ބޮޑު މޮޅަކާ އެކު ލިވަޕޫލް އެއް ވަނަ އަށް
ބޮޑު މޮޅަކާ އެކު ލިވަޕޫލް އެއް ވަނަ އަށް

ލިވަޕޫލް (އޭޕްރީލް 27) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ރެލިގޭޓްވެފައިވާ ހަޑްސްފީލްޑް ޓައުން އަތުން 5-0 އިން ހޯދި ބޮޑު މޮޅާ އެކު ލިވަޕޫލް ލީގުގެ އެއް ވަނަ އަށް ޖެހިލައިފި އެވެ.

މި މޮޅާ އެކު ލިވަޕޫލް އެއް ވަނައިގައި އޮތީ 36 މެޗުން 91 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް މެންޗެސްޓާ ސިޓީ އަށް 35 މެޗުން ލިބިފައިވަނީ 89 ޕޮއިންޓެވެ. މާދަމާ ރަށުންބޭރުގައި ބާންލީއާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވެގެން ސިޓީ އަށް އަލުން އެއް ވަަނަ އަށް އެރޭނެ އެވެ.

ލިވަޕޫލްގެ އެންފީލްޑްގައި ރޭ ކުޅުނު މެޗު ފަށައިގެން 15 ސިކުންތު ތެރޭގައި އެ ޓީމަށް ލީޑުނަގައިިދިނީ ގިނީގެ މިޑްފީލްޑަރު ނަބީ ކެއިޓާ އެވެ. މިއީ ޕްރިމިއާ ލީގުގެ ތާރީހުގައި ލިވަޕޫލުން ޖެހި އެންމެ އަވަސް ގޯލެވެ. ލިވަޕޫލްގެ އަނެއް ގޯލުތައް ކާމިޔާބުކުރީ މުހައްމަދު ސަލާހާއި ސަޑިއޯ މާނޭ އެވެ. ކޮންމެ ކުޅުންތެރިއަކު ވަނީ ދެ ގޯލު ޖަހައިފަ އެވެ. ރޭގެ ލަނޑުތަކާ އެކު ސަލާހު ވަނީ ޕްރިމިއާ ލީގުގެ ރަން ބޫޓު ރޭހުގައި ކުރި ހޯދައިފަ އެވެ. ސަލާހު 21 ގޯލު ޖަހާފައިވާއިރު، މާނޭ ވަނީ 20 ގޯލު ހަމަކޮށްފަ އެވެ.

މިދިޔަ އަހަރުގެ އޭޕްރީލް މަހު ކަކުލަށް ލިބުނު ސީރިއަސް އަނިޔާއެއްގެ ސަބަބުން ކުޅުމާ ދުރުގައި ހުރި އިންގްލެންޑްގެ މިޑްފީލްޑަރު އަލެކްސް އޮކްސްލޭޑް ޗަމްބަލެއިން ވަނީ ސީޒަނުގައި ފުރަތަމަ ފަހަރަށް ރޭގެ މެޗުގައި ކުޅެފަ އެވެ. ކުޅުމަށް އެނބުރި އައި މެޗުގައި ޗެމްބަލެއިން ވަނީ ލަނޑެއް ޖެހުމާ ގާތަށް ޖެހިލައިފަ އެވެ. އޭނާ ފޮނުވާލީ ބޯޅަ ހަޑްސްފީލްޑްގެ ގޯލްކީޕަރު ޔޮނަސް ލޮސްލް ވަނީ މަތަކޮށްފަ އެވެ.

ރޭގެ މެޗަށް ފަހު ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ބުނީ އޭނާގެ ޓީމުގެ އަމާޒަކީ ހުރިހާ މެޗަކުން މޮޅުވުން ކަމަށާއި ސިޓީގެ މެޗުތަކާ މެދު މާ ބޮޑަށް ނުވިސްނާނެ ކަމަށެވެ.

"އަހަރެމެންގެ ކޮންޓްރޯލްގައި އޮތް ކަންތައްތަކާ މެދު އަހަރެމެން ވިސްނާނީ. ތެދެއް ސިޓީ އަތުން ޕޮއިންޓް ގެއްލިގެން އަހަރެމެންނަށް ލީގު ލިބެން އޮތީ. އެކަމަކު އެއަށް އިންތިޒާރުގައި އަހަރެމެން އަމިއްލަ އަށް ކުރަން ހުރި ކަންތައްތައް ހުއްޓައެއްނުލާނަން. މިއީ އަހަރެންނަށް ވަރަށް ޝައުގުވެރި ރޭހެއް،" ކްލޮޕް ބުންޏެވެ.

ލިވަޕޫލުން ރޭގެ މެޗުގައި ކުޅުނީ އަނިޔާގެ ސަބަބުން ބްރެޒިލްގެ ފޯވާޑް ރޮބާޓޯ ފިރްމީނޯ ނުލަ އެވެ. ޗެމްޕިއަންސް ލީގުގައި އަންގާރަ ދުވަހުގެރޭ ބާސެލޯނާއާ ދެކޮޅަށް ކުޅޭ ސެމީ ފައިނަލުގެ ފުރަތަމަ ލެގަށް ފިރްމީނޯ ފިޓްވާނެ ކަމަށް ކްލޮޕް ވަނީ ބުނެފަ އެވެ.