ލަންކާގެ ދެ ޖަމާއަތެއް މަނާކޮށްފި
ލަންކާގެ ދެ ޖަމާއަތެއް މަނާކޮށްފި

ކޮލަމްބޯ (އެޕްރީލް 27) - ސްރީ ލަންކާގެ އިސްލާމީ ދެ ޖަމާއަތެއް މަނާ ކުރުމަށް ރައީސް މައިތުރިޕާލާ ސިރިސޭނާ ނިންމައިފި އެވެ.

ލަންކާގައި މިހާރު އިއުލާންކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން މަނާކޮށްފައި ވަނީ ނޭޝަނަލް ތައުހީދު ޖަމާއަތް (އެންޓީޖޭ) އާއި ޖަމާއަތުލް މިއްލަތު އިބްރާހިމެވެ. މި ދެ ޖަމާއަތަކީ ވެސް މިދިޔަ ހަފުތާގެ އާދިއްތަ ދުވަހު ލަންކާގައި ބޮމުގެ ހަމަލާ ދިން ކަމަށް ތުހުމަތުކޮށްފައިވާ ދެ ޖަމާއަތެވެ. ބޮމުގެ ހަމަލާތަކުގައި ވަނީ 253 މީހުން މަރުވެފަ އެވެ.

ސަލާމަތީ ފަރާތްތަކުން ބުނެފައި ވަނީ ލަންކާގައި ދިން ބޮމުގެ ހަމަލާތަކުގެ ފަހަތުގައި ވަނީ އެންޓީޖޭ ކަމަށެވެ. ލަންކާގެ ސްޓޭޓް މިނިސްޓަ އޮފް ޑިފެންސް ރުވާން ވިޖެވަރްދަނާ ޕާލަމެންޓުގައި ވާހަކަ ދައްކަވަމުން ވިދާޅުވެފައި ވަނީ އެންޓީޖޭގެ އިތުރުން ޖަމާއަތުލް މިއްލަތު އިބްރާހިމް (ޖޭއެމްއައި) އިން ވެސް ބޮމުގެ ހަމަލާތަކުގައި ބައިވެރިވެފައިވާ ކަމަށް ބެލެވޭ ކަމަށެވެ.

ބޮމުގެ ހަމަލާތަކުގެ ޒިންމާ ވަނީ އިސްލާމިކް ސްޓޭޓް (އައިއެސް) އިން އުފުލައިފަ އެވެ. ލަންކާގައި މިހާރު ފަށާފައިވާ އޮޕަރޭޝަނުގައި ވަނީ 75 އަށް ވުރެ ގިނަ މީހުން ހައްޔަރުކޮށްފަ އެވެ.