29 އެޕްރީލް 2019 - 12:39

ޒުވާން ކުޅުންތެރިންނަށް ފުރުސަތު ހޯދައިދޭން 15 އަހަރުން ދަށަށް ހާއްސަކޮށްގެން ޖުލައި މަހު މާލޭގައި ބާއްވާ ބައިނަލްއަގްވާމީ ފުޓްބޯޅަ މުބާރާތް ކުރިއަށްދާނީ ހަތަރު ގައުމެއްގެ މެދުގައި ކަމަށް އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރު އިހުސާން އަބްދުލް ގަނީ (ސާންތީ) ވިދާޅުވެއްޖެ އެވެ.

ޔޫރަޕްގެ މައި ފުޓްބޯޯޅަ އިދާރާ ޔުއެފާއާ ގުޅިގެން އެފްއޭއެމުން ބާއްވާ މި މުބާރާތުގައި މިހާތަނަށް ދެ ޓީމަކުން ބައިވެރިވާނެ ކަމުގެ ޔަގީންކަން ދީފައިވާ ކަމަށް އެފްއޭއެމުން މައުލޫމާތު ދެ އެވެ.
"ޖުލައި މަހުގައި 15 އަހަރުން ދަށުގެ މުބާރާތް ބާއްވާނަން. މިހާރު އަޅުގަނޑުމެންނަށް ސައުދީން ބައިވެރިވާނެ މި މުބާރާތުގައި. ދެން އޭގެ އިތުރުން ލަންކާ ވެސް އޮތީ މި މުބާރާތުގައި ބައިވެރިވާނެ ކަމުގެ ފެހި ސިގްނަލް ދީފައި،" ސާންތީ ވިދާޅުވި އެވެ.
ޔުއެފާގެ އެހީތެރިކަމާ އެކު ކުރިއަށްގެންދާ މި މުބާރާތުގައި ޔޫރަޕްގެ ޓީމެއް ވެސް ފެނިގެންދާނެ ކަމަށް މީގެ ކުރިން އެފްއޭއެމުން ވަނީ ބުނެފަ އެވެ. ސާންތީ ވިދާޅުވީ މި މުބާރާތުގައި ބައިވެރިވާ ޔޫރަޕް ޓީމަކާ ބެހޭގޮތުން ޔުއެފާއާ މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.
"ޔުއެފާއާ އެކު މަޝްވަރާތައް ކުރިއަށް މިދަނީ. ޔޫރަޕުން އަންނާނީ ކޮން ޓީމެއްތޯ ނޫނީ ބައިވެރިވާނެ ޓީމެއް އޮތްތޯ ބަލަމުން މިދަނީ. މި މުބާރާތް އޮންނާނީ ހަތަރު ގައުމެއްގެ މެދުގައި. އަޅުގަނޑުމެން މި ބަލަނީ ޖުލައި 19 އިން 30 އަށް،" ސާންތީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިއީ އެފްއޭއެމުން ވަރަށް ގިނަ ގޮތްގޮތުން މަސައްކަތްކޮށްގެން ޔުއެފާއާ މަޝްވަރާކޮށް ހޯދި މުބާރާތެއް ކަމަށާއި މި މުބާރާތުގެ ސަބަބުން ގިނަ ކުޅުންތެރިންތަކަށް ފުރުސަތުތަކެއް ލިބިގެންދިއުމަކީ ޔޫތު ފުޓްބޯޅަ އިތުރަށް ކުރިއަރައިގެންދާނެ ކަމެއް ކަމަށެވެ.
މުސްތަގުބަލަށް ޒުވާން ފުޓްބޯޅަ ޓީމުތަކެއް ބިނާކުރުމުގެ މަގުސަދުގައި އެފްއޭއެމުން ފަށާފައިވާ "ޓުވާޑްސް ފިއުޗާ" ޕްރޮގްރާމްގެ ތެރެއިން ޒުވާން ކުޅުންތެރިންނަށް އަންނަނީ ގިނަ މުބާރާތްތަކުން ފުރުސަތު ދެމުންނެވެ. އަދި ޒުވާން ކުޅުންތެރިންނަށް އަމާޒުކޮށް ގިނަ ޕްރޮގްރާމްތަކެއް ހިންގަ އެވެ. އެ ގޮތުން 13 އަހަރުން ދަށުގެ ކުޅުންތެރިންނަށް އަމާޒުކޮށް މިދިޔަ އަހަރު ލީގެއް ވަނީ ފަށައިފަ އެވެ. އަދި އެ މުބާރާތް މި އަހަރު 14 އަހަރުން ދަށަށް ބޭއްވުމަށް ނިންމާފައިވާ ކަމަށް އެފްއޭއެމުން މީގެ ކުރިން ވަނީ ބުނެފަ އެވެ.
އެފްއޭއެމުން ވަނީ ޔޫތު ފުޓްބޯޅަ ކުރިއެރުވުމަށް ދެ އަހަރުގެ ޕްލޭނެއްގެ ދަށުން އޭއެފްސީ 16 އަހަރުން ދަށުގެ މުބާރާތަށް ކޮލިފައިވުމަށް ޔޫތު ފުޓްބޯޅަ ކޯޗެއްގެ ގޮތުގައި ކުރީގެ އެއް ވަނަ ކުޅުންތެރިއާ އިސްމާއިލް އާސިފް (ކުޑަހީނާ) ހަމަޖައްސައިފަ އެވެ. ފުޓްބޯޅައިގެ ޖީލެއް ބިނާކުރުމުގެ ޒިންމާ ކުޑަހީނާއާ ހަވާލުކުރިއިރު، ޖުލައި މަހު ބާއްވާ މުބާރާތުގައި ވެސް ކުޑަހީނާ ޓީމު ތައްޔާރުކުރުމުގައި އެހީތެރިވާނެ އެވެ.
ކުލަބު މޯލްޑިވްސް އިން ވަނީ 2017 ވަނަ އަހަރު ބޭރުގެ އެކެޑަމީތަކަށް ދައުވަތު ދީގެން 16 އަހަރުން ދަށަށް ހާއްސަކޮށްގެން އިންވިޓޭޝަނަލް ކުލަބު މުބާރާތެއް ރާއްޖޭގައި ބާއްވާފަ އެވެ. އެ މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ރާއްޖޭގެ ރާއްޖޭގެ އާލީ ޓަޗް ފުޓްބޯލް އެކަޑަމީ (އީޓީއެފްއޭ) އެވެ. އީޓީއެފްއޭ އަކީ ތަޖުރިބާކާރު ކޯޗު ހީނާ އަހުމަދު ސަލީމް (ބޮޑުހީނާ) ހިންގާ އެކެޑަމީއެކެވެ. އެ ފަހަރު އެ ޓީމުގެ ކޯޗަކަށް ހުރީ ކުޑަހީނާ އެވެ.
ޔޫތު ފުޓްބޯޅަ ކުރިއެރުވުމަށް އެފްއޭއެމުން ގިނަ މަސައްކަތްކުރަމުން އަންނައިރު މީގެ ކުރިން އެންމެ ބޮޑު ގޮންޖެހުމެއް ދިމާވަނީ ވާދަވެރި މެޗުތަކެއް ނުލިބޭތީ އެވެ. އެކަމަކު ފަހަކަށް އައިސް އެފްއޭއެމުން އަންނަނީ ޔޫތު ފުޓްބޯޅަ އަށް އަމާޒުކޮށް ގިނަ މުބާރާތްތަކެއް ބާއްވަމުންނެވެ.