ސިޓީ އެއް ވަނަ އަށް، ޔުނައިޓެޑުން ފުރުސަތު ނަގާލައިފި
ސިޓީ އެއް ވަނަ އަށް، ޔުނައިޓެޑުން ފުރުސަތު ނަގާލައިފި

މެންޗެސްޓާ (އޭޕްރީލް 29) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ރަށުންބޭރުގައި 1-0 އިން ބާންލީ ބަލިކޮށް މެންޗެސްޓާ ސިޓީ އަލުން އެއް ވަނަ އަށް ޖެހިލިއިރު، މެންޗެސްޓާ ޔުނައިޓެޑް ކުޅުނު މެޗުން 1-1 އިން ޗެލްސީއާ އެއްވަރުވެ ގަދަ ހަތަރެއްގެ ތެރެއަށް ވަންނަން ލިބުނު ފުރުސަތު ނަގާލައިފި އެވެ.

ސިޓީ އެއް ވަނަ އަށް، ޔުނައިޓެޑުން ފުރުސަތު ނަގާލައިފި
ސިޓީ އެއް ވަނަ އަށް، ޔުނައިޓެޑުން ފުރުސަތު ނަގާލައިފި

ބާކީ ދެ މެޗު އޮތްއިރު ސިޓީ އެއް ވަނައިގައި އޮތީ 36 މެޗުން 92 ޕޮއިންޓާ އެކު އެވެ، ދެ ވަނައިގައި އޮތް ލިވަޕޫލަށް 36 މެޗުން ލިބިފައިވަނީ 91 ޕޮއިންޓެވެ. ތިން ވަނައިގައި އޮތް ޓޮޓެންހަމަށް 36 މެޗުން ލިބިފައިވަނީ 70 ޕޮއިންޓެވެ. ހަތަރު ވަނައިގައި އޮތް ޗެލްސީ އަށް 36 މެޗުން 68 ޕޮއިންޓް ލިބިފައިވާއިރު، އިއްޔެ ލެސްޓާ ސިޓީ އަތުން 3-0 އިން ބަލިވި އާސެނަލް ފަސް ވަނައިގައި އޮތީ 36 މެޗުން 66 ޕޮއިންޓާ އެކު އެވެ. ހަ ވަނައިގައި ޔުނައިޓެޑް އޮތީ 36 މެޗުން 65 ޕޮއިންޓް ހޯދައިގެންނެވެ.

ބާންލީގެ ޓާފް މޯގައި ކުޅުނު މެޗުގައި އެ ޓީމަށް ލީޑުނަގައިދޭން ކްރިސް ވުޑަށް ރަނގަޅު ފުރުސަތެއް ލިބުނުއިރު ބޭނުމެއް ނުކުރެވުނެވެ. ސިޓީން ދެ ވަނަ ހާފް ފެށިގެން ވަރަށް ބޮޑަށް އެޓޭކަށް ޖެހިގެން ކުޅުމުގެ ނަތީޖާ އަކަށްވީ އެ ޓީމުން ފުރުސަތުގެ ބޭނުން ހިފައި ލީޑުނެގުމެވެ. މެޗުގެ 63 ވަނަ މިނިޓްގައި ސިޓީގެ ސާޖިއޯ އަގުއޭރޯ ފޮނުވާލި ބޯޅަ ބާންލީގެ މެތިއު ލޯޓަން ސަލާމަތްކުރި ނަމަވެސް އެ ބޯޅަ ވަނީ ގޯލުގެ ރޮނގު ހުރަސްކޮށްފަ އެވެ. ރެފްރީ އެ ލަނޑު ގަބޫލުކުރަން ނިންމީ ގޯލްލައިން ޓެކްނޮލޮޖީގެ އެހީގައި ބެލުމަށް ފަހު އެވެ.

ސިޓީ އަށް ލީޑުފުޅާކޮށްދޭން ގަބްރިއެލް ޖީސޫސް ޖެހި ބޯޅަ ގޯލު ރޮނގުމަތިން ސަލާމަތްކޮށްދިނީ ބާންލީގެ ޑިފެންޑަރު ބެން މީ އެވެ.

މެޗަށް ފަހު ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނީ މި މެޗުން މޮޅުވި ނަމަވެސް އަދިވެސް ހަމަޖެހިލެވެން ނެތް ކަމަށާއި ބާކީ އޮތް ދެ މެޗަށް ވެސް ނުކުންނަން ޖެހޭނީ ފައިނަލެއްގެ ގޮތުގައި ދެކިގެން ކަމަށެވެ. އަދި މިދިޔަ ސީޒަނާ ހިލާފަށް މި ފަހަރު ސިޓީ އަށް ކުރިމަތިވެފައިވާ ގޮންޖެހުމަކީ ލިވަޕޫލުން ހޯދާފައިވާ ކުރިއެރުން ކަމަށާއި އެހެން ނޫން ނަމަ މިހާރު ސިޓީ އަކީ ޗެމްޕިއަނުން ކަމަށް ބުންޏެވެ.

ޔުނައިޓެޑްގެ ދަނޑުގައި ރޭ ކުޅުނު މެޗުގައި އެ ޓީމަށް ލީޑުނަގައިދިނީ ހުއާން މަޓާ އެވެ. އެކަމަކު ފުރަތަމަ ހާފުގެ ފަހު ކޮޅުގައި ޔުނައިޓެޑްގެ ކީޕަރު ޑޭވިޑް ޑެހެއާ އަށް ހެދުނު ގޯހެއްގެ ފައިދާނަގައި ޗެލްސީ އަށް އެއްވަރުކޮށްދިނީ ސްޕެއިނުގެ ފުލްބެކް މާކޯސް އަލޮންސޯ އެވެ. ރޭގެ މެޗުން ޗެލްސީ މޮޅުކޮށްދޭން މެޗުގެ ފަހު މިނިޓްގައި ޗެލްސީގެ ގޮންޒާލޯ ހިގުއައިން އަށް ރަަނުގެ ފުރުސަތެއް ލިބުނުއިރު ބޭނުމެއް ނުކުރެވުނެވެ. ހިގުއައިން ހުސްކޮށްހުރެ ޖެހި ބޯޅަ ކީޕަރު ޑެހެއާ ވަނީ މަތަކޮށްފަ އެވެ.

ރޭގެ މެޗުން މޮޅެއް ނުލިބުމުން ޔުނައިޓެޑަށް ގަދަ ހަތަރެއްގައި ނިންމާލުމުގެ އަމިއްލަ ބާރެއް ނެތެވެ. ރޭގެ ނަތީޖާއާ އެކު މިއީ 2015 ވަނަ އަހަރަށް ފަހު ޔުނައިޓެޑަށް މޮޅެއް ނުލިބި ޖެހިޖެހިގެން ހަތަރު މެޗު ނިންމާލަން ޖެހުނު ފުރަަތަމަ ފަަހަރެވެ. އެކަމަކު އެ ޓީމުގެ ކޯޗު އޮލެ ގުނަ ސޯލްޝެއާ ހުރީ ބާކީ އޮތް ދެ މެޗުން މޮޅުވެގެން ގަދަ ހަތަރެއްގައި އޮވެ އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގު ޖާގައެއް ހޯދުމުގެ އުއްމީދުގަ އެވެ.

"ކުރިއަށް އޮތް ދެ މެޗުން މޮޅުވެގެން އަހަރެމެންނަށް ގަދަ ހަތަރެއްގެ ތެރެއަށް ވަނުމުގެ ފުރުސަތު އެބައޮތް. އެ އުއްމީދުގައި މިތިބީ،" ސޯލްޝެއާ ބުންޏެވެ.

ޗެލްސީގެ ކޯޗު މައުރީޒިއޯ ސާރީ ބުނީ ގަދަ ހަތަރެއްގެ ތެރޭގައި ނިންމާލުމަށް ޗެލްސީ އަށް އޮތީ ދެ މެޗުން މޮޅުވުން ކަމަށާއި އެކަން ހާސިލްކުރަން މުޅި ޓީމު އެކުގައި މަސައްކަތްކުރުން މުހިއްމު ކަމަށެވެ.

ލެސްޓާ ދަނޑުގައި ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި އާސެނަލްގެ ޒުވާން ކުޅުންތެރިޔާ އެއިންޓްލީ މެއިޓްލަންޑް-ނައިލްސް އަށް ރަތް ކާޑު ދެއްކުމުން މެޗުގެ ބޮޑުބައި އެ ޓީމުން ކުޅުނީ ކުޅުންތެރިޔަކު މަދުކޮށެވެ. ލެސްޓާ އިން ތިން ގޯލު ޖެހީ ދެ ވަނަ ހާފުގަ އެވެ. ފުރަތަމަ ގޯލު ބެލްޖިއަމްގެ މިޑްފީލްޑަރު ޔޫރީ ޓިއެލެމަންސް ޖެހިއިރު، އަނެއް ދެ ގޯލު ކާމިޔާބުކުރީ މި ވަގުތު ރަނގަޅު ފޯމެއްގައި ހުރި ޖޭމީ ވާޑީ އެވެ.