ޓޭލާ ސްވިފްޓްގެ އާ ލަވައަކީ "މީ"
ޓޭލާ ސްވިފްޓްގެ އާ ލަވައަކީ "މީ"

މަޝްހޫރު ލަވަކިޔުންތެރިޔާ ޓޭލާ ސްވިފްޓްގެ އާ ލަވައެއް ފޭނުންނަށް ގެނެސްދޭން އުޅޭ ކަހަލަ އިޝާރާތްތަކާ އެކު ފޭނުން އިންތިޒާރުގައި ބެއިތިއްބުމަށް ފަހު އާ ލަވަ އެންމެ ފަހުން ދޫކޮށްލައިފި އެވެ.

މަގުބޫލު ރީތި އެތައް ލަވައެއް މިހާތަނަށް ގެނެސް ދީފައިވާ ލަވަކިޔުންތެރިޔާގެ އާ ލަވައިގެ ނަމަކީ "މީ" އެވެ. މި ލަވަ ނެރުނީ ވީޑިއޯއާ ވެސް އެކީގަ އެވެ. "މީ" ގައި ޓޭލާއާ އެކު އެމެރިކާގެ މަޝްހޫރު ބޭންޑް "ޕެނިކް" ގެ ލަވަކިޔުންތެރިޔާ ބްރޭންޑަން އޫރީ ވެސް ހިއްސާވެފައިވެ އެވެ.

ޓޭލާ، 29، އެންމެ ފަހުން ނެރުނު އަލްބަމަކީ 2017 ގެ "ރެޕިއުޓޭޝަން" އެވެ.

ޓައިމް މަޖައްލާ އިން ދާދި ފަހުން އާންމު ކުރި ދުނިޔޭގެ އެންމެ ނުފޫޒު ގަދަ 100 މީހުންގެ ލިސްޓްގެ "އައިކަން" ކެޓަގަރީން ވެސް ޖާގަ ހޯދި ލަވަކިޔުންތެރިޔާ ބުނި ގޮތުގައި އޭނާގެ އަބަދު ވެސް ލަވަތައް ގެނެސް ދެނީ ގިނަ ބަޔަކަށް ކަމުދާނެހާ ގޮތްގޮތަށް ވިސްނައިގެންނެވެ. އެގޮތުން ލަވަތައް ލިޔުމަކީ އަމިއްލަ މީހާގެ ވާހަކަތައް ކިޔައިދޭ ހަތިޔާރެއްގެ ގޮތުގައި ބޭނުން ކުރާ ކަމަށް ބުންޏެވެ.

ޓޭލާ ބުނި ގޮތުގައި "މީ" އަކީ ވެސް ހަމަ އެފަދަ ލަވައެކެވެ. މި ލަވައިގައި ކިޔައި ދެނީ ތިމާގެ އަމިއްލަވަންތަކާއި ބާރުވެރިކަމުގެ ވާހަކަ އެވެ. ޓޭލާ ބުނީ "މީ" ގެ ތެރެއިން އޭނާ ދެން ނެރޭ އަލްބަމްގެ ނަމާއި ދެވަނަ ސިންގަލްގެ ނަން ވެސް އުސްއައްޔެއްގެ ގޮތުގައި ބޭނުންކޮށްފައިވާނެ އެވެ. އެހެންވެ އެއީ ކޮބައިތޯ ބަލައިލަން ލަވަ ބަލައިލާށެވެ. އެކަމަކު އާ އަލްބަމް ނެރޭނެ އިރެއް އަދި ނޭނގެ އެވެ.

އާ ލަވަ ނެރުމާ އެކު ސެލީނާ ގޮމޭޒާއި ކެމީލާ ކެބެލޯ އަދި ބްލޭކް ލައިވްލީ ފަދަ މަޝްހޫރު ފަންނާނުން މިހާތަނަށް 10 ގްރެމީ އެވޯޑް ހާސިލުކޮށްފައިވާ ޓޭލާ އަށް މަރުހަބާ ކިޔައި ޓްވީޓްކޮށްފައިވެ އެވެ.