އެސްޓީއޯގެ ހޮޓާ ނުއަގުގައި ވިއްކާލަން ޖެހިފައި!
އެސްޓީއޯގެ ހޮޓާ ނުއަގުގައި ވިއްކާލަން ޖެހިފައި!

އެސްޓީއޯއިން 2011 ވަނަ އަހަރު އަޅަން ފެށި 250 އެނދުގެ ހޮޓަލުގެ މަސައްކަތް ހުޓިފައި އޮންނަތާ ހަތަރު ވަރަކަށް އަހަރު ވެއްޖެ އެވެ. އެކި ސަބަބުތަކާ ހުރެ އެ މަސައްކަތް ނުނިމި، ދިގުލައިގެން ގޮސް އެންމެ ފަހުން ހޮޓާ ވިއްކާލަން ޖެހޭ ހިސާބަށް ވަނީ ގޮސްފަ އެވެ.

އެސްޓީއޯގެ ހޮޓާ ނުއަގުގައި ވިއްކާލަން ޖެހިފައި!
އެސްޓީއޯގެ ހޮޓާ ނުއަގުގައި ވިއްކާލަން ޖެހިފައި!

އެކަމަކު ކޮންސްޓްރަކްޝަންގެ 60 ޕަސެންޓް މަސައްކަތް ނިމިފައިވާ ހޮޓަލުގެ ބައެއް އެހެން ކަންކަމަށް ކޮށްފައިވާ ހަރަދުތައް ބޮޑުކަމުން، ވިއްކާލަން ވަނީ ހުރަސްތަކެއް ކުރިމަތިވެފައި ކަމަށް، އެސްޓީއޯގެ އާ މެނޭޖްމަންޓުން ބުނެ އެވެ. އެސްޓީއޯ އިން ބުނާ ގޮތުގައި ކޮންސްޓްރަކްޝަންގެ މަސައްކަތުގެ އިތުރުން، ކޮންސަލްޓޭޝަނާއި ސަޕްލަޔަރުންނަށާއި އެހެން ބައެއް ކަންކަމަށް، ހޭދަކޮށްފައި ވަނީ މާކެޓްގެ އަގަށް ވުރެ މާ ބޮޑުކޮށެވެ. އެހެންކަމުން ހޮޓާ ގަންނަން ބޭނުންވާ މީހުން އެ ހަރަދުތަކުގައި ހިފަން ދެކޮޅު ހަދާތީ، މިހާރު އޮތީ، ހޮޓަލަށް ކުރި ހަރަދުން ބައިތަކެއް އުނިކޮށް، ނުއަގުގައި ވިއްކާލެވޭތޯ ބެލުން ކަމަށް، އާ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު ވިދާޅުވި އެވެ.

"މިހާ ގިނަ ދުވަސް ވެގެން ދިޔަ އިރު އޭގެ ތެރޭގައި އެބަ ހުރި އެތަން ހަދަން ދިޔަ ހަރަދުގެ އިތުރުން އެއާ އެއް ހަމަޔަކަށް އެހެން މީހުންނަށް ހަރަދުކޮށްފައި. ބޭންކް ލޯނު އިންޓްރެސްޓް ދެއްކުމާއި ސަޕްލަޔަރުންނަށް އެޑްވާސްއަށް ލާރި ދެއްކުމާއި ކޮންސަލްޓޭޝަން ފީތައް ވެސް އެބަހުރި،" އޭނާ ވިދާޅުވި އެވެ.

ހޮޓާ ވިއްކާލަން ބޭނުން ނަމަ، އަމްރު ވިދާޅުވީ، ބައެއް ހޭދަތައް އުނިކުރަން ޖެހޭ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި އެއީ އިންވެސްޓްމަންޓެއްގެ ގޮތުގައި ބެލޭނެ ހަރަދުތަކެއް ނޫނެވެ. އެހެންކަމުން އެސްޓީއޯއަށް ގެއްލުމަކަށް ވިޔަސް، ބައެއް ހަރަދުތައް ހޮޓަލުގެ އަގުން ކަނޑަން ޖެހިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އަމްރު ވިދާޅުވީ މިދިޔަ ދުވަސްތަކުގައި އެ ހަރަދުތައް ހުރީ ހިސާބުތަކުން ނުކަނޑާ ކަމަށާއި މިހާރުގެ ވިސްނުމަކީ އެ ހަރަދުތައް ކެނޑުމަށް ފަހު ހޮޓަލުގެ އަގުކުރުން ކަމަށެވެ. އެކަން އެގޮތަށް ކުރުމުން ކުންފުންޏަށް ގެއްލުންވި ނަމަވެސް، ހޮޓަލުގެ މަސައްކަތް ކުރިޔަށް ގެންދެވި ނިންމާލެވޭނެ ކަމަށް މެނޭޖިން ޑިރެކްޓަރު ގަބޫލުކުރައްވަ އެވެ.

"އަޅުގަނޑުމެން ބޭނުންވަނީ ޕްރޮޖެކްޓްގެ މަސައްކަތް ނިންމަން،" އޭނާ ވިދާޅުވި އެވެ.

އެސްޓީއޯގެ ހޮޓާ ވިއްކާލަން އިއުލާންކުރީ ހަމައެކަނި އާ މެނޭޖްމަންޓުގެ ދަށަކުން ނޫނެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ވެސް ހޮޓާ ވިއްކާލަން އޭރުގެ މެނޭޖްމަންޓުން އިއުލާންކުރި އެވެ. އަދި ތިން ފަރާތަކުން ޝައުގުވެރިކަން ވެސް ފާޅުކުރި އެވެ. ނަމަވެސް އެކަން ނިންމިފައެއް ނުވެ އެވެ.

ދެ ވަނަ ފަހަރަށް އިއުލާންކުރުމުން، އަމްރު ވިދާޅުވީ، ބޭރުގެ ގިނަ ހޮޓެލް ޗެއިންތަކަކުން ޝައުގުވެރިކަން ފާޅުކުރި ކަމަށެވެ.

"އެކަމަކު ވެސް އެ ހޮޓަލަށް ކޮށްފައިވާ ބައެއް ހަރަދުތަކަކީ އެމީހުން ބަލައިގަންނާނެ އެއްޗެއް ނޫން. ބައެއް ސަޕްލަޔަރުންނަށް ދީފައި ހުރި ކޮންޓްރެކްޓްތައް މާ އަގު ބޮޑީ،" އަމްރު ވިދާޅުވި އެވެ.

މިހާރު އެސްޓީއޯ އިން ނިންމާފައި ވަނީ، ހޮޓާ އަލުން އަގުކޮށްގެން ވެސް ވިއްކާނުލެވިއްޖެ ނަމަ ކުންފުނިން އަމިއްލައަށް މަސައްކަތްކޮށްގެން ނިންމާ ގޮތަށެވެ. ހޮޓާ ހިންގަން ހަވާލުކުރާނީ އެހެން ބަޔަކާ އެވެ.

މިހާރު އޮތް ގޮންޖެހުމަކީ ނުއަގުގައި ވެސް ހޮޓާ ގަންނާނެ ބަޔަކު ހޯދުމެވެ. ހޮޓަލާ މެދު ގޮތެއް ނުނިމި ދިގުލާ ނަމަ އެސްޓީއޯ އަށް ހުރި ގޮންޖެހުންތައް ބޮޑު ކަމަށް އަމްރު ވިދާޅުވި އެވެ. އެހެންކަމުން ހޮޓަލާ މެދު ވީހާވެސް އަވަހަކަށް ގޮތެއް ނިންމަން މެނޭޖްމަންޓުން ގެންދަނީ މަސައްކަތްކުރަމުންނެވެ.