01 ސެޕްޓެމްބަރ 2016 - 20:25

ޓެކްނޮލޮޖީ އަށް ހޭލުންތެރިކުރުވަން ސައިރިކްސް ކޮލެޖުން ތަމްރީން ވޯކްޝޮޕްތަކެއް ބާއްވަން ނިންމައި އޭގައި ބައިވެރިވާން މިއަދު ފުރުސަތު ހުޅުވާލައިފި އެވެ.
އެ ކޮލެޖަށް 23 އަހަރު ފުރުމާ ގުޅިގެން ހިންގާ ހަރަކާތްތަކުގެ ތެރެއިން "ޓެކްނޮލޮޖީ އެންމެންނަށް" ނަމުގައި ޓްރެއިނިން ބާއްވަނީ އިންޓަނެޓާއި، ސޯޝަލް މީޑިއާ، ޓްރެވެލް ޑޮކިއުމަންޓް ފަދަ މުހިއްމު ތަކެތި ރައްކާތެރިކޮށް ބަލަހައްޓާނެ ގޮތްތަކާއި ޓެކްނޮލޮޖީގެ ބޭނުން ހެޔޮގޮތުގައި ހިފާނެ ގޮތްތަކުގެ މައްޗަށެވެ. އަދި އެ ޓްރެއިނިން ހާއްސަކޮށްފައިވަނީ ވެސް އެފަދަ އެއްޗިއްސަށް އަހުލުވެރި ނޫން މީހުންނަށް ކަމަށް އެ ކޮލެޖުން ބުންޏެވެ.
މި ޓްރެއިނިން އޮންނާނީ އަންނަ ބުދަ ދުވަހެވެ. އެ ދުވަހު ތިން ސެޝަން ކުރިއަށް ގެންދާއިރު ކޮންމެ ސެޝަނެއް ވެސް ތިން ގަޑިއިރަށް ދެމިގެންދާނެ ކަމަށް އެ ކޮލެޖުގެ ޑައިރެކްޓާ ޖެނެރަލް އެފެއާޒް އަލީ ޝަމްއާން ވިދާޅުވި އެވެ.
މި ޓްރެއިނިންތަކުގައި ކިޔަވައިދޭނީ ސައިރިކްސް ކޮލެޖުގެ ލެކްޗަރާއިންނެވެ. އޭގެ ތެރޭގައި ޓެކްނޮލޮޖީ ބޭނުންކުރާނެ ގޮތްތަކާއި ސޯޝަލް މީޑިއާ ބޭނުންކުރާނެ ގޮތާއި މައުލޫމާތު ފޯރުކޮށްދެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މި ޓްރެއިނިންގައި ބައިވެރިވާން އެއްވެސް ފީއެއް ދައްކާކަށް ނުޖެހޭނެ އެވެ.
ހިލޭސާބަހަށް މަސައްކަތް ކުރަން ސައިރިކްސް އިން އުފައްދާފައިވާ ވޮލެންޓިއާ ކޯގެ ދަރިވަރުން މާދަމާ އަދި ހޮނިހިރު ދުވަހު ގޭގެއަށް ޒިޔާރަތް ކުރާނެ އެވެ. އަދި އެ ޒިޔާރަތުގެ ތެރޭގައި ޓްރެއިނިން އާ ގުޅޭ މައުލޫމާތު ފޯރުކޮށްދީ އޭގައި ބައިވެރިވާން ބޭނުންވާ މީހުން ރަޖިސްޓްރީކޮށްދޭނެ ކަމަށް ސައިރިކްސް ކޮލެޖުން ބުންޏެވެ.