައޮގްރަފިކަލް ޑްރާމާ "ސާރޭ ޖަހާ ސެ އައްޗާ" ވެސް ދޫކޮށްލައިފަ އެވެ.
ބައެއް ރިޕޯޓްތައް ބުނާ ގޮތުން މިދިޔަ ހަފުތާގައި ޗައިނާގައި ނިންމައިލި 19 ވަނަ ޝަންހާއީ އިންޓަނެޝަނަލް ފިލްމު ފެސްޓިވަލްގެ ތެރެއިން އިރާނުގެ ޑައިރެކްޓަރު މާޖިދު މާޖިދީ ވަނީ ޝާހްރުކްއާ ދިމާވެގެން ފިލްމެއް ހުށަހަޅައިފަ އެވެ.
އަދި ޑައިރެކްޓަރު ސްރީރާމް ރަގްވަން އާއި ސަންޖޭ ލީލާ ބަންސާލީ ފަދަ ޑައިރެކްޓަރުންގެ ފިލްމުތަކެއް ޝާހްރުކް އަށް ހުށަހަޅާފައިވާ ކަމަށް ވެސް މީޑިއާތަކުން ބުނެ އެވެ.