29 އެޕްރީލް 2019 - 11:31

ޖަކާޓާ (އެޕްރީލް 29) - އިންޑޮނީޝިއާގެ އިންތިޚާބުގައި ބުރަކޮށް މަސައްކަތް ކުރަން ޖެހުމުން 270 މީހުން މަރުވެފައިވާ ކަމަށް އޮފިޝަލުން ބުނެފި އެވެ.
ޖެނެރަލް އިލެކްޝަންސް ކޮމިޝަން (ކޭޕީޔޫ) ގެ ތަރުޖަމާން އާރިފް ޕްރިޔޯ ސުސަންޓޯ ވިދާޅުވީ އެތަައް މިލިއަން ވޯޓު ކަރުދާހެއް އަތުން ގުނަން ގިނަ ވަގުތުތަކެއް ހޭދަކުރަން ޖެހުމުން އިންތިޚާބުގެ އޮފިޝަލުންނަށް ވަރަށް ބޮޑަށް ވަރުބަލިކަން އިހްސާސް ކުރެވުނު ކަމަށެވެ. ގިނަ މީހުން މަރުވީ ވަރުބަލި ކަމާ ގުޅުން ހުރި ކަންކަމުގައި ކަމަށް އޭނާ ވިދާޅުވި އެވެ. މަރުވި މީހުންގެ އިތުރުން 1،878 އޮފިޝަލަކު ވަރަށް ބޮޑަށް ބަލިވި ކަމަށް ވެސް ތަރުޖަމާން ވިދާޅުވި އެވެ.
މި މަހު 17 ވަނަ ދުވަހު ބޭއްވި އިންތިޚާބުގެ ވޯޓު ގުނުމާއި މޮނިޓަރުންގެ ގޮތުގައި ގާތްގަނޑަކަށް ހަތް މިލިއަން މީހުން ހަރަކާތްތެރިވި އެވެ. ގިނަ މީހުން ނުނިދާ ކަހަލަ ގޮތަކަށް މަސައްްކަތް ކުރަން ޖެހުނީ ހޫނުގަދަ މާހައުލެއްގަ އެވެ.
އާބާދީގައި 260 މިލިއަން މީހުން ހިމެނޭ އިންޑޮނީޝިއާގައި މި ފަހަރު ބޭއްވީ ރިޔާސީ އިންތިޚާބާއި ޕާލަމެންޓް އިންތިޚާބު އެކުއެކީގަ އެވެ. ބޭނުމަކީ ޚަރަދު ކުޑަ ކުރުމެވެ. ވޯޓުލުމުގެ ހައްގު ލިބިގެންވާ 193 މިލިއަން މީހުންގެ ތެރޭން 80 ޕަސެންޓް މީހުން ވޯޓު ދިނެވެ. ވޯޓުލުމަށްޓަކައި 800،000 ވޯޓިން ސްޓޭޝަން ގާއިމްކޮށްފައި ހުއްޓެވެ.
އިންތިޚާބުގައި ވަގުތީ ގޮތުން މަސައްކަތް ކުރަން ނެގި މުވައްޒަފުން، ސިވިލް ސާވިސްގެ މުވައްޒަފުންނާ ޚިލާފަށް، މަސައްކަތަށް ފެށުމުގެ ކުރިން މެޑިކަލް ޓެސްޓްތައް ހަދައިފައެއް ނުވެ އެވެ.
ކޭޕީޔޫގެ ތަރުޖަމާން ވިދާޅުވީ އިންތިޚާބުގައި މަސައްކަތްކުރި 272 ސްޓާފަކު މަރުވީ ބުރަކޮށް އުޅެން ޖެހުމުން މަސައްކަތާ ގުޅުން ހުރި ބަލިތަކުގައި ކަމަށެވެ. އިލެކްޝަންސް ކޮމިޝަނުން މިހާރު ވަނީ ބަދަލެއްގެ ގޮތުގައި މަރުވި މީހުންގެ ކޮންމެ އާއިލާއަކަށް 36 މިލިއަން ރުޕިއާ (2،500 ޑޮލަރު) ދިނުމަށް ނިންމައިފަ އެވެ.
ވޯޓު ގުނުމުގެ މަސައްކަތް ކޭޕީޔޫ އިން ނިންމައި ދެ އިންތިޚާބުގެ ރަސްމީ ނަތީޖާ އިއުލާން ކުރަން ހަމަޖައްސާފައި ވަނީ މެއި 22 ވަނަ ދުވަހު އެވެ.