28 އެޕްރީލް 2019 - 15:46

އާ ސިސްޓަމްތައް ބަހައްޓައި ރާއްޖޭގެ ބޯޑަ ކޮންޓްރޯލް ވަރުގަދަކޮށްފި އެވެ.

މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީގެ ސްޓޭޓް މިނިސްޓަރު އަލީ ސޯލިހު މިއަދު ވިދާޅުވީ އިންޓަނޭޝަނަލް އެއާޕޯޓުތަކާއި ކަނޑުގެ ބަނދަރުތަކުގައި ބަހައްޓާފައިވާ ސިސްޓަމްތައް ބަދަލުކޮށްފައިވާ ކަމަށެވެ. އަދި ހިދުމަތް ދިނުން އަވަސްކުރުމަށް ކުރިއަށްވުރެ ޓާމިނަލް އިތުރުކޮށްފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.
ރާއްޖޭގެ ބޯޑަރު ބެލެހެއްޓުމަށް އިމިގްރޭޝަނުން ބޭނުންކުރަމުން އަންނަނީ އެމެރިކާގެ ޕާސަނަލް އައިޑެންޓިފިކޭޝަން ސެކިއޯ ކޮމްޕެރިސަން އެންޑް އިވެލުއޭޝަން ސިސްޓަމް (ޕައިސިސް) އެވެ. އެ ސިސްޓަމް އޮތީ ނާޒުކު ހާލަތެއްގައި ކަމަށާއި މައްސަލަތައް ހައްލުކުރުމުގެ މަސައްކަތް ފަށާފައިވާކަމަށް ޓެކްނޮލޮޖީ މިނިސްޓަރު މަލީހު ޖަމާލް ވަނީ މިދިޔަ ޖެނުއަރީ މަހު ވިދާޅުވެފަ އެވެ.
އަލީ ވިދާޅުވީ ކުރީގެ ސަރުކާރުން ރަނގަޅަށް އަޅާނުލުމުގެ ސަބަބުން ސިސްޓަމްތަކުގައި މައްސަލަ އުޅޭ ކަމަށެވެ. އެހެންވެ އެމެރިކާގެ އެހީއާއެކު 70 އަށްވުރެ ގިނަ ޓާމިނަލް ލިބިފައިވާ ކަމަށް ވިދާޅުވި އެވެ.
"ކުރިއަށްވުރެ އަވަސްވެފައި އިމިގްރޭޝަންގެ ހިދުމަތް ވެސް ރަނގަޅުވާނެ،" އަލީ ސޯލިހު ވިދާޅުވި އެވެ.
އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ހިންގާ ޓެރަރިސްޓް އިންޓަޑިކްޝަން ޕްރޮގްރާމް (ޓީއައިޕީ)ގައި ހިމެނޭ ޕައިސިސް އަކީ ގައުމުތަކަށް އެތެރެވެ، ބޭރުވާ މީހުން ދެނެގަނެ، ފިންގަޕްރިންޓާއި އެ ނޫން ވެސް ބަޔޮމެޓްރިކް މައުލޫމާތުގެ މައްޗަށް ބިނާކޮށް އެއީ ކާކުކަން ދެނެގަންނަ ސިސްޓަމެކެވެ. އެމެރިކާ އިން ހާޑްވެއާ އާއި ސޮފްޓްވެއާ ފޯރުކޮށްދޭ މި ސިސްޓަމްގެ އެންމެ ބޮޑު އެއް ބޭނުމަކީ ޓެރަރިސްޓުން ނުވަތަ އެފަދަ ކަމަކަށް ޝައްކުކުރެވޭ މީހުން ދެނެގަނެ، އެ މައުލޫމާތު ބޭނުންވާ ފަރާތްތަކާ ހިއްސާ ކުރުމެވެ.