27 އެޕްރީލް 2019 - 08:59

ޓިއުރިން (އޭޕްރީލް 27) - ޔުވެންޓަސް އިން އަންނަ ސީޒަނަށް ޓީމަށް ގެންނަ ބަދަލުތަކުގެ ތެރޭގައި އެ ޓީމުގެ ކޯޗުކަމަށް މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ގެންނަން މަސައްކަތްކުރާނެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
މި ފަހަރުގެ ޗެމްޕިއަންސް ލީގު ކާމިޔާބުކުރަން ހާއްސަ އަމާޒެއްގައި ނުކުތް ޔުވެންޓަސް ވަނީ މުބާރާތުގެ ކުއާޓާ ފައިނަލުން އަޔަކްސް އަތުން ބަލިވެ ކަޓައިފަ އެވެ. އަންނަ ސީޒަނުގައި ޓީމު އިތުރަށް ވަރުގަދަކުރަން އިތުރު ބަދަލުތަކެއް އަންނާނެ ކަމަށް އެ ކްލަބުން ވަނީ ބުނެފަ އެވެ.
ރިޕޯޓްތައް ބުނާގޮތުން މި ސީޒަން ނިމުމުން ޔުވެންޓަސް އިން އެ ޓީމުގެ މިހާރުގެ ކޯޗު މެސިމޯ އަލެގްރީގެ މުސްތަގުބަލާ ގުޅޭގޮތުން ގޮތެއް ނިންމާނެ އެވެ. ރިޕޯޓްތައް ބުނާ ގޮތުގައި ޔުވެންޓަސް ބޯޑުން މިހާރު ނިންމާފައިވަނީ އަލެގްރީ ވަކިކޮށް ޔޫރަޕްގައި ފެންވަރު ސާބިތުކޮށްދީފައިހުރި މޮޅު ކޯޗެއް ގެނައުމަށެވެ.
ޔުވެންޓަސްގެ ސަމާލުކަން މި ވަގުތު ހުރީ ގާޑިއޯލާ އަށެވެ. އެކަމަކު ގާޑިއޯލާ ސިޓީގައި ފަށާފައިވާ ޕްރޮޖެކްޓް ދޫކޮށް އޭނާ ނުދާނެ ކަމަށް ގިނަ ރިޕޯޓްތައް ބުނެ އެވެ. އަދި މިދިޔަ މަހު ގާޑިއޯލާ ވެސް ވަނީ އޭނާ ސިޓީގައި އިތުރު އަހަރުތަކެއް ވަންދެން ފެންނާނެ ކަމަށް ބުނެފަ އެވެ. ރިޕޯޓްތައް ބުނާގޮތުން ފައިނޭންޝިއަލް ފެއާޕްލޭ (އެފްއެފްޕީ) ގަވާއިދާ ހިލާފުވެގެން ބަލަމުން އަންނަ ސިޓީގެ މައްސަލައިގައި ޔުއެފާ އިން އެ ޓީމަށް ފިޔަވަޅު އަޅައިފިނަމަ ގާޑިއޯލާ އެ ޓީމު ދޫކޮށްލުމުގެ ފުރުސަތު އެބައޮތެވެ.
އެހެން ނަމަވެސް ސިޓީ އަށް ކުރިން ކުޅުނު މިހާރު ވެސްޓް ހޭމް ޔުނައިޓެޑްގެ ތަޖުރިބާކާރު ފުލްބެކް ޕަބްލޯ ޒަބަލެޓޭ ބުނީ ގާޑިއޯލާ ސިޓީއާ 2016 ވަނަ އަހަރު ގުޅުނީ ދުރުރާސްތާ ޕްލޭނަކާ އެކު ކަމަށާއި އޭނާ ދިގު މުއްދަތަކަށް އެ ކްލަބްގައި މަޑުކޮށް ގިނަ ތަށިތަކެއް ހޯދަން އަމާޒުހިފާފައިވާ ކަމަށެވެ.
ގާޑިއޯލާ ކޯޗިން ކެރިއަރު ފެށީ 2007 ވަނަ އަހަރު ބާސެލޯނާ ބީ ޓީމުންނެވެ. އޭގެ އެއް އަހަރު ފަހުން ގާޑިއޯލާއާ ވަނީ ބާސެލޯނާ ސީނިއާ ޓީމު ހަވާލުކޮށްފަ އެވެ. ގާޑިއޯލާގެ ކޯޗުކަމުގައި 2008 އިން 2012 ވަނަ އަހަރާ ދެމެދު ބާސެލޯނާ އިން ވަނީ ޔޫރަޕްގެ ފުޓްބޯޅަ ޑޮމިނޭޓްކޮށް 14 ތަށި ހޯދައިފަ އެވެ. ބާސެލޯނާ ދޫކޮށް ބަޔާން މިއުނިކާ ހަވާލުވެ ގާޑިއޯލާ ވަނީ އެ ޓީމާ އެކު ވެސް ކާމިޔާބީތަކެއް ހޯދައިފަ އެވެ. އަދި ސިޓީގައި މިދިޔަ ސީޒަނުގައި ގިނަ ރެކޯޑްތަކެއް ހެދުމަށް ފަހު ލީގު ކާމިޔާބު ކުރި އެވެ.
ޔުވެންޓަސް އިން ގާޑިއޯލާ ހޯދުމަށް ކުރާ މަސައްކަތް ކާމިޔާބު ނުވެއްޖެނަމަ މެންޗެސްޓާ ޔުނައިޓެޑާއި ރެއާލް މެޑްރިޑްގެ ކުރީގެ ކޯޗު ހޯސޭ މޮރީނިއޯ އަށް ހުށަހެޅުމުގެ ފުރުސަތު ވެސް އެބައޮތެވެ. މޮރީނިއޯ ދާދި ފަހުން ވަނީ އިޓާލިއަން ލީގުން އޭނާ ފެނުމުގެ ފުރުސަތު އެބައޮތް ކަމަށް ބުނެފަ އެވެ.