ސުޝްމިތާ ސެން އެންގޭޖްވީތަ؟
ސުޝްމިތާ ސެން އެންގޭޖްވީތަ؟

ކުރީގެ ބަތަލާ ސުޝްމިތާ ސެން އާއި މޮޑެލް ރަހްމާން ޝޯލްގެ ލޯބީގެ ވާހަކައަކީ މިހާރު ސިއްރެއް ނޫނެވެ. އެ ދެ މީހުންގެ އިންސްޓަގްރާމް ފޮލޯކުރާ މީހުންނަށް ދެ މީހުން އުޅެނީ ލޯބީގެ ގޮތުން ގުޅިގެންކަން މިހާރު ވަރަށް ސާފުކޮށް ކަށަވަރު ވާނެ އެވެ.

އޭގެ ތެރެއިން މިހާރު ދެކެވެނީ ކުރީގެ މިސް ޔުނިވާސް އާއި ރަހުމާން އެންގޭޖްވި ވާހަކަ އެވެ.

މި ވާހަކަ މާ ގަދައަށް ދެކެވެން ފެށީ ސުޝްމިތާ، ރަހުމާނާ އެކު ނަގާފައިވާ ފޮޓޯއެއް އިންސްޓަގްރާމްގައި ހިއްސާ ކުރި އިރު އިނގިލީގައި އަޅާފައިވާ ޖަވާހިރުގެ އަނގޮޓިއެއް ވަަރަށް ފާޅުކޮށް ދައްކާލާފައިވާތީ އެވެ. އަދި ރަހްމާނަށް ރައްދުވާ ގޮތަށް ވަރަށް އަސަރު ގަދަ ލޯބީގެ ބަސްކޮޅާ އެކު ސުޝްމިތާ ޕޯސްޓް ކުރި ފޮޓޯ އިން އޭނާ ހާމަކޮށް ދިނީ އެންގޭޖްވިކަން ކަމަށް ގިނަ މީޑިއާތަކުން ބުނެފައިވެ އެވެ.

ސުޝްމިތާ، 43، އާއި ރަހްމާން، 28 ގެ ލޯބީގެ ވާހަކަތައް މީޑިއާތަކަށް ތިލަވީ މިދިޔަ އަހަރު އެވެ. އޭގެ ފަހުން ދެ މީހުންގެ ގުޅުން ވަރަށް ފާޅުކަން ބޮޑުކޮށް އެކި ގޮތްގޮތުން މިހާތަނަށް ފެނިފައިވެ އެވެ.

ބައެއް ރިޕޯޓްތައް ބުނާ ގޮތުން ސުޝްމިތާ އާއި ރަހްމާން މި އަހަރުގެ ތެރޭގައި ކައިވެނި ވެސް ކުރާނެ އެވެ.

ބޮލީވުޑަށް ނުކުތް ނަމަވެސް މާ ބޮޑު ކުރިއެރުމެއް ނުހޯދުނު ސުޝްމިތާ ވަނީ މިހާތަނަށް ވަރަށް ގިނަ މީހުންނާ އެކީ ދުވަސްވަރު ލޯބީގެ ގުޅުންތައް ބާއްވައިފަ އެވެ. އޭނާއަކީ ދެ އަންހެން ކުދިން އެޑަޕްޓްކޮށްގެން ވެސް ގެންގުޅޭ މީހެކެވެ.