އައިއެސްގެ ވީޑިއޯ ހެދި ތަނަށް ލަންކާ ފުލުހުން ވަދެ ގޮވާ ތަކެތި އަތުލައިގެންފި
އައިއެސްގެ ވީޑިއޯ ހެދި ތަނަށް ލަންކާ ފުލުހުން ވަދެ ގޮވާ ތަކެތި އަތުލައިގެންފި

ކޮލަމްބޯ (އެޕްރީލް 27) - ސްރީ ލަންކާގައި އާދިއްތަ ދުވަހު ބޮމުގެ ހަމަލާ ދިން ކަމަށް ބެލެވޭ މީހުން، އިސްލާމިކް ސްޓޭޓް (އައިއެސް) ގެ ލީޑަރު އަބޫ ބަކްރު އަލް ބަޣުދާދީ އަށް ބައިއަތު ހިފި ވީޑިއޯ ރެކޯޑް ކުރި ކަމަށް ބެލެވޭ ތަނަށް ލަންކާ ފުލުހުން މިއަދު ވަދެ ގިނަ އަދަދެއްގެ ގޮވާ ތަކެތި އަތުލައިގެންފި އެވެ.

ފުލުހުން ބުނީ އެ ތަނުން އައިއެސްގެ ދިދައަކާއި ހަމަލާ ދިން އަށް މީހުން ވީޑިއޯ ނެގި އިރު ލައިގެން ތިބި ކަހަލަ ޔުނިފޯމްތަކެއް ފެނިފައިވާ ކަމަށެވެ. ފުލުހުން ވަނީ އެ ޔުނިފޯމްތަކާއި އައިއެސްގެ ދިދަ އަދި ޑައިނަމައިޓުގެ 150 ސްޓިކް ގައުމީ ޓީވީން ދައްކައިފަ އެވެ. އަދި އެ ގެއިން ހޯދި 100،000 ބޯލް ބެއާރިން ވެސް ވަނީ ދައްކާލައިފަ އެވެ. މި ތަކެތި ހޯދާފައި ވަނީ ކޮލަމްބޯގެ އިރުން 370 ކިލޯ މީޓަރު (231 މޭލު) ދުރުގައި އޮންނަ ސައްމަންތުރައިންނެވެ.

ތަންތަން ބަލާ ފާސްކުރުމުގެ އެހެން އޮޕަރޭޝަނެއްގައި ސަލާމަތީ ފަރާތްތަކާ ދެކޮޅަށް ވަނީ ހަމަލާތަކެއް ދީފަ އެވެ. ނަމަވެސް އެއްވެސް ބަޔަކަށް ގެއްލުމެއް ނުލިބޭ ކަމަށް ފުލުހުން ބުންޏެވެ.

"ހަމަލާ ދިން މީހުން ވީޑިއޯ ނަގަން ބޭނުން ކުރި ބެކްޑްރޮޕް މިހާރު ވަނީ ހޯދިފައި،" ފުލުހުންގެ ބަޔާނެއްގައި ބުނެފައިވެ އެވެ.

އައިއެސް އިން ވީޑިއޯ ނެރެފައި ވަނީ ހަމަލާ ދިންތާ ދެ ދުވަސް ފަހުންނެވެ.