29 އެޕްރީލް 2019 - 11:29

ލަންޑަން (އޭޕްރިލް 29) – އިންގްލެންޑުގެ ޕްރޮފެޝަނަލް ޕްލެޔާސް އެސޯސިއޭޝަން (ޕީއެފްއޭ) ގެ މި ސީޒަނުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ލިވަޕޫލުގެ ނެދަލެންޑްސް ޑިފެންޑަރު ވާޖިލް ވެން ޑައިކަށް ލިބިއްޖެ އެވެ.
ކުޅުންތެރިންގެ ވޯޓުން ހޮވި މި މަގާމަށް އޭނާއާ ވާދަކުރީ މެންޗެސްޓާ ސިޓީގެ އިނގިރޭސި ވިންގާ ރަހީމް ސްޓާލިން އެވެ. އެކަމަކު ސްޓާލިން ވަނީ ޕީއެފްއޭގެ ޒުވާން ކުޅުންތެރިޔާގެ އެވޯޑް ހޯދައިފަ އެވެ. އޭނާއާ ވާދަކުރީ އެ ޓީމުގެ ޖަރުމަން ވިންގާ ލެރޯއީ ސާނޭ އެވެ.
ޕްރިމިއާ ލީގު ކާމިޔާބުކުރަން ލިވަޕޫލް ކުރަމުން އަންނަ މަސައްކަތުގައި ވެން ޑައިކް އަންނަނީ ޑިފެންސް ލައިނުގައި މޮޅަށް ކުޅުމެއް ދެއްކުމުގެ އިތުރުން ޓީމު ލީޑު ކުރުމުގައި ވެސް ޒިންމާ ނަގަމުންނެވެ. ސައުތުހެމްޓަން އިން 97 މިލިއަން ޑޮލަރަށް ލިވަޕޫލުން މީގެ ދެ އަހަރު ކުރިން ގަތް ކުޅުންތެރިޔާގެ އަގާ މެދު އޭރު ބައެއް ފަރާތްތަކުން ސުވާލު އުފެއްދި އެވެ. އެކަމަކު އޭނާ ދައްކަމުން އަންނަ މޮޅު ކުޅުމާ އެކު އެ އަޑުތައް ވަނީ ކެނޑިފަ އެވެ.
މި ސީޒަނުގެ ލީގުގައި ލިވަޕޫލް ކޮޅަށް ވަނީ އެންމެ 20 ގޯލެވެ. އަދި އެ ޓީމުން ވަނީ ލަނޑެއް ވައްދާނުލާ 20 މެޗު ހަމަކޮށްފަ އެވެ.
ޗެލްސީގެ ކުރީގެ ޑިފެންޑަރު ޖޯން ޓެރީގެ މީގެ 14 އަހަރު ކުރިން މި އެވޯޑް ހޯދި ފަހުން އެވޯޑް ހާސިލްކުރި ފުރަތަމަ ޑިފެންޑަރު ބުނީ މި އެވޯޑް ލިބުމުން ކުރެވޭ އިހުސާސްތައް ބުނެދޭން ނޭގޭ ކަމަށެވެ.
"ކޮންމެ ހަފުތާއަކު އިދިކޮޅަށް ކުޅޭ ކުޅުންތެރިންގެ ވޯޓުން، އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ލިބުމަކީ ކުޅުންތެރިޔެއްގެ ގޮތުގައި ލިބޭނެ އެންމެ މަތީ ޝަރަފް ކަމަށް ދެކެނީ،" ވެން ޑައިކް ބުންޏެވެ.
ޕްރިމިއާ ލީގުގައި ކޮންމެ ޓީމަކަށް ބާކީ ދެ މެޗު އޮތްއިރު ލީގުގެ އެއް ވަނައިގައި އެއް ޕޮއިންޓުގެ ލީޑަކާ އެކު އޮތީ ސިޓީ އެވެ. އެހެންވެ ލީގު ކާމިޔާބުކުރުމުގެ އަމިއްލަ ބާރެއް، ދެ ވަނައިގައި އޮތް ލިވަޕޫލަށް ނެތެވެ. އެކަމަކު ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުން ފުރުސަތު ލިބިފައި އޮތުމާ އެކު ލިވަޕޫލަށް ކުރިއަށް އޮތީ މުހިއްމު މަސައްކަތްތަކެކެވެ.