ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

"ކާންޗަނާ" ގެ ނަމުގައި ގެނެސްދޭ ތަމަޅަ ހޮރޯ ކޮމެޑީގެ ހިންދީ ރިމެކްގެ ޝޫޓިން ފަށައިފި އެވެ.

"ލާކްޝްމީ ބޮމްބް" ގެ ނަން ދީފައިވާ ފިލްމުގެ ޝޫޓިން ފެށިކަން، ތަމަޅަ ފިލްމު ވެސް ޑައިރެކްޓް ކުރި އަދި އެ ސީރީޒްގެ ބަތަލު ރަގަވާ ލޯރެންސް ފިލްމުގެ ލީޑް ދެ ތަރިން ކަމަށްވާ އަކްޝޭ ކުމާރާއި ކިއާރާ އަދުވާނީއާ އެކު ނަގާފައިވާ ފޮޓޯތަކެއް ޓްވިޓާގައި ހިއްސާ ކުރަމުން ވަނީ ކަށަވަރުކޮށް ދީފަ އެވެ. ކިއާރާ ވެސް ވަނީ ސެޓުން ނަގާފައިވާ ފޮޓޯއެއް ޓްވިޓާގައި ޕޯސްޓްކޮށްފަ އެވެ.

"ކާންޗަނާ" ގެ ހިންދީ ރިމެކް ވެސް ޑައިރެކްޓް ކުރަނީ ރަގަވާ އެވެ. އަދި ފިލްމުގެ ސްކްރީންޕްލޭ ލިޔެފައި ވަނީ ފަރުހާދު ސަމްޖީ އެވެ.

"ލާކްޝްމީ ބޮމްބް" ކުޅުމުގެ އިތުރަށް މި ފިލްމުގެ އެއް ޕްރޮޑިއުސަރަކީ ވެސް އަކްޝޭ އެވެ. އަދި މި ފިލްމަކީ ކިއާރާ އަދުވާނީއާ އެކު އަކްޝޭ ފެނިގެން ދާނެ ދެވަނަ ފިލްމެވެ.

އެ ދެ ތަރިން އެކީގައި ފެންނާނެ ފުރަތަމަ ފިލްމަކީ މި އަހަރުގެ ޑިސެމްބަރުގައި ރިލީޒްކުރާ "ގުޑް ނިއުސް" އިންނެވެ. އެ ފިލްމުގެ ކާސްޓުންގެ ތެރޭގައި ކަރީނާ ކަޕޫރާއި ދިލްޖީތު ދޮސަންޖް ވެސް ހިމެނެ އެވެ.

"ލާކްޝްމީ ބޮމްބް" ރިލީޒްކުރާނެ ތާރީހެއް އަދި ހާމައެއް ނުކުރެ އެވެ. ބައެއް ރިޕޯޓްތައް ބުނާ ގޮތުން މި ފިލްމުގައި ޓްރާންސްޖެންޑާ ކެރެކްޓާއަކުން އަމީތާބް ބައްޗަން ވެސް ފެންނާނެ އެވެ.

ނަވާޒުއްދީން ސިއްދީގީ ބަތަލުގެ ރޯލް ކުޅޭ ފިލްމު "ރާތު އަކޭލީ ހޭ" ގެ ޝޫޓިން ނިންމާލައިފި އެވެ.

"އަ ޑެތު އިން ދަ ގޫންޖް" ފަދަ ފިލްމުތައް ޕްރޮޑިއުސް ކުރި ހަނީ ތުރެހާން ޑައިރެކްޝަނަށް ނުކުންނަ ފިލްމުގައި ނަަވާޒުއްދީނާ އެކު ބަތަލާއިންގެ ރޯލުން ފެނިގެން ދާނީ ރާދިކާ އަޕްޓޭ އާއި ޝްވޭތާ ތުރިޕަތީ ޝަރްމާ އެވެ.

"ރާތު އަކޭލީ ހޭ" އަކީ ކްރައިމް ތުރިލާއެކެވެ. މި ފިލްމު ރިލީޒް ކުރާނެ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ.

އެކްޓަރު އަޔޫޝްމަން ކުރާނާގެ އަންހެނުން ތާހިރާ ކެޝަޕްގެ އަލަތު ފީޗާ ފިލްމު "ޝަރުމާ ޖީ ކީ ބޭޓީ" އަށް ފެހި ސިގްނަލް ދިނުމަށް ފަހު މަދޫރީ ޑިކްސިޓް އެ ފިލްމު ދޫކޮށްލާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ނަމަވެސް ބުޝަން ކުމާރާއި އަތުލް ކަސްބޭކަރު ޕްރޮޑިއުސް ކުރާ ފިލްމު މަދޫރީ ދޫކޮށްލުމާ ބެހޭ ގޮތުން ރަސްމީކޮށް އެެއްވެސް ވާހަކައެއް ނުދައްކަ އެވެ. ބައެއް ރިޕޯޓްތައް ބުނާ ގޮތުން ރަސްމީކޮށް ފިލްމަށް ސޮއިނުކޮށް، މަދޫރީ ފިލްމު ދޫކޮށްލީ ކުރިން ވާހަކަ ދެކެވުނު ގޮތަށް އެ ޕްރޮޖެކްޓާ ގުޅޭ ކަންކަން ކުރިއަށް ނުދާތީ އެވެ.

އަނެއްކޮޅުން މިދިޔަ އަހަރު ފިލްމު އިއުލާން ކުރި ތަނާހެން ތާހިރާ އަށް އުރަމަތީގެ ކެންސަރު ޖެހިގެން، ފިލްމުގެ މަސައްކަތް ޖެހުނީ ކުރިން ރޭވި ގޮތަށް ނުގެންދެވިގެން ހުއްޓައިލާށެވެ. އެކަމަކު އޭނާ މިހާރު ހުރީ ބަލިން ފަސޭހަވުމުގެ އެންމެ ފަހު މަރުހަލާގަ އެވެ.

"ޝަރުމާ ޖީ ކީ ބޭޓީ" ގެ ކާސްޓްގައި ސައްޔާމީ ކޭރާއި ޓީވީ ބަތަލާ ސާކްޝީ ތަންވަރު ވެސް ހިމެނޭ ކަމަށްވެ އެވެ. އަދި މަދޫރީ ފިލްމު ދޫކޮށްލުމުން އެހެން ބަތަލާއަކު ހޯދުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށްވެ އެވެ.

ދާދި ފަހުން ރިލީޒްކޮށް ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބުނު ފިލްމު "ގަލީ ބޯއި" އިން އަލަށް ތައާރަފުވި އެކްޓަރު ސިދާންތު ޗަކްރަވެދީ ކުޅުނު މަގުބޫލު ކެރެކްޓާ އެމްސީ ޝޭރް އިތުރަށް ވަރުގަދަކޮށް، އެ ކެރެކްޓާ އަށް ބިނާކޮށް ފިލްމުގެ ސްޕިން-އޮފެއް ހަދަން އުޅޭ ވާހަކަ އޭނާ ދޮގުކޮށްފި އެވެ.

ބޮލީވުޑް ހަންގާމާ އިން ޒުވާން އެކްޓަރު ބުނީ "ގަލީ ބޯއި" އިން ކުރިފަޅުވައިގެން ފިލްމެއް ހަދަން އުޅޭ ވާހަކައަކީ ދޮގެއް ކަމަށެވެ. އަދި އޭނާ ވެސް އެކަހަލަ ފިލްމަކަށް ތައްޔާރު ނޫން ކަމަށް ބުންޏެވެ.

ޒޯހާ އަހްތަރު ޑައިރެކްޓް ކުރި "ގަލީ ބޯއި" ގެ މައިގަނޑު ތަރިންނަކީ ސިދާންތުގެ އިތުރުން ރަންވީރު ސިންގް އާއި އާލިއާ ބަޓް އަދި ކަލްކީ ކޮއެޗްލިން އެވެ. އެ ފިލްމުގައި ކިޔައި ދެނީ މަގުމަތިން އުފަންވާ ކާމިޔާބު ރެޕާއެއްގެ ވާހަކަ އެވެ.

ސިދާންތު ބުނީ އޭނާ ދެން ކުޅޭނެ ފިލްމެއް ވަރަށް އަވަހަށް އެ ފިލްމުގެ ޕްރޮޑިއުސަރުން އިއުލާން ކުރާނެ ކަމަށެވެ. ބެލެވޭ ގޮތުން ދެން ވެސް އޭނާ ފެނިގެން ދާނީ "ގަލީ ބޯއިސް" ގެނެސް ދިން އެކްސެލް އެންޓަޓައިންމަންޓްގެ ފިލްމަކުންނެވެ.