29 އެޕްރީލް 2019 - 12:36

މިދިޔަ ހަފުތާގައި އޮތް އޭޝިއަން އެތުލެޓިކްސް ޗެމްޕިއަންޝިޕް ރާއްޖެ އަށް ވަރަށް ކާމިޔާބު ކަމަށާއި އެއާ އެކު، އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އިން ފަސް މެޑަލް ހޯދުމަށް ކުރަމުން އަންނަ މަސައްކަތާ މެދު އުއްމީދުއާވެއްޖެ ކަމަށް އެތުލެޓިކްސް އެސޯސިއޭޝަނުގެ ރައީސް މުހައްމަދު ތޮލާލް ވިދާޅުވެއްޖެ އެވެ.
އޭޝިއަން ޗެމްޕިއަންޝިޕުގައި ރާއްޖޭގެ ހަސަން ސާއިދު ވަނީ 100 މީޓަރު ދުވުމުން ސެމީ ފައިނަލުގައި ދުވެފަ އެވެ. އަދި ހުސެއިން ފަޒީލް ހާރުން ވަނީ 10،000 މީޓަރު ދުވުމާއި 5000 މީޓަރު ދުވުމުން ގައުމީ ރެކޯޑް މުގުރާލައިފަ އެވެ.
"އޭޝިއަން އެތުލެޓިކްސް ޗެމްޕިއަންޝިޕަކީ ރާއްޖެ އަށް ވަރަށް ކާމިޔާބު މުބާރާތެއް ކަމަށް އަޅުގަނޑަށް ސިފަކުރެވެނީ. މި މުބާރާތުގައި ދެ ނެޝަނަލް ރެކޯޑް އަދި އިތުރު ތިން ޕާސަނަލް ބެސްޓް ފެނިފައިވޭ. އަދި އެތުލީޓުން މިހާރު ތިބި ލެވެލްއާ ކުރިއަށް އޮތް އައިއޯއައިޖީ އަށް ތައްޔާރުވާން ފޯކަސް ކުރަންވީ އޭރިއާތަށް އެނގިގެން ހިނގައްޖެ. މި މުބާރާތުގެ ސަބަބުން އެތުލީޓުންނަށް އިތުރު ހިތްވަރެއް ލިބިގެން ގޮސްފި،" ތޮލާލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އައިއޯއައިޖީގައި ފަސް މެޑަލް ހޯދަން ކުރަމުން އަންނަ މަސައްކަތާ މެދު އުއްމީދު އިތުރަށް އާވެގެން ދިޔަ ނަމަވެސް އެކަމަކު އެކަން ބިނާވާނީ ކުރިއަށް އޮތް ދެ މަސް ދުވަހުގެ ތަމްރީންތަކަށް ކަމަށެވެ. އެގޮތުން އެކަށީގެންވާ ޓްރެއިނިން، އެކަށީގެންވާ ފެސިލިޓީސްއެއްގައި އެސޯސިއޭޝަނުން ރާވާފައިވާ ގޮތަށް ދެވިގެން ނޫން ގޮތަކަށް މި ޓާގެޓަށް ވާސިލްވުމަކީ އުނދަގޫ ކަމަކަށް ވާނެ ކަމަށް އޭނާ ދެކެ އެވެ.
"އުއްމީދުކުރަނީ ޓްރެއިނިން ކުރިއަށް ގެންދިއުމަށް ބޭނުންވާ ބަޖެޓް އަވަހަށް ހަމަޖެހޭނެ ކަމަށް،" އިންޑިއާ ސަރުކާރުގެ އެހީއާ އެކު އޭޝިއަން ޗެމްޕިއަންޝިޕަށް ތައްޔާރުވި ޓީމަށް ދެން ބޭނުންވާ އެހީތެރިކަމާ ބެހޭގޮތުން ތޮލާލް ވިދާޅުވި އެވެ.
ތޮލާލް ވަނީ އައިއޯއައިޖީ އަށް އެތުލެޓިކްސް އިން މަސައްކަތް ކުރާ ޓާގެޓަށް ވާސިލްވުމަށްޓަކައި ކުރަމުން އަންނަ މަސައްކަތުގައި މިނިސްޓަރު މަހުލޫފުގެ ފަރާތްޕުޅުން ލިބެމުންދާ އެހީތެރިކަމާއި އެއްބާރުލުން ފާހަގަކޮށް އޭނާ އަށް ޝުކުރުއަދާކުރައްވައިފަ އެވެ.
އެތުލެޓިކްސް އަކީ ފަހަކަށް އައިސް ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖެއަށް އެންމެ ގިނަ މެޑަލް ހޯދައިދިން ކުޅިވަރެވެ. އެގޮތުން 2015 ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ދުވުންތެރިޔާ ހަސަން ސާއިދު ވަނީ ރަން މެޑަލް ހޯދައި ތާރީހުގެ ތެރެއަށް ވަދެފަ އެވެ. އަދި އެ މުބާރާތާއި ޖެހިގެން އައި އަހަރުގެ ސައުތު އޭޝިއަން ގޭމްސްގައި ސާއިދު ވަނީ ރިހި މެޑަލް ހޯދައިފަ އެވެ.