ސޯޝަލް މީޑިއާއަކީ މި ޖީލުގެ އެޓޮމް ބޮން: އަމީތާބް
ސޯޝަލް މީޑިއާއަކީ މި ޖީލުގެ އެޓޮމް ބޮން: އަމީތާބް

ބައެއް މީހުންނަކީ ވަރަށް ޒިންމާދާރުކަން ކުޑަކޮށް ސޯޝަލް މީޑިއާ ބޭނުންކުރާ ބައެއް ކަމަށާއި އެކަމުގެ ސަބަބުން، މި ޖީލުގެ އެޓޮމް ބޮމަކީ ސޯޝަލް މީޑިއާ އަށް ވެފައިވާ ކަމަށް، ބޮލީވުޑްގެ މަޝްހޫރު އެކްޓަރު އަމީތާބް ބައްޗަން ބުނެފި އެވެ.

އޭނާގެ ބްލޮގްގައި ބުނީ ސޯޝަލް މީޑި އާއަކީ ބޭނުންހާ ގޮތަކަށް ހިޔާޅުފާޅު ކުރުމުގެ ފުރުސަތު ތަނަވަސްވެފައި އޮތް ޕްލެޓްފޯމަކަށް ވުމުން އޭގެ ބޭނުން ގިނަ ބަޔަކު ނާޖާއިޒު ގޮތުގައި ހިފާ ކަމަށެވެ. އަދި ސޯޝަލް މީޑިއާ މެދުވެރިކޮށް ރުޅިވެރިކަމާއި ނަފުރަތާއި ބައިބައިވުން އުފެދޭ ކަހަލަ ވަރަށް ބިރުވެރި އަދި ކަންބޮޑުވާ ޒާތުގެ ވާހަކަތައް ވަރަށް ފާޅުގައި ދައްކާ ކަމަށް ބުންޏެވެ.

ނަމަވެސް ކޮންމެ ކަމެއްގައި ވެސް ހައްދަކާއި މިންގަނޑެއް އޮންނަން ވާނެ ކަމަށާއި ހިޔާލުފާޅު ކުރުމުގައި ވެސް އެހެން މީހުންގެ ހައްގުތަކާއި ކަރާމަތާއި މުޅި ދުނިޔޭގެ ސުލްހަ އާއި މަސަލަސް ކަމަށް ވެސް ރިއާޔަތް ކުރުން މުހިއްމު ކަމަށް ބުންޏެވެ.

އަމީތާބަކީ ބޮލީވުޑްގެ އެކްޓަރުންގެ ތެރޭގައި ސޯޝަލް މީޑިއާގައި އެންމެ ހަރަކާޔްތެރި އެކެވެ.

ޓްވިޓާ އިން އޭނާ ފޮލޯކުރާ މީހުންގެ އަދަދު 36.9 މިލިއަނަށް އަރާ އިރު، އިންސްޓަގްރާމް ފޮލޯވަރުންގެ އަދަދު 12.6 މިލިއަނަށް އަރަ އެވެ. އަދި ފޭސްބުކުން އަމީތާބް ފޮލޯ ކުރާ މީހުންގެ އަދަދު 30 މިލިއަނަށް ވުރެ ގިނަ އެވެ.

އުމުރުން 76 އަހަރުގެ އަމީތާބަކީ ބްލޮގްގެ މަގުބޫލުކަން ވައިގައި ހިފި ދުވަސްވަރުން ފެށިގެން ގަވައިދުން ބްލޮގްގައި ވެސް އެކި ކަހަލަ ލިޔުންތައް ހިއްސާ ކުރަމުން އަންނަ ފަންނާނެކެވެ.