28 އެޕްރީލް 2019 - 11:23

ކޮލަމްބޯ (އެޕްރީލް 28) - މިދިޔަ ހަފުތާގެ އާދިއްތަ ދުވަހު ސްރީ ލަންކާގައި ދިން ބޮމުގެ ހަމަލާތަކާ ގުޅިގެން އެ ގައުމުގެ ޓޫރިޒަމް 30 ޕަސެންޓަށް ދަށަށްދާނެ ކަމަށާ އަދި ޓޫރިޒަމުން ލިބޭ އާމްދަނީން ވެސް 1.5 ބިލިއަން ޑޮލަރު މަދުވާނެ ކަމަށް މާލީ ވަޒީރު މަންގަލަ ސަމަރަވީރާ ވިދާޅުވެއްޖެ އެވެ.
ސަމަރަވީރާ ވިދާޅުވީ ކުރިން އުއްމީދު ކުރީ ޓޫރިޒަމުން ރެކޯޑް އަދަދެއް ކަމަށްވާ ފަސް ބިލިއަން ޑޮލަރުގެ އާމްދަނީއެއް މި އަހަރު ލިބޭނެ ކަމަށެވެ. ޓޫރިޒަމުން މިދިޔަ އަހަރު ލަންކާ އަށް ލިބިފައި ވަނީ 4.4 ބިލިއަން ޑޮލަރެވެ.
ލަންކާގެ އިގްތިސާދުގައި ޓޫރިޒަމްގެ ހިއްސާ އަކީ ފަސް ޕަސެންޓެވެ. ލަންކާ އަށް ޓޫރިސްޓުން އަންނަ އެންމެ ބޮޑެތި މާކެޓްތަކަކީ އިނގިރޭސި ވިލާތް، އިންޑިއާ އަދި ޗައިނާ އެވެ. ރަސްމީ ހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ ފުރަތަމަ ތިން މަސް ދުވަހު ލަންކާ އަށް ވަނީ 740،600 ޓޫރިސްޓުން ޒިޔާރަތްކޮށްފަ އެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތަށް ވުރެ 4.6 ޕަސެންޓުގެ އިތުރު އަދަދެކެވެ.
ހަމަލާތަކަށް ފަހު ގިނަ އަދަދެއްގެ ބުކިންސް ކެންސަލް ކުރަމުންދާތީ، ސަމަރަވީރާ ވިދާޅުވީ އެހެން ޕްލޭނަކާ މެދު ވިސްނަން ޖެހޭ ކަމަށެވެ. އަދި އިސްލާމިކް ސްޓޭޓް (އައިއެސް) ސްޓައިލުގެ ހަމަލާތައް ދީފައިވާ ގައުމުތަކުން ވެސް ދެ ތިން އަހަރެއްގެ ތެރޭ ޓޫރިޒަމް އަލުން އިޔާދަކޮށްފައިވާ ކަމަށް ސަމަރަވީރާ ވިދާޅުވި އެވެ.
"ބެލްޖިއަމް، ފްރާންސް، ސްޕޭން އަދި ޓިއުނީޝިއާ ފަދަ ގައުމުތަކަކީ ޓެރަރިސްޓް ހަމަލާތައް ދިން ނަމަވެސް އަލުން ޓޫރިޒަމް މާކެޓް ހޯދާފައިވާ ގައުމުތައް،" މިނިސްޓަރު ވިދާޅުވި އެވެ.
ލަންކާގައި ދިން ހަމަލާތަކުގެ ޒިންމާ ވެސް އައިއެސް އިން ވަނީ އުފުލައިފަ އެވެ. ބޮމުގެ ހަމަލާތަކުގައި 253 މީހުން ވަނީ މަރުވެފަ އެވެ. އޭގެ ތެރޭގައި ގާތްގަނޑަކަށް ސާޅީހަކަށް ބިދޭސީން ވެސް ހިމެނެ އެވެ.