28 އެޕްރީލް 2019 - 07:27

ބާސެލޯނާ (އޭޕްރިލް 28) – ލިއޮނަލް މެސީގެ ގޯލުން ލެވަންޓޭ 1-0 އިން ބަލިކޮށް ބާސެލޯނާ އިން 11 އަހަރުގެ ތެރޭގައި އަށް ވަނަ ފަހަރަށް ސްޕެނިޝް ލީގު ރޭ ކާމިޔާބުކޮށްފި އެވެ.

ބާސެލޯނާ އަށް ލީގު ކަށަވަރުވީ ރޭގެ މޮޅާ އެކު ތާވަލުގެ އެއް ވަނައިގައި 83 ޕޮއިންޓް ހަމަކޮށް، ދެ ވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑުގެ މައްޗަށް ނެގި ނުވަ ޕޮއިންޓުގެ ލީޑާ އެކު އެވެ. ބާކީ ތިން މެޗުން މޮޅުވެގެން އެތުލެޓިކޯ އަށް ޕޮއިންޓުގެ ގޮތުން ބާސެލޯނާއާ އެއްވަރުކުރެވުނަސް، ހެޑް-ޓު-ހެޑް ކުރި ލިބޭނެ ގޮތެއް ނެތެވެ.
"އަހަރެމެންގެ ވާދަވެރިންގެ ފެންވަރަށް ބަލާއިރު، ލީޑެއްގައި އޮވެ ލީގު ކާމިޔާބުކުރުމަކީ ވަރަށް އުދަނގޫ ކަމެއް. އެކަމަކު ޖެހިޖެހިގެން ދެ އަހަރު އެކަން ހާސިލްކޮށްފިން،" ބާސެލޯނާގެ ކޯޗު އާނެސްޓޯ ވަލްވާޑޭ ބުންޏެވެ.
ބާސެލޯނާގެ ތާރީހުގައި އެ ޓީމުން 26 ވަނަ ފަހަރަށް ލީގު ކާމިޔާބުކުރިއިރު، 33 ތަށްޓާ އެކު އެންމެ ކާމިޔާބު ކްލަބް ކަމަށްވާ ރެއާލް މެޑްރިޑް އޮތީ ތާވަލުގެ ތިން ވަނައިގަ އެވެ. އެ ޓީމަށް މި ސީޒަނުގައި ބޮޑު މުބާރާތެއް ކާމިޔާބެއް ނުކުރެވެ އެވެ. މިދިޔަ ތިން އަހަރު ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްދިން ކޯޗު ޒައިނުއްދީން ޒިދާން ގެނެސް އަންނަ ސީޒަނުގައި ލީގު ކާމިޔާބުކުރަން އެ ޓީމުން ވަނީ ޓާގެޓްކޮށްފަ އެވެ.
ބާސެލޯނާގެ ދަނޑުގައި ރޭ ކުޅުނު މެޗުގައި އެ ޓީމުގެ ހަމައެކަނި ގޯލް 62 ވަނަ މިނެޓުގައި މެސީ ޖެހީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި އަރަ އެވެ. މިއީ ލީގުގެ ލަނޑު ލިސްޓުގެ އެއް ވަނައިގައި އޮތް މެސީ ލީގުގައި ޖެހި 34 ވަނަ ގޯލެވެ. އެންމެ ގާތުގައި އޮތީ 21 ލަނޑު ޖަހާފައިވާ ރެއާލް މެޑްރިޑުގެ ކަރިމް ބެންޒެމާ އެވެ.
ލީގު ކާމިޔާބުކުރެވުމާ އެކު ބާސެލޯނާގެ ހުރިހާ ވިސްނުމެއް ދެން ހުންނާނީ ޗެމްޕިއަންސް ލީގަށެވެ. އެ މުބާރާތުގެ ސެމީ ފައިނަލުގައި އެ ޓީމު ނުކުންނަން ޖެހޭނީ އިނގިރޭސި ގަދަބާރު ލިވަޕޫލާ ދެކޮޅަށެވެ.
"އަހަރެމެން މިތިބީ ވަރަށް އުފަލުން އަދި ސަޕޯޓަރުން ހިތްހަމަޖެހިފައި ތިބޭތީ ފަހުރުވެރިވޭ. އެކަމަކު އަދިވެސް އަހަރެމެންގެ ކުރިމަތީގައި ޗެލެންޖްތަކެއް އެބަހުރި،" ޗެމްޕިއަންސް ލީގަށް އިޝާރާތްކޮށް ވަލްވާޑޭ ބުންޏެވެ.
ރޭގެ މެޗުގެ ފުރަތަމަ އެގާރައިގައި މެސީ ނުހިމެނީ ވެސް ބުދަ ދުވަހުގެރޭ ލިވަޕޫލާ ދެކޮޅަށް ކުޅޭ މެޗަށް ވިސްނައިފަ އެވެ. އެކަމަކު ފުރަތަމަ ހާފުގައި ލަނޑެއް ނުޖެހި، އެ މެޗުގެ ކުރިން ލީގު ކަށަވަރުނުކުރެވި އިތުރު ޕްރެޝަރެއް އަތުވެދާނެތީ ދެ ވަނަ ހާފަށް މެސީ ނެރުނީ ކަމަށް ބެލެވެ އެވެ.
މި ކާމިޔާބީއާ އެކު އެންމެ ހާއްސަ ޝަރަފެއް ލިބުނު ކުޅުންތެރިޔަކީ ބާސެލޯނާގެ އާޓޫރޯ ވިޑާލެވެ. މިއީ ތަފާތު ތިން ކްލަބަކަށް އަށް އަހަރު ކުޅެ ޖެހިޖެހިގެން އޭނާ ލީގު އުުފުލާލި އަށް ވަނަ ފަހަރެވެ. ޔުވެންޓަސްއާ އެކު އިޓާލިއަން ލީގު ހަތަރު އަހަރު ކާމިޔާބުކުރުމަށް ފަހު ބަޔާން މިއުނިކާ އެކު ތިން ފަހަރު ކާމިޔާބުކުރި އެވެ. އެއަށް ފަހު މި ސީޒަނުގައި ބާސެލޯނާއާ ގުޅި ލީގު ކާމިޔާބުކުރީ އެވެ.