28 އެޕްރީލް 2019 - 07:37

އަހަންނަކީ މައިންބަފައިންގެ ލޯތްބާއި މިނިވަންކަން ލިބިގެން ބޮޑުވި އަންހެންކުއްޖެކެވެ. އަހަރެންގެ ރައްޓެހީން ވަރަށް ގިނައެވެ. އިސްކޫލުގައި އަހަންނާ އެންމެ އެއްކޮށް އުޅޭ އެކުވެރީންނާއި، އަވަށްޓެރީންގެ ތެރެއިން އަހަންނާ އެންމެ ގާތް އެކުވެރީންގެ ބޮޑު ގުރޫޕެއް އޮވެއެވެ. އެ ޒަމާނަކީ ވައިބާއާއި އެފްބީގެ ޒަމާނެއް ނޫނެވެ. އެކުވެރިކަން ދަމަހައްޓަނީ އެކުގައި ވަގުތު ހޭދަކޮށްގެންނެވެ. އެންމެނަށް ބައްދަލުވެވޭނެ ކަހަލަ އެކިއެކި ކަންކަން ރާވައިގެންނެވެ. އެކި ރައްޓެހިންގެ ގޭގެއަށް ގޮސް ޓީޓީ ކުޅުމާއި، ފިލްމުބަލަން ދިޔުމާއި، އައިސްކިރިމުބޯން ދިޔުމާއި، ހަވީރު ހިނގާލަންދިޔުމަކީ އަހަރުމެން އާންމުކޮށް ކުރާ ކަންކަމެވެ. ގޭގައިނުމަކީ އަހަރެން ވަރަށް ފޫހިވާކަމެކެވެ. ހަމަ ކޮންމެ ދުވަހަކު ވެސް ކޮންމެ ވެސް ރައްޓެއްސެއްގެ ގެޔަށް އަހަރެން ދަމެވެ. ނުވަތަ އެ މީހުން އަހަރެންގެ ގެއަށް އާދެއެވެ. ވިއްސާރަވެގެން ބޭރަށް ނުދެވެންޏާ އޮންނާނީ ބޯޑުކުޅިވަރު ކުރުމެވެ. ލޫޑޯއާއި، ސްނޭކް އެންޑް ލެޑާއާއި، ތިންހަމައެވެ. އެހެންނޫނީ ކެރަމާއި، އޮއްވަޅުގޮނޑިއެވެ. ތާހާއި، ޑިގާއި، ޖޯކަރާއި، ދަށުންދަމާއެވެ. ގަނޑުފިއްލާއާއި، ފީކޯއިއާއި، ކޮރާކުޅުމެވެ. އިޝާރާތާއި، ބައިތުބާޒީއާއި، ލަވަބާޒީއެވެ. ފޮތްކިޔުމަކީ އަހަރެން ފޫހިވާކަމެކެވެ.
އަހަރެން މީހަކާއިނީ އުމުރުން ސަތާރަ އަހަރުގައެވެ. ފިރިމީހާ ނަސީރަށް އޭރު އަށާރަ އަހަރެވެ. ނަސީރު ދެކެ އަހަރެން ވަރަށް ލޯބިވެއެވެ. އުމުރުން އެކާވީސް އަހަރުވީއިރު އަހަރުމެންނަށް ތިން ދަރިން ލިބިއްޖެއެވެ. އަހަރުމެން ދެމަފިރިންނަކީ ވެސް މާލޭގައި ގެދޮރު ހުރި މާލޭ މީހުންނެވެ. އަހަރުމެން ދިރިއުޅެނީ އަހަރެންގެ ގޭގައެވެ. މީހުނާއިނުމުން ހުރިހާ އެކުވެރިން ވެސް އުޅެންޖެހުނީ އަވަދިނެތިއެވެ. ދަރިން އިސްކޫލަށް ދާން ފެށުމުން އެ ތަނުން ބައެއް އެކުވެރިންނާ ދިމާވެއެވެ. ބެލެނިވެރިންގެ ބައްދަލުވުމާއި އިސްކޫލުގެ ކަންކަމުގައި އަހަރުމެން ބައްދަލުކޮށް ވަގުތު ހޭދަކުރެމެވެ. އެ ނޫން ގޮތަކަށް ބައްދަލުކުރާކަށް ވަގުތެއް ނުވެއެވެ. ފޯނުން ވާހަކަދެކެވެއެވެ. ގުޅުން ކެނޑުނަކަ ނުދެމެވެ. ބަލިވީމައި ގޮވައިލަން ގޮސް ހާލުބަލައި ހަދަމެވެ. ކަމެއްޖެހިގެން އެހީއެއް ބޭނުންވެއްޖެއްޔާ އެ މީހަކަށް ވީ ވަރަކުން އެހީވެއުޅެމެވެ. އެންމެންގެ އުފަލާއި ހިތާމައިގައި ވެސް އަހަރުމެން ބައިވެރިވީމެވެ. އޭރު ވެސް އަހަރުމެންގެ އުންމީދެއް އޮވެއެވެ. އެއީ ދަރިން ބޮޑެތިވުމުން ކުރިން ބައްދަލުކުރިހެން ބައްދަލުކޮށް ވަގުތުހޭދަކުރުމެވެ. ގެއްލިދިޔަ ތަން އަބުރައި ގެނައުމެވެ.
ޒަމާނަށް އައި ބަދަލާއެކު އަހަރުމެންގެ އެކުވެރިކަން ދަމަހައްޓާ ގޮތަށް ވެސް ބަދަލުއައެވެ. އަހަރުމެންގެ ދަރިން ބޮޑުވި ފަހުން، އެކި މީހުން އެކި ތަނުން ހޯދައިގެން ވައިބާ ގުރޫޕެއް ހެދީމެވެ. ކޮންމެ ތާކު ތިއްބަސް އެންމެން ގުރޫޕު ތެރޭގައި ސަމާސާކޮށް، އަނގަތަޅައި ހަދަމެވެ. ދެން އަހަރުމެން ދަނީ ކޮންމެވެސް ރެސްޓޯރަންޓަކަށެވެ. މަދުމަދުން ރަށްރަށަށާއި ރާއްޖެއިން ބޭރަށް ވެސް ދަމެވެ. އަހަރެންގެ ދޮށީ ދަރިފުޅު ބިދޭސީއަކާ އިނދެގެން ދިރިއުޅެނީ ނިއުޒިލެންޑުގައެވެ. ދޭތެރެއަކުން އަހަރެން އެ ތަނަށް ވެސް ޖައްސައިލަމެވެ. ދެން ތިބި ދެ ދަރިން ޑިގުރީ ހަދައިގެން ވަޒީފާއަށް ނުކުމެއްޖެއެވެ. މީހަކާ އިނދެގެން އެކަކު އުޅެނީ އަނބިމީހާގެ ގޭގައެވެ. އަހަރުމެންނާ އެކުގައި ގޭގައި އުޅެނީ އެންމެ ހަގު ދަރިފުޅެވެ. ވަޒީފާގެ ގޮތުން އޭނަ ގިނައިން އުޅެނީ މާލެއިން ބޭރުގައެވެ. ގޭގެ މަސައްކަތްތައްކުރަން ބިދޭސީއަކު ހުރެއެވެ. ތިން ދަރިން ބޮޑުކުރުމަށް ފަހު އަނެއްކާ ވެސް އަހަރެންގެ މާޒީ އަހަންނަށް އަނބުރައި ލިބުނެވެ. މިނިވަން ކޮކާލެއް ފަދައިން އަހަރެން އުދުހެން ފެށީމެވެ. ނަސީރު އެއްވެސް މައްސަލައެއް ނުޖައްސައެވެ. އޭނަ ދުށް ގޮތުގައި އަހަރެންގެ ވާޖިބު އަހަރެން އަދާކޮށްފިއެވެ. ރަނގަޅު ތަރުބިއްޔަތުދީ ދަރިން ބޮޑުކޮށްފިއެވެ. ހިތްވަރާއި ކެތްތެރިކަމާ އެކުގައެވެ. ދެން އޮތީ އަހަރެން ވެސް ހިތްހަމަޖައްސައިލާ، އެކުވެރިންނާ އެކުގައި ތަންތަނަށް ގޮސްލާހެދުމެވެ. ޅަދުވަސް އެނބުރި އައީއެވެ. ދިރިއުޅުމަކީ އެއީއެވެ. ނަސީރުގެ ގެއާއި އަހަރެންގެ ގޭގެ ބޮޑުބައި ހުންނަނީ ކުއްޔަށްދީފައެވެ. ފައިސާއަކަށް ދައްޗެއް ނެތެވެ.
ދުނިޔެއަކީ ސުވަރުގެއެއް ނޫނެވެ. ދުނިޔޭގެ ހަޔާތަކީ ރަތް ދޫލައެއް ވެސް ނޫނެވެ. އަހަރެން އުޅެނީ އެ ކަން ދަނެގެންނެވެ. ބޭނުން ހުރިހާ ކަމެއް ނުވާނެއެވެ. އަހަރެން އިނގިލިކުރީގައި ލައިގެން ނަސީރެއް ނުހިނގައެވެ. އަހަރެން ބުނާ ކޮންމެ އެއްޗަކަށް ނަސީރެއް ނުވެސް ރުހެއެވެ. އެއީ އޭނަގެ މިޒާޖެވެ. ރަނގަޅު ސަތޭކަ ސިފަ ހުންނަ މީހެއްގެ ނުރަނގަޅު އެކެއް ދެ ސިފަ ހުރެދާނެއެވެ. އަހަރެން އެކުވެރިންނާއެކު ވަގުތު ހޭދަކުރާއިރު ނަސީރު ވެސް ވަގުތު ހޭދަކުރާނީ ނަސީރުގެ އެކުވެރިންނާ އެކުގައެވެ. އެކަކުއަނެކަކަށް އިތުބާރުކުރާތީ އެކަކު ވެސް އަނެކަކަށް ޝައްކެއް ނުކުރެއެވެ. ފާރައެއްނުލައެވެ. އަހަރެން އަލުން ދިވެހިފިލްމު ބަލަން ދާން ފެށީމެވެ. މިޔުޒިކުޝޯއެއް ބާއްވައިފިއްޔާ އެ ތަނަކަށް ވެސް ދަމެވެ. މޫދުކަސްރަތުގައި ބައިވެރިވީމެވެ. ކަސްރަތު ކިލާހަކަށް ވެސް ދަމެވެ. ބައެއް ދުވަސްދުވަހު އެކުވެރިންނާ އެކުގައި ދުވަން ދަމެވެ. ބައިސްކަލުދުއްވަން ދަމެވެ. އަލަށް ރެސްޓޯރަންޓެއް ހުޅުވައިފިއްޔާ ހުޅުވާ ދުވަހު ދަމެވެ. ކިތަންމެ ލަހުން އަހަރެން ގެއަށް އަޔަސް ނަސީރު ޝަކުވާއެއް ނުކުރެއެވެ. ބަދަލުގައި ބުނެލާނީ ހިތްވަރުގެ ބަހެކެވެ. ހީވާނީ އަހަރެން އެ ތަނަކަށް ދިޔުމަކީ ނަސީރަށް ލިބޭ އުފަލެއްހެންނެވެ. އޭގެ އިތުރަށް ބައެއް ފަހަރު ހުރިހާ ފިރިންތަކާ އެކުގައި ވެސް އަހަރުމެން ހުރިހާ އަންހެނުން ދަމެވެ. އެ ތަނުން އެކަކުގެ ފިރިމީހާއާ އެކުގައި ވެސް ހުރިހާ އަންހެނުން ދެއެވެ. ހަމައެކަނި ރެސްޓޯރަންޓަކަށް ނޫނެވެ. ރާއްޖެއިން ބޭރަށް ވެސް ދަމެވެ. ވިޔަފާރި ދަތުރެއްގައި ފިރިހެނަކު ދާއިރު، އޭނަގެ އަނބިމީހާއާ އެކުގައި ވެސް އަހަރުމެން ދަމެވެ. އަހަރެންގެ ހުރިހާ ރައްޓެހިންނާ ނަސީރު ރައްޓެއްސެވެ. ނަސީރު ހުރިހާ ރައްޓެހިންނާ އަހަރެން ވެސް ރައްޓެއްސެވެ. އަހަރުމެން ފިހާރަޔަކަށް ވަނަސް ސަމާސާކުރުމެއް ނުހުއްޓެއެވެ. އެކަކުއަނެކަކާ ދިމާކުރުމާއި، ލަނޑުދިނުމާއި، ސޭޓު ހައްދައިގެން އެއްޗެހި އަގުހެޔޮކުރުން ވެސް އޮވެއެވެ. އަހަރުމެންނެކޭ ފުރާވަރުގެ ކުދިންތަކެކޭ އެއްގޮތެވެ. މެދުކެނޑުމަކަށް ފަހު އަލުން އެންމެން އެއްތަންވުމުން ވެސް އަހަރުމެންގެ އެކުވެރިކަމަކަށް ބަދަލެއްނާދެއެވެ. ކުރިޔަށް ވުރެ ބަދަހިވި ކަހަލައެވެ. އުފަންދުވަސް އަޔަސް، ރޯދަމަސް އަޔަސް، އީދުދުވަސް އަޔަސް އެކަކު ވެސް ތަހުނިޔާކިޔާކަށް ހަނދާނެއް ނުނެތޭނެއެވެ. އަހަރެންގެ ދިރިއުޅުން ފުރިހަމަވަނީ އެކުވެރިންނާ އެކުގައެވެ. ހީވާ ކަހަލައެވެ. އެއީ އަހަރެންގެ ހަށިގަނޑުގެ އެއް ހިއްސާއެވެ.
ކޮންމެ ހުކުރެއްގައި ކޮންމެ ވެސް އެކަކު ގޭގައި ކެއުމެއް ނުވަތަ ސަޔެއް އޮންނާނެއެވެ. އެންމެން އެ ގެއަކަށް ޖަމާވެ މަޖާނަގައިހަދައެވެ. ހިތަށްއެރިއެވެ. މީހުން ބުނެއެވެ. އުފަލަކަށް ފަހުގައި ހިތާމައެއް އަންނާނެއެވެ. އަހަންނަށް ވެސް ހިތާމައެއް އަތުވެދާނެ ހެއްޔެވެ؟ އަހަރުމެން ދެމަފިރިންގެ މެދުގައި ދެން ޖެހެންއޮންނާނީ ކޮން މައްސަލައެއް ހެއްޔެވެ؟ ޔަގީނުން ވެސް އެކުވެރިންނާއި އަހަރެން ދުރުކުރުމަކީ ނަސީރު ކުރާނެކަމެއް ނޫނެވެ. އެހެންނަމަވެސް މިހެން ވެސް ހިތަށްއަރައެވެ. ކަމެއް ވާނެގޮތެއް ނޭނގެއެވެ. އެކުވެރިންނާ ދުރުވާންޖެހޭ ކަހަލަ ހާލަތެއް އަތުވެއްޖެ ނަމަ އަހަރެން މޮޔަވާނެއެވެ.
އަހަރެންގެ ގޭގައި ވަރުގަދަ ކެއުމެއް ތައްޔާރުކުރި ދުވަހެކެވެ. އެ ދުވަހެކޭ އެހެން ދުވަހެކޭ އެއްވެސް ތަފާތެއް ނެތެވެ. ވައިބާއިން މެސެޖުކުރަމުން، ކައްކާ އެއްޗެހީގެ ފޮޓޯ ލުމުގައި އަހަރެން ކޮޅުކޮޅުމައްޗަށް ދުވުނީމެވެ. އަހަންނާ އެކުގައި އިތުރު ދެ އެކުވެރިޔަކު ވެސް އުޅުނެވެ. ކެއްކުމުގެ ބޮޑުބައިގައި އުޅުނީ އެ މީހުންނެވެ.
"އާތިފާގެ ގެ މިހާ ބޮލަށްފަސޭހައީ ކީއްވެގެންތަ؟" އަހަންނާ ސުވާލު ކުރިމަތިކުރަމުން ޒުހުދާ ބުންޏެވެ. "އަހަރެން ވެއްޖެ ނަސީރާ ދެ އަންބަށް އިންނަން. އޭރުން ސިޑިންއަރާކަށް ނުޖެހޭނެއްނު! ފަސްވަނަ ފްލޯއަށް އަރާއިރު މިހާރު ހުންނަނީ ދޫނިކުމެ، މަތިންއަރާފަ."
"ނޯޓީ ފޯޓީއަށް އެޅީމަ ތި ހުރިހާ ކަމެއް ވެސް ވާނެ،" ލާނެތް ރާގެއްގައި ނާޒިމާ ބުނެލިއެވެ. "އަޅާލާނެކަމެއް ނެތް. މިހާރު ވެސް ބަލާބަލަ އާތިފާ ހުންނަލެއް ނާޒުކުކަން. ހީވަނީ ޓީންއޭޖު ކުއްޖެއްހެން. މަ ހާދަހާ ޖޭވެޔޭ!"
"ތިހެން ކިޔަނިކޮށް އާތިފާ ފަކީރަށް އެސްފީނާޖެހިދާނެ." ޒުހުދާ ބުންޏެވެ.
"ކޮން ވަހެއް އެ ދުވަނީ؟" ކުއްލިއަކަށް އަހަންނަށް ބުނެވުނެވެ.
ޒުހުދާއާއި ނާޒިމާ ނޯށްދަމައިލިއެވެ. އެ މީހުނަކަށް ނުބައި ވަހެއް ނުދުވިއެވެ. އެކަކަށް ދުވީ އިނގުރު ވަހެވެ. އަނެކަކަށް މިރުސް ވަހެވެ. ވީއިރު އަހަންނަށް ދުވީ ކޮން ވަހެއް ހެއްޔެވެ؟
"އެހެންނުވާނެ!" އަހަރެން ބުނީމެވެ. "ޒާތެއްގެ ވަހެއް އެބަ ދުވާ!"
"ތި ވާނީ އަވަސްކަމަށް." ޒުހުދާ ހީނގެންފައި ބުންޏެވެ.
ހިނިގަނޑަކުން އެ ކަން ނިންމައިލައިފައި އެކަކު ވެސް އެއީ މާ ސީރިޔަސްކަމަކަށް ނަހަދައެވެ. އެހެންނަމަވެސް ކުއްލިއަކަށް ފާހަގަކުރެވުނު އެ ވަސް ކެނޑޭގޮތެއް ނުވިއެވެ. އެ ދުވަހަކީ ދަރިފުޅު ގޭގައި އުޅުނު ދުވަހެކެވެ. އޭނައަށް ގޮވީމެވެ.
"ކޮން ނުބައި ވަހެއްތަ އެ ދުވަނީ ދަރިފުޅާ؟" އަހަރެން އެހީމެވެ.
އޭނަ ނޯއްދަމަމުން މުޅި ތަނުގައި ހިނގިއެވެ. ކުނިވަށިގަނޑަށް ދާންދެން ވަސްބެލިއެވެ.
"އަހަންނަކަށް ނުބައިވަހެއް ނުދުވާ!" ދަރިފުޅު ބުންޏެވެ.
މުޅި ދުވަހު އަހަންނަށް އެ ވަހެއް ދުވިއެވެ. ފަހަކުން ނުދުވައެވެ. ޖެހިގެންއައި ދުވަހުގެ ރޭ ނާޒިމާގެ ގޭގައި ބާބަކިޔު އޮތެވެ. އަހަރެން ހުރީ ވަރަށް ރަނގަޅު މޫޑެއްގައެވެ. އެކަމަކު، އަލިފާން އަންދައިފައި މަސްތައް ފިހަން ފެށުމާއެކު އަނެއްކާ ނުބައިވަސް ދުވަން ފެށިއެވެ. އެ ރޭ އަހަންނަކަށް އެ ތަނަކު ކެތެއް ނުވިއެވެ. ގެއަށް އައީމެވެ. އޭރު، ބުނަން ނޭނގޭ ކަހަލަ އިހުސާސްތަކެއް އަހަންނަށް ކުރެވެއެވެ. މޭނުބައިކުރެއެވެ. ނޭވާލާން އުނދަގުލެވެ. ބޯއަނބުރާހެން ވެސް ހީވެއެވެ. އޭސީ ފިނީގައި އޮތްއިރު ވެސް ހިތްބިރުގަނެ، ދާހިތްލާގޮތްވާން ފެށިއެވެ. ނާޒިމާއާ ދިމާއަށް ޒުހުދާ ބުނި އެތި އޭރު ވެސް އަހަރެން ހަނދާންހުއްޓެވެ. އެކަމަކު އެހާ ކުއްލިގޮތަކަށް އެސްފީނާޖެހިދާނެކަމަކަށް ގަބޫލެއް ނުކުރެވެއެވެ. ނަސީރަށް ގުޅީމެވެ. ގެއަށް އައުމަށް އެދުނީމެވެ.
"ކިހިނެއްވީ؟" ނަސީރު ގެއަށް އައިއިރު އޭނަ ހުރީ ވަރަށް ހާސްވެފައެވެ.
"ނޭނގެ!" ވަރަށް އުނދަގުލުން އަހަރެން ވާހަކަދެއްކީމެވެ. "މަށަށް ހީވަނީ އެސްފީނާ.."
ނަސީރު ގާތަށް އައީ ހިންޏެވެ. އަހަރެންގެ ވިސްނުން ކަޓުކަމުންނެވެ. އޭނަގެ މޫނުމަތީގައި ހުރި ނުތަނަވަސްކަން ވެސް ފިލައިގެންދިޔައެވެ.
"ދެން ދުންއަޅަންވީ؟" ނަސީރު ސަމާސާކޮށްލިއެވެ. "ހިނގާ ޑޮކްޓަރަށް ދައްކަން. ހޮސްޕިޓަލުން ޑޮކްޓަރެއް އަތުނުޖެހުނިއްޔާ ކްލިނިކަކަށް ނައްޓާލާނީ. ތައްޔާރުވޭ!"
ހޮސްޕިޓަލުގެ ރައްޓެއްސަކާ ގުޅައިގެން ގައިނީއެއް އަތުޖެހުނެވެ. ޓެސްޓުތަކެއް ހެދިއެވެ. ޑޮކްޓަރު ދިނީ ބިރުވެރި ޚަބަރެކެވެ.
ނުނިމޭ