ފުޓްބޯޅައިގެ ޖީލެއް ބިނާކުރުމުގެ ޒިންމާ ކުޑަހީނާ އަށް
ފުޓްބޯޅައިގެ ޖީލެއް ބިނާކުރުމުގެ ޒިންމާ ކުޑަހީނާ އަށް

ރާއްޖެ އަށް އައި ގިނަ ބިދޭސީ ކޯޗުންނަށް ފާހަގަކުރި އެއް ކަމަކީ ވެލެންސިއާ އާއި ވީބީ އައްޑޫ އެފްސީ ކުރީގެ ކޯޗު އިސްމާއިލް އާސިފް (ކުޑަހީނާ)ގެ ޓްރެއިނިންތަކުގެ ފެންވަރު ރަނގަޅުކަމެކެވެ. މިއީ ކުޑަހީނާއާ އެކު މަސައްކަތްކުރި ގިނަ ކުޅުންތެރިން ވެސް ފާހަގަކުރާ ކަމެކެވެ. އެފްއޭއެމުން ދުރުރާސްތާ ޕްލޭނެއް އެކުލަވާލައި ކުޑަހީނާއާ ހަވާލުކޮށްފައި މިވަނީ ފުޓްބޯޅައިގެ ޖީލެއް ބިނާކުރުމުގެ ޒިންމާ އެވެ. އެއީ މިހާތަނަށް ކުޅުންތެރިން ބިނާކުރުމުގައި ސާބިތުކޮށްދީފައިވާ ކަންތައްތަކަށް ބެލުމަށް ފަހު އެވެ.

ފުޓްބޯޅައިގެ ޖީލެއް ބިނާކުރުމުގެ ޒިންމާ ކުޑަހީނާ އަށް
ފުޓްބޯޅައިގެ ޖީލެއް ބިނާކުރުމުގެ ޒިންމާ ކުޑަހީނާ އަށް

ކުޑަހީނާ ހަމަޖައްސާފައިވަނީ 13 އަހަރުން ދަށުގެ ކުޅުންތެރިން ތަމްރީން ކުރުމަށާއި 16 އަހަރުން ދަށުގެ ފެންވަރު ރަނގަޅު ގައުމީ ޓީމެއް ދެ އަހަރު ދުވަހުގެ ތެރޭގައި ބިނާކުރުމުގެ ޕްރޮޖެކްޓް ހިންގުމަށެވެ. ޖުމްލަ ގޮތެއްގައި ޔޫތު ފުޓްބޯޅައިގެ ކުރިމަގަށް ކުރަން ޖެހޭ ހުރިހާ މަސައްކަތެއްގައި ވެސް ކުޑަހީނާގެ ބައިވެރިވުން އޮންނާނެ ކަމަށް އެފްއޭއެމުން ބުނެ އެވެ. އެކަމަކު އޭނާގެ ޓާގެޓަކީ 2021 ވަނަ އަހަރު އޮންނަ އޭއެފްސީ 16 އަހަރުން ދަށުގެ މުބާރާތަށް ރާއްޖެ ކޮލިފައިކޮށްދިނުމުގެ އިތުރުން އެ އަހަރު އޮންނަ 15 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕަށް ރަނގަޅު ޓީމެއް ނެރެދިނުމެވެ.

ފުޓްބޯޅައިގެ ޖީލެއް ބިނާކުރުމުގެ ޒިންމާ ކުޑަހީނާ އަށް
ފުޓްބޯޅައިގެ ޖީލެއް ބިނާކުރުމުގެ ޒިންމާ ކުޑަހީނާ އަށް

އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރު އިހުސާން އަބްދުލް ގަނީ (ސާންތީ) ވިދާޅުވީ ޒުވާން ފުޓްބޯޅައިގެ ޖީލެއް ބިނާކުރުމަށް ޕްލޭނެއް ހަދައި އެކަން ކުރިއަށްގެންދެވޭނެ ކޯޗެއް ހޯދުމުގެ މަސައްކަތުގައި އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލާއި ޓެކްނިކަލް ޑިޕާޓްމަންޓަށް އެންމެ ގާބިލު މީހެއް ކަމުގައި ބެލެވުނީ ކުޑަހީނާ ކަމަށެވެ.

"ފުރަތަމަ ޕްލޭނެއް ހަދާފައި ބެލީ ޖެނެރޭޝަނެއް ބިލްޑްކުރަން ކާކުތޯ އެންމެ ރަނގަޅީ. ބެލިއިރު ރައީސް އަށް ވެސް ޓެކްނިކަލް ޓީމަށް ވެސް ފެނުނީ އެންމެ ރަނގަޅު މީހެއްގެ ގޮތުގައި ކުޑަހީނާ. ވަރަށް ގިނަ ޒުވާން ކުޅުންތެރިން ބިނާކޮށް މިކަން އެންމެ ރަނގަޅަށް އެނގޭ ހުރިހާ ލެވެލެއްގައި މަސައްކަތްކޮށްފައި ހުރި ކޯޗެއް ކުޑަހީނާ އަކީ. ދެން ފާހަގަވި އަނެއް ކަމަކީ އަތޮޅުތެރޭގެ މީހުންނާ ވެސް ކުޑަހީނާގެ ގުޅުން ބޮޑު،" ސާންތީ ބުންޏެވެ.

ނިމިގެންދިޔަ އިންޓަ ސްކޫލް 13 އަހަރުން ދަށުގެ މުބާރާތުން 33 ކުޅުންތެރިން އެފްއޭއެމްގެ ޓެކްނިކަލް ޑިޕާޓްމަންޓަށް ފާހަގަވި ކަމަށާއި އޭގެ ތެރެއަށް އިތުރު ކުޅުންތެރިން ގެނެސް 60 ކުޅުންތެރިންގެ ޕޫލަކާ އެކު މަސައްކަތް ފަށާނީ ކުޑަހީނާ ކަމަށް ސާންތީ ވިދާޅުވި އެވެ.

"ކުޑަހީނާގެ ބެލުމުގެ ދަށުން މާލޭގައި މި ހުރި އެކެޑަމީތަކާއި މާލޭ ކައިރީގައި ހުރި އެކެޑަމީތަކާއި ދުރު އަތޮޅުތަކުގައި ތިބި ފެންވަރު ރަނގަޅު ކުޅުންތެރިން ބަލައި މާލެ ގެނެސް މި ޕޫލު ތެރޭގައި 60 ކުޅުންތެރިން ގެންގުޅޭނެ. މިއީ ދުރު ރާސްތާ ޕްރޮޖެކްޓަކަށްވާތީ ގިނަ ކުޅުންތެރިން ގެންގުޅެން ނިންމީ،" ސާންތީ ވިދާޅުވި އެވެ.

މުބާރާތެއް ބޯމަތީގައި އޮއްވާ ހަ މަސް ދުވަހުން ނޫނީ އެއް އަހަރު ދުވަހުން ޓީމެއް ހަދައިގެން ގޮސް ބޭނުންވާ ކަންތައްތައް ހާސިލްނުވާނެ ކަމަށާއި އޭގެ ބަދަލުގައި ދުރުރާސްތާ ޕްލޭނެއްގެ ދަށުން ކުރިއަށް ދިއުމުގެ ފައިދާ ބޮޑު ކަމަށް އެފްއޭއެމުން ދެކެ އެވެ. މުސްތަގުބަލުގައި ރަނގަޅު ޓީމުތަކެއް އޮންނާނީ ރަނގަޅު ފުޓްބޯޅައިގެ ޖީލެއް ބިނާކޮށް ފުރުސަތުތައް ފަހިކޮށްދީގެންނެވެ.

"ކުޅުންތެރިން ބިނާކުރުމަކީ އެއް ދުވަހުން ނޫނީ ދެ ދުވަހުން ވާނެ ކަމެއް ނޫން. ހަމައެކަނި ޕްރެކްޓިހެއް ނޫން ކުރާނީ. ފްރެންޑްލީ މެޗުތައް ވެސް ކުޅެން އެހެން ގައުމުތަކަށް ދިއުމާއި އަދި މިހާރުގެ 16 އަހަރުން ދަށުގެ ޓީމުގައި ދިމާވާ ކަންތައްތަކާއި އެކެޑަމީތަށް ރަނގަޅުކުރަން ޖެހޭ ހާލަތުގައި މަޝްވަރާ ކުރުންވެސް ހިމެނޭ. މީގެ މި ބަލަނީ ދުނިޔޭގެ އެކަން ކުރިއަރާފައި އޮތް ގައުމުތަކުގައި ކުރާ ގޮތަށް ކުރެވޭތޯ،" ސާންތީ ވިދާޅުވި އެވެ.

ކުޑަހީނާގެ ބެލުމުގެ ދަށުން ޓްރެއިން ވެގެން ފުރަތަމަ ޑިވިޝަނުގައި މިހާރު ކުޅެމުން އަންނަ ގިނަ ކުޅުންތެރިން އަންނަނީ މިހާރު ގައުމީ ޓީމަށް ވެސް ކުޅެމުންނެވެ. ރަށްރަށަށް ގޮސް ފެންވަރު ރަނގަޅު ކުޅުންތެރިން ހޯދުމުގެ މަސައްކަތް ވެސް ކުޑަހީނާ ކުރެ އެވެ. އެފްއޭއެމްގެ މަގާމަކަށް ކުޑަހީނާ ގެންނަން މީގެ ކުރިން ވެސް އެ އިދާރާގެ ރައީސް ބައްސާމް ކުރެއްވި އެވެ.

"ފުޓްބޯޅައިގެ މެނޭޖްމަންޓްގެ ދާއިރާ އަށް އަޅުގަނޑު ނުކުތް ދުވަހުން ފެށިގެން އަޅުގަނޑާ އެކު މަސައްކަތްކުރި ކުޑަހީނާ. އަޅުގަނޑަށް ފެނުނު ރާއްޖޭގެ އެންމެ މޮޅު އެއް ޓްރެއިނަރު ކުޑަހީނާ އަކީ. އަޅުގަނޑު ބެލިން ކުރިން ވެސް ކުޑަހީނާ ގެނެވޭތޯ. އެކަމަކު އާ ބަސް ބުނުމުގައި މައްސަލަތަކެއް ދިމާވީ. އުއްމީދަކީ ކުޑަހީނާގެ އެހީތެރިކަމުގައި ވަރަށް ރަނގަޅު ޖީލެއް ބިނާކުރުން،" ބައްސާމް ވިދާޅުވި އެވެ.

މީގެ ކުރިން ޒުވާން ކުޅުންތެރިންނަށް ދިމާވެފައިވާ މައްސަލަ އަކީ ފެންވަރު ރަނގަޅު ޓްރެއިނިންތައް ނުލިބުމުގެ މައްސަލައިގެ އިތުރުން ވާދަވެރި މެޗުތަކެއް ކުޅެން ނުލިބުމެވެ. އެކަމަކު އެފްއޭއެމުން މިހާރު އަންނަނީ އެ މައްސަލަތަކަށް ހައްލެއް ހޯދުމަށް "ޓުވާޑްސް ފިއުޗާ"ގެ ނަމުގައި ޕްރޮޖެކްޓެއް ފަށައި މަސައްކަތްތަކެއް ކުރަމުންނެވެ. އެ ގޮތުން މިދިޔަ އަހަރު 13 އަހަރުން ދަށުގެ ކުޅުންތެރިންނަށް ލީގެއް ބޭއްވި އެވެ. މި އަހަރު އެ ލީގު އިތުރަށް ފުޅާކޮށް 14 އަހަރުން ދަށާއި 12 އަހަރުން ދަށަށް މުބާރާތް ބާއްވާނެ އެވެ. އަދި އަންނަ ޖުލައި މަހު ޔުއެފާއާ ގުޅިގެން 15 އަހަރުން ދަށުގެ މުބާރާތެއް ބޭއްވުމަށް ވަނީ ތާވަލުކޮށްފަ އެވެ.