28 އެޕްރީލް 2019 - 15:31

އިސްލާމިކް ސްޓޭޓް (އައިއެސް) އާ ގުޅުން ހުރި ފޮތެއް ސްރީ ލަންކާގެ ގެއެއްގެ ތެރެއިން ފެނުނު މައްސަލައެއްގައި އެ ގައުމުގެ ފުލުހުން ހައްޔަރުކޮށްފައި ވަނީ އެމްޑީޕީގެ އިސް ދެ އެކްވިސްޓުން ކަމަށްވާ ފުނަމާ އާދަމް މަނިކާއި ބައިކަނޑި ހަސަން މަނިކުކަން "މިހާރު" އަށް އެނގިއްޖެ އެވެ.
އެ ދެ މީހުންގެ ބަންދަށް ލަންކާގެ ކޯޓުން އިއްޔެ ވަނީ 13 ދުވަސް ޖަހައިފަ އެވެ
އެ ދެ މީހުން ހައްޔަރުކުރީ އެ މީހުން ލަންކާގައި ދިރިއުޅޭ ގެ ފުލުހުން ބަލައި ފާސްކުރިއިރު އިސްލާމިކް ސްޓޭޓް (އައިއެސް) ޖަމާއަތާ ގުޅޭ ފޮތެއް އެ ގެއިން ފެނިގެންނެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި އެ ފޮތާއި އެ މީހުންނާ ގުޅުމެއް ނެތެވެ. އެއީ އެ ގޭގައި އުޅުނު މީހަކު ގެންގުޅުނު ފޮތެކެވެ. އެ ފޮތުގެ ވެރިޔާ މި ވަގުތު ހުރީ ވެސް މާލޭގަ އެވެ.
އެ ފޮތަކީ، އައިއެސް ޖަމާއަތް އުފެދިގެން އައި ގޮތާ ގުޅޭގޮތުން އެމެރިކާގެ ނޫސްވެރިއަކު ލިޔެފައިވާ "ބްލެކް ފްލެގްސް ދަ ރައިޒް އޮފް އައިއެސްއައިއެސް" އެވެ.
ފުނަމާ އާދަމް މަނިކާއި ބައިކަނޑި ހަސަން މަނިކު ހައްޔަރުކުރީ ޑޮކްޓަރަށް ދެއްކުމަށް ލަންކާ އަށް ދިޔަތާ މާ ގިނަ ދުވަސްތަކެއް ނުވަނީހެވެ.
ލަންކާގައި ހުންނަވާ ދިވެހި ސަފީރު އުމަރު އަބްދުލް ރައްޒާގު "މިހާރު" އަށް މިއަދު ވިދާޅުވީ އެ މައްސަލައިގެ ގޮތުން މިވަގުތު އެއްވެސް އެއްޗެއް ހާމަ ކުރެވެން ނެތް ކަމަށެވެ.
މި ދެ މީހުންގެ އިތުރުން ވެސް ހަތަރު މީހަކު ލަންކާގެ ފުލުހުންގެ ބެލުމުގެ ދަށުގައި އަދި އެބަތިއްބެވެ. އެ މީހުން ހައްޔަރުކުރީ ދިރިއުޅޭ ގެއިން އެއާ ގަންއެއް ފެނިގެންނެވެ. އެމީހުންގެ ބަންދުގެ މުއްދަތު ލަންކާ ކޯޓުން އިތުރު ކޮށްދީފައި ނުވާތީ މާދަމާ އެމީހުން މިނިވަން ކުރާނެ އެވެ.
އެނގިފައިވާ ގޮތުގައި، ސްރީ ލަންކާގައި ބޮން ގޮއްވާލައި ދިން ހަމަލާތަކާ އެއްވެސް ދިވެއްސަކާ ގުޅުން ހުރި ކަމަށް ތުހުމަތެއް ނުކުރެ އެވެ.
ލަންކާގައި މިދިޔަ ހަފުތާގެ އާދިއްތަ ދުވަހު ބަޔަކު ދިން ބޮމުގެ ހަމަލާތަކުގައި 200 އަށް ވުރެ ގިނަ މީހުން މަރުވެފައި ވެ އެވެ. އެ ގައުމުގެ ސަލާމަތީ ބާރުތަކުން އަންނަނީ ހުރިހާ ގެއެއް ބަލައި ފާސްކުރުމަށް ބޮޑު އޮޕަރޭޝަނެއް ކުރިއަށް ގެންދަމުންނެވެ.
* މި ޚަބަރު އެންމެ ފުރަތަމަ ޝާއިއުކުރި އިރު، ހައްޔަރުކި އެކަކީ "ބައިކަނޑި އިބްރާހިމް މަނިކު" ކަމަށް ލިޔެވުނީ މައުލޫމާތުގެ ކުށަކުންނެވެ. އެކަމަށްޓަކައި މާފަށް އެދެމެވެ.