ޑައިރެކްޓަރު ޖޯން ސިންގަލްޓަން ކޯމާގައި
ޑައިރެކްޓަރު ޖޯން ސިންގަލްޓަން ކޯމާގައި

ހޮލީވުޑްގެ ޑައިރެކްޓަރު ޖޯން ސިންގަލްޓަން އޮތީ ސްޓްރޯކެއް ޖެހިގެން ކޯމާގައި ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އޭނާގެ އާއިލާއާ ހަވާލާދީ ބައެއް މީޑިއާތަކުން ބުނީ 1991 ފިލްމު "ބޯއިޒް އިން ދަ ހުޑް" އިން އެންމެ މޮޅު ޑައިރެކްޓަރުގެ އޮސްކާ އަށް ނޮމިނޭޓްވި 51 އަހަރުގެ ޖޯން އަށް ކުއްލި ގޮތަކަށް ނުރައްކާތެރި ސްޓްރޯކެއް ޖެހުނީ މި މަހުގެ 17 ވަނަ ދުވަހު ކަމަށެވެ. އަދި އޭގެ ފަހުން އޭނާ އޮތީ ކޯމާގައި ކަމަށް އާއިލާ އިން ބުނި ނަމަވެސް، ސްޓްރޯކް ޖެހެން މެދުވެރިވި ސަބަބާ ބެހޭ ގޮތުން އެއްވެސް ވާހަކައެއް ހިއްސާކޮށްފައެއް ނުވެ އެވެ.

ޖޯންގެ ކޯމާގައި އޮތް އިރު ޑައިރެކްޓަރު އިވާ ޑުވާނޭ ފަދަ ފަންނާނުން ވަނީ އަވަސް ޝިފާއަކަށް އެދޭ ކަމަށް ބުނެ ޓްވީޓް ކޮށްފަ އެވެ.

ޖޯން ފާހަގަ ކުރެވިފައި ވަނީ އޮސްކާގެ މޮޅު ޑައިރެކްޓަރުގެ މަގާމަށް ނޮމިނޭޓްވި ކަޅު ނަސްލުގެ ފުރަތަމަ ޑައިރެކްޓަރުގެ ގޮތުގަ އެވެ.

އޭނާ ޑައިރެކްޓްކޮށްފައިވާ އިތުރު ފިލްމުތަކުގެ ތެރޭގައި "ޕޮއެޓިކް ޖަސްޓިސް"، "ބޭބީ ބޯއި" އަދި "2 ފާސްޓް އެންޑް 2 ފިއުރިއަސް" ހިމެނެ އެވެ. ބައެއް ޓީވީ ސިލްސިލާތައް ވެސް ޑައިރެކްޓް ކުރި ޖޯން އެންމެ ފަހުން ބެލުންތެރިންނަށް ގެނެސް ދިނީ 2011 ގެ "އެބްޑަކްޝަން" އެވެ.