27 އެޕްރީލް 2019 - 01:04

މާލޭގައި މިރޭ ދެ ބިދޭސީއަކު މާރާމާރީ ހިންގައި ދެ މީހަކު ޒަޚަމް ކޮށްލައިފި އެވެ.
ފުލުހުން ބުނީ، ސަލްސާ ރޯޔަލް ރެސްޓޯރަންޓު ކައިރިން ބަންގްލަދޭޝްގެ ފިރިހެނަކަށް ތޫނު އެއްޗަކުން ހަމަލަދީފައި ވަނީ 10:30 ވާން އުޅެނިކޮށް ކަމަށެވެ. އަދި އަނިޔާވި މީހާ އަށް އައިޖީއެމްއެޗުގައި ފަރުވާދެމުން އަންނައިރު ހަމަލަދިން ކަމަށް ތުހުމަތު ކުރެވޭ މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
"މި މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ ހަމަލަދިނުމަށް ފަހު، ދުވެފައި ދާ ތަން ފުލުހުންނަށް ފެނިގެން ފަހަތުން ދުވެފައި ގޮސް އޭއެމްޑީސީ ކައިރިން،" ފުލުހުންގެ މެސެޖުގައި ވެ އެވެ.
އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ މާރާމާރީގައި ޒަޚަމްވި އުމުރުން 25 އަހަރުގެ މީހަކަށް އިމަޖެންސީގައި ފަރުވާ ދެމުން އަންނަ ކަމަށެވެ. އެ މާރާމާރީގައި ޒަޚަމްވި އިތުރު މީހަކަށް ވެސް ފަރުވާ ދެމުން އަންނަ ކަމަށް ވިދާޅުވި އެވެ. ނަމަވެސް ތަފްސީލެއް އަދި ނުލިބެ އެވެ.
މަންޒަރު ދުށް މީހަކު ބުނިގޮތުގައި، ވަޅި ޖަހާފައި ވަނީ މޭގެ ކަނާތް ފަރާތަށެވެ. އެތަނުން ވަރަށް ގިނައިން ލޭ އައިސްފައި ހުރި ކަމަށް އެމީހާ ބުންޏެވެ.