28 އެޕްރީލް 2019 - 13:01

ކާސަލް ޗެސް ކްލަބް އެންޑް އެކަޑަމީން މޯލްޑިވްސް ޗެސް އެސޯސިއޭޝަނާ ގުޅިގެން ބޭއްވި ފުރަތަމަ ދިރާގު އިންވިޓޭޝަނަލް ރެޕިޑް ޗެސް މުބާރާތުގެ ތަށި ކްލަބް ޗެސް މޭޓްސް އިން ހޯދައިފި އެވެ.

ރާއްޖޭގައި ޗެސް މުބާރާތް ބާއްވާ ފޯމެޓާ މުޅިން ތަފާތު ގޮތަކަށް ކުރިއަށްގެންދިޔަ މި މުބާރާތުގައި ބައިވެރިވެފައިވަނީ ކާސަލް ޗެސް ކްލަބް އެންޑް އެކަޑަމީ، ކްލަބް ޑަބަލް އެއިޓް، ކްލަބް ޗެސް މޭޓްސް އަދި ކްލަބް ސްޓޯން ވޯލް އެވެ. މި މުބާރާތުގެ ފޯރި ގަދަވެގެންދިޔަ އެއް ސަބަބަކީ 10 ބޯޑުގެ ފޯމެޓަށް ކުރިއަށް ދިއުމެވެ.
މިމުބާރާތް ހާއްސަވަނީ އާންމު ގޮތެއްގައި ޗެސް ޓީމް މުބާރާތް ތަކުގައި ކުޅޭ އުސޫލު ކަމަށްވާ ހަތަރު ކުޅުންތެރިންނާއި އެއް ރިޒާވް ކުޅުންތެރިޔާގެ އުސޫލުގެ ބަދަލުގައި، 10 ކުޅުންތެރިންނާއި ތިން ރިޒާވް ކުޅުންތެރިންގެ މައްޗައް އެކުލެވިގެން ހުރިހާ ޓީމެއް ވާދަކުރުމެވެ. އޭގެ ބޭނުމަކީ ހުރިހާ ލެވެލެއްގެ ކުޅުންތެރިންނަށް ވެސް ކުޅުމުގެ ފުރުސަތު ދިނުމެވެ. ކޮންމެ ޓީމެއްގައި ވެސް އެލީޓް ކުޅުންތެރިންނާއި އެ ނޫން ލެވެލްގެ ކުޅުންތެރިން ވެސް ހިމެނޭއިރު، މޮޅުވާ މެޗަކަށް ލިބޭނީ އެއް ޕޮއިންޓެވެ.
ސަތާރަ އަހަރާއި 60 އަހަރާ ދެމެދުގެ 45 ކުޅުންތެރިން ފެނިގެންދިޔަ މި މުބާރާތުގައި އެކި ފެންވަރުގެ ގިނަ ކުޅުންތެރިން ބައިވެރިވި އެވެ. މިދިޔަ ހުކުރު ދުވަހު ބޭއްވި މި މުބާރާތުގެ ޗެމްޕިއަންކަން ހޯދި ކްލަބް ޗެސް މޭޓްސް އަށް ވަނީ 10،000 ރުފިޔާގެ ފައިސާގެ އިނާމެއް ދީފަ އެވެ. ދެ ވަނަ އަށް ދިޔައީ ކްލަބް ޑަބަލް އެއިޓް އެވެ.
މުޅި ދުނިޔޭގައި ޗެސް ކުޅޭ 180 ވުރެ ގައުމު އޮތް ނަމަވެސް މިފަދަ ގޮތަކަށް ގިނަ ބޯޑުތަކެއް ހިމެނޭ މުބާރާތެއް ބާއްވަނީ މަދު ގައުމެއްގަ އެވެ. ދާދި ފަހުން ފިންލެންޑް ގައިވެސް މިކަލަ ގިނަ ބޯޑުގެ މުބާރާތެއް ވަނީ ކުޅެފައެވެ. އެ މުބާރާތުގައި ކުޅެފައިވަނީ ހަތް ބޯޑެވެ.
ދުނިޔޭގެ ގިނަ ކުންފުނިތަކުން ވިސްނުންތޫނު ޖީލެއްގެ އުފެއްދުމައް ކުރުވޭ މަސައްކަތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ޗެސް ގެ ހަރަކާތްތަށް ސްޕޮންސަކުރެ އެވެ. މި ފަހަރުގެ ރެޕިޑް ޗެސް މުބާރާތް ސްޕޮންސަކުރި ދިރާގަކީ ރާއްޖޭގެ އިޖުތިމާއީ ކަންތައްތަކުގައި ބައިވެރިވުން ބޮޑު ކުންފުންޏެކެވެ.
ޗެސް އެސޯސިއޭޝަންގެ އެންމެ ބޮޑު އެއް މަގުސަދަކީ ތަފާތު މުބާރާތްތައް ބާއްވަން ގަސްދުކުރާ ކްލަބް ތަކައް ހިތްވަރުދީ އެހީތެރިކަން ފޯރުކޮއްދިނުމެވެ. ޗެސް އެސޯސިއޭޝަނާއި ކްލަބްތަކުގެ ފަރާތުން ރާއްޖޭގެ އެކި ފަރާތްތަކަށް ޗެސް ފުޅާކުރުމަށް ގިނަ މަސައްކަތްކެއް ކުރިއަށް ރޭވިފައި އެބަހުއްޓެވެ.
ދުނިޔޭގެ ކުރިއަރާފައިވާ 45 އަށް ވުރެން ގިނަ ގައުމުގައި މާއްދާއެއްގެ ގޮތުގައި ޗެސް އަންނަނީ ކިޔަވައިދެމުންނެވެ. މީގެ ތެރޭގައި ޔުރަޕްގެ ވަރަށް ގިނަ ގައުމުތަކުގެ އިތުރުން އެމެރިކާ ހިމެނެ އެވެ. ރާއްޖޭގެ ގިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލްގައި ވެސް 2015 އަހަރުން ފެށިގެން މާއްދާއެއްގެ ގޮތުގައި ޗެސް ކިޔަވައިދެ އެވެ. އެއީ ގްރޭޑް އެކަކުން ފަހަކަށެވެ. ކާސަލް ޗެސް ކްލަބުން އެކަން ފުޅާކުރުމަށް އިތުރު މަސައްކަތްކަތެއް ކުރާނެ ކަމަށް ވަނީ ބުނެފަ އެވެ.