މާލީ ބަޔާން ހުށަނާޅާ ކެންޑިޑޭޓުންނަށް ދައުވާ ކޮށްދިނުމަށް އެދި މި ހަފުތާގައި ފޮނުވާނެ: އީސީ
މާލީ ބަޔާން ހުށަނާޅާ ކެންޑިޑޭޓުންނަށް ދައުވާ ކޮށްދިނުމަށް އެދި މި ހަފުތާގައި ފޮނުވާނެ: އީސީ

މި މަހުގެ ހަ ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި ވާދަކުރި ކެންޑިޑޭޓުންގެ ތެރެއިން މާލީ ބަޔާން ހުށަނާޅާ 39 ކެންޑިޑޭޓުންގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި މި ހަފުތާގައި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) ން މިއަދު ބުނެފި އެވެ.

އާއްމު އިންތިޚާބުގައި 386 ކެންޑިޑޭޓުން ވާދަކުރި އެވެ. އެ މީހުންގެ މާލީ ބަޔާން ހުށަހަޅަން ދިން މުއްދަތު މިދިޔަ ހޮނިހިރު ދުވަހުގެ ރޭ 12 ޖެހުމާ ހަމައަށް ހަމަވިއިރު ބަޔާން ހުށަނާޅަނީ 39 ކެންޑިޑޭޓުންނެވެ. އެއީ މުޅިން ވެސް އިންތިޚާބުން ނާކާމިޔާބުވި ކެންޑިޑޭޓުންނެވެ.

އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އަހުމަދު އަކްރަމް، "މިހާރު" އަށް ވިދާޅުވީ އެ ކެންޑިޑޭޓުންނަށް ދައުވާ ކުރަން އެދި މިހަފުތާގައި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާނެ ކަމަށެވެ.

"ވީހާ ވެސް އަވަހަކަށް [ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް] ފޮނުވޭތޯ މި ބަލަނީ. ކުރާނެ ދައުވާއެއް ނުވަތަ އަޅާނެ ފިޔަވަޅެއް ނިންމާނީ ޕްރޮސެކިއުޓާ ޖެނެރަލް،" އަކްރަމް ވިދާޅުވި އެވެ.

އިންތިޚާބާ ބެހޭ އާއްމު ގާނޫނަށް މިދިޔަ އަހަރު ގެނައި އިސްލާހުގައި ބުނެފައި ވަނީ، ވަކި ކަމެއް ކުރުމަށް އެ ގާނޫނުގައި ކަނޑައަޅާފައި ވަނިކޮށް އެކަން ނުކުރުމަކީ އިންތިޚާބީ ކުށެއް ކަމަށެވެ. އޭގެ އަދަބެއްގެ ގޮތުން، ހަ މަސް ދުވަހާއި ދެ އަހަރު ދުވަހުގެ މުއްދަތަކަށް ޖަލަށް ލުން ނުވަތަ 6،000-24،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވެ އެވެ.

ގާނޫނުގައި ބުނެފައިވާ ގޮތުގައި، ކެންޑިޑޭޓު ހުށަހަޅާ މާލީ ބަޔާނަކީ ދައުލަތުގެ ކަމާބެހޭ އިދާރާއެއްގައި ރަޖިސްޓަރީ ކޮށްފައިވާ އޮޑިޓަރަކު އޮޑިޓް ކޮށްފައިވާ މާލީ ބަޔާނަކަށް ވާން ޖެހެ އެވެ.

- އަމިއްލަ ގޮތުން 31

- ޕީޕީއެމް 2

- ޕީއެންސީ 1

- އަދާލަތު 1

- މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް 2

- މޯލްޑިވްސް ލޭބާ އެންޑް ސޯޝަލް ޑިމޮކްރެޓިކް ޕާޓީ 2