27 އެޕްރީލް 2019 - 07:36

ކޮލަމްބޯ (އެޕްރީލް 27) - އީސްޓާ ސަންޑޭ ބޮމުގެ ހަމަލާ އަށް ފަހު ގައުމުގެ ހާލަތު ހަމައަކަށް އެޅުވުމަށްޓަކައި އަޅާ ފިޔަވަޅުތަކުގެ ދަށުން ލަންކާގެ ކޮންމެ ގެއެއްވެސް ބަލައި ފާސްކުރާނެ ކަމަށް ރައީސް މައިތުރިޕާލާ ސިރިސޭނާ ވިދާޅުވެއްޖެ އެވެ.
"އެންމެ ގެއެއް ވެސް ދޫކޮށްނުލައި، ހުރިހާ ގެއެއް ވެސް ބަލައި ފާސްކުރެވޭނެ. ކޮންމެ ގެއެއްގައި ވެސް ދިރިއުޅޭ މީހުންގެ ލިސްޓެއް އެކުލަވާލާނަން. އެއްވެސް ތަނެއްގައި ގޮތް ނޭނގޭ މީހަކަށް ދެން ދިރިއެއް ނޫޅެވޭނެ،" އެލްޓީޓީއާ ދެކޮޅަށް ހަނގުރާމަ ކުރި ދުވަސްވަރު ވެސް މިފަދަ ފިޔަވަޅުތައް އެޅި ކަމަށް އިޝާރާތް ކުރައްވައި ސިރިސޭނާ ވިދާޅުވި އެވެ.
ލަންކާގައި ހަމަލާއެއް ދޭން އުޅޭކަމުގެ މައުލޫމާތު އެޕްރީލް 4 ވަނަ ދުވަހު ލިބި، ފިޔަވަޅު އަޅާފައި ނުވަނީ ޑިފެންސް ސެކްރެޓަރީގެ އިހުމާލުން ކަމަށް ސިރިސޭނާ ވިދާޅުވި އެވެ. ޑިފެންސް ސެކްރެޓަރީ މިހާރު ވަނީ މަގާމުން ދުރުކޮށްފަ އެވެ.
ބޮމުގެ ހަމަލާ ދިން ކަމަށް ބެލެވޭ މީހުން، އިސްލާމިކް ސްޓޭޓް (އައިއެސް) ގެ ލީޑަރު އަބޫ ބަކްރު އަލް ބަޣުދާދީ އަށް ބައިއަތު ހިފި ވީޑިއޯ ރެކޯޑް ކުރި ކަމަށް ބެލެވޭ ތަނަށް ލަންކާ ފުލުހުން އިއްޔެ ވަދެ ގިނަ އަދަދެއްގެ ގޮވާ ތަކެތި ވަނީ އަތުލައިގެންފަ އެވެ. ފުލުހުން ބުނީ އެ ތަނުން އައިއެސްގެ ދިދައަކާއި ހަމަލާ ދިން އަށް މީހުން ވީޑިއޯ ނެގި އިރު ލައިގެން ތިބި ކަހަލަ ޔުނިފޯމްތަކެއް ފެނިފައިވާ ކަމަށެވެ. އަދި ޑައިނަމައިޓުގެ 150 ސްޓިކާއި 100،000 ބޯލް ބެއާރިން ވެސް ވަނީ ފުލުހުން ހޯދައިފަ އެވެ.
ހަމަލާ ދިން މީހުންނާ ގުޅުން ހުރި ކަމަށް ބެލެވޭ 75 މީހުން މިހާރު ވަނީ ހައްޔަރުކޮށްފަ އެވެ. ސިރިސޭނާ ވިދާޅުވީ އައިއެސްއާ ގުޅުން އޮންނަ ކަމަށް ބެލެވޭ 140 މީހުން ލަންކާގައި އުޅޭކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.
"އެ އެންމެން ވަރަށް އަވަހަށް ބޭރުކޮށްލެވޭނެ،" ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ސިރިސޭނާ ވިދާޅުވި އެވެ.