އެމެރިކާގެ ދެމަފިރިންގެ ފޮޓޯތަކުން ދިވެހި މާޒީ
އެމެރިކާގެ ދެމަފިރިންގެ ފޮޓޯތަކުން ދިވެހި މާޒީ

އެމެރިކާގެ ފްރޭންކް ބާނަބީ އާއި އޭނާގެ އަންހެނުން ގޭލް، އެ މީހުންގެ ޔޮޓުގައި މީގެ 45 އަހަރު ކުރިން ކަނޑަށް ނިކުތީ ދުނިޔެ ބަލާލުމަށެވެ. އެއްވެސް އިންޖީނަކާ ނުލައި ހަމައެކަނި ރިޔަލުގެ އެހީގައި ކުރަމުން ދިޔަ އެ ދަތުރަށް ހުރަސް އެޅުނީ ލަންކާގެ ކައިރީގައި އުފެދުނު ތޫފާނުންނެވެ. ތޫފާނުން ނެއްޓެން ކުރި މަސައްކަތުން އޭނާގެ ރާޑަރަށް ރާއްޖެ އެރި އެވެ.

އެމެރިކާގެ ދެމަފިރިންގެ ފޮޓޯތަކުން ދިވެހި މާޒީ
އެމެރިކާގެ ދެމަފިރިންގެ ފޮޓޯތަކުން ދިވެހި މާޒީ

ދުވަހަކު ވެސް އަޑުނާހާ އަދި ކުރިން އޮންނަކަން ވެސް ނޭނގޭ ކުދި ރަށްތަކަށް އޭނާ އުފެދުނު ޝައުގުވެރިކަން ބޮޑުކަމުން، އެންމެ ފަހުން އޭނާ ނިންމީ އެއިން ރަށެއްގައި ދިރިއުޅޭށެވެ.

އެމެރިކާގެ ދެމަފިރިންގެ ފޮޓޯތަކުން ދިވެހި މާޒީ
އެމެރިކާގެ ދެމަފިރިންގެ ފޮޓޯތަކުން ދިވެހި މާޒީ

އޭރު އުމުރުން އެންމެ 33 އަހަރުގެ ފްރޭންކްގެ ވާހަކައަށް ގިނަ ބައެއްގެ ޝައުގުވެރިކަން އުފެދުނީ، އޭނާ ރާއްޖޭގައި ކުރި ތަޖުރިބާގެ ފޮޓޯތައް އިއްޔެ ސޯޝަލް މީޑިއާއަށް ދޫކޮށްލުމުންނެވެ. މީގެ އަހަރުތަކެއް ކުރިން ރާއްޖެ އޮތް ގޮތް ފެންނަ މި ފޮޓޯތައް ވީ ގިނަ ބަޔަކު ޝައުގުވެރިވި އެއްޗަކަށެވެ.

އެމެރިކާގެ ދެމަފިރިންގެ ފޮޓޯތަކުން ދިވެހި މާޒީ
އެމެރިކާގެ ދެމަފިރިންގެ ފޮޓޯތަކުން ދިވެހި މާޒީ

ރާއްޖެއަށް ނުފޭބެނީސް، އޭނާ ދަތުރުކުރި ޔޮޓު ކ. ކާށިދޫގެ ފަރަށް އަރައި ހަލާކުވި އެވެ. އެހެންވެ، އެ ދެމަފިރިންނަށް ވެރިރަށް މާލެއަށް އާދެވުނީ ވަރަށް އުނދަގުލުންނެވެ.

އެމެރިކާގެ ދެމަފިރިންގެ ފޮޓޯތަކުން ދިވެހި މާޒީ
އެމެރިކާގެ ދެމަފިރިންގެ ފޮޓޯތަކުން ދިވެހި މާޒީ

އަލަތު ދަރިފުޅަށް އަންހެނުން ބަލިވެ އިންކަން ފްރޭންކަށް އެނގުނީ މާލޭގައި ހުއްޓަ އެވެ. އެނބުރި ގައުމަށް ދާން ބޭނުންވި ނަމަވެސް ޔޮޓު ހަލާކުވެފައި އޮތުމުން އެއީ ފަސޭހަކަމަކަށް ނުވި އެވެ. އެހެންވެ، މާލޭގައި ހުރެގެން، ސަރުކާރުގެ އިސް މީހަކާއި އިތުރު މީހަކާ ގުޅިގެން ފެށީ ޔޮޓު ހެދުމުގެ މަސައްކަތެވެ.

އެމެރިކާގެ ދެމަފިރިންގެ ފޮޓޯތަކުން ދިވެހި މާޒީ
އެމެރިކާގެ ދެމަފިރިންގެ ފޮޓޯތަކުން ދިވެހި މާޒީ

އަރިއަތޮޅަށް އެ ދެމަފިރިން ދިޔައީ ފުރުމުގެ ކުރިން ރަށްރަށް ބަލައިލުމުގެ ބޭނުމުގަ އެވެ. އެކަމަކު އޭރު ބަނޑަށް ހައެއްކަ މަސް ވެފައިވާ ގޭލަށް ފުރަތަމަ ނަޒަރުން ވެސް އއ. ބޮޑުފޮޅުދޫ ކައިރީގައި އޮންނަ ކުޑަފޮޅުދޫ ކަމުހިނގައްޖެ އެވެ.

އެމެރިކާގެ ދެމަފިރިންގެ ފޮޓޯތަކުން ދިވެހި މާޒީ
އެމެރިކާގެ ދެމަފިރިންގެ ފޮޓޯތަކުން ދިވެހި މާޒީ

"ހަމަ އެ ވަގުތު ގޭލްއަށް އެނގިއްޖެ އޭނާ ވިހަންވީ އެ ރަށުގައި ކަން. އެ ވަގުތު ކަންކުރަންވީ ގޮތް އަހަރުމެން ދެ މީހުންނަށް ވެސް އެނގުނު،" "މިހާރު"އާ ވާހަކަ ދައްކަމުން ފްރޭންކް ބުންޏެވެ.

އެމެރިކާގެ ދެމަފިރިންގެ ފޮޓޯތަކުން ދިވެހި މާޒީ
އެމެރިކާގެ ދެމަފިރިންގެ ފޮޓޯތަކުން ދިވެހި މާޒީ

އެ ދެމަފިރިންގެ ނިންމުން ޔަގީންވީ ބޮޑުފޮޅުދުއަށް ގޮސް، އެ ރަށުގައި މީހުން އުޅޭ ގޮތް ފެނިފަ އެވެ. ދިވެހިންގެ ދިރިއުޅުން ދެކެ އެ މީހުންނަށް ލޯބި ވެވުނެވެ.

އެމެރިކާގެ ދެމަފިރިންގެ ފޮޓޯތަކުން ދިވެހި މާޒީ
އެމެރިކާގެ ދެމަފިރިންގެ ފޮޓޯތަކުން ދިވެހި މާޒީ

އޭނާ ބުނިގޮތުގައި 100 މީހުން ވެސް ހަމަނުވާ ބޮޑުފޮޅުދޫގައި އެންމެން ވެސް ވަރަށް އެކުވެރި އެވެ. އެއްގެއިން އަނެއް ގެއިން ކުޑަކުދިން ދުވެ ކުޅެ އުޅޭއިރު އެއީ ކާކުގެ ދަރިއެއް ކަމެއް ވަތްކެއް ނުވެ އެވެ. ހުރިހާ އެންމެން ވެސް ކުދިންނަށް އަޅާލަ އެވެ. މިއީ އެ މީހުންނަށް އެހެން ތަނަކުން ފެނިފައިވާ މަންޒަރަކަށް ނުވާތީ، ދަރިއަކު ވިހަން ރާއްޖެއަށް ވުރެ ރަނގަޅު ގައުމެއް އެ ދެމަފިރިންނަކަށް ނުފެނުނެވެ.

އެމެރިކާގެ ދެމަފިރިންގެ ފޮޓޯތަކުން ދިވެހި މާޒީ
އެމެރިކާގެ ދެމަފިރިންގެ ފޮޓޯތަކުން ދިވެހި މާޒީ

"އަމިއްލަ ގައުމުގައި، އަމިއްލަ ގޭގައި ވެސް ރާއްޖޭގައި ކުރެވުނު ކަހަލަ އިހުސާސެއް ނުކުރެވޭ. ރާއްޖެއަކީ އަހަރެންގެ ގެ،" މިހާރު 75 އަހަރު ވެފައިވާ ފްރޭންކް ބުންޏެވެ.

އެމެރިކާގެ ދެމަފިރިންގެ ފޮޓޯތަކުން ދިވެހި މާޒީ
އެމެރިކާގެ ދެމަފިރިންގެ ފޮޓޯތަކުން ދިވެހި މާޒީ

މިހާރު ނިކަ އައިލެންޑް ރިސޯޓު ހަދާފައި އޮތް ކުޑަފޮޅުދޫގައި ފްރޭންކްގެ ދެމަފިރިން އުޅެން ފެށީ އެކަމަށް ނަގަން ޖެހޭ ހުއްދަތައް ނަގައިގެންނެވެ. އެއީ ސަރުކާރުން ބޮޑުފޮޅުދޫ މީހަކަށް ދޫކޮށްފައި އޮތް ރަށެކެވެ.

ފްރޭންކްމެންގެ ގެ އަޅަން ވެއްޔާއި ގާ ނަގައި އެ މަސައްކަތް ކުރީ ބޮޑުފޮޅުދޫގެ މީހުންނެވެ. އޭރު ގޭލް އިނީ ވިހަންވެފަ އެވެ. އޭނާ ބުނިގޮތުގައި ވިހަންވީ އިރު ވެސް ގޭގެ މަސައްކަތް މުޅިން ނުނިމެ އެވެ. ފުރާޅެއް، ކުޑަދޮރެއް ނެތެވެ.

"އެވަރުން ވެސް ގޭލް ބޭނުމެއް ނުވި މާލެ ދާކަށް. އެހެންވެ، އަހަރުމެން ފުރާޅުގެ ބަދަލުގައި އެނދާ ދިމާލު މަތިން ރިޔަލަކުން ހިޔާކޮށްލައިގެން އުޅުނީ. ވާރޭ ވެހުން ނަމަ އޭނާ ތެމޭނެ،" ފްރޭންކް ބުންޏެވެ.

"އެކަމަކު ބޮޑުފޮޅުދޫ މީހުން އަހަރުމެންނަށް އަޅައިދިނީ ވަރަށް ރީތި ގެއެއް"

ފޮޓޯތަކުން ފެންނަ ގޮތުގައި އެއީ އޭރާ ބަލާއިރު ވަރަށް ފެންވަރު ރަނގަޅުކޮށް ހަދާފައިވާ ތަނެކެވެ. ކުދި ގަލުން ރާނާފައި ހުރި އިރު ފުރާޅު ހަދާފައި ހުރީ ފަނުންނެވެ. ގޭގެ ދޮރުމަތީގައި ފެން ވަޅެވެ. ކުޑަދޮރުތައް ހުރީ ބިއްލޫރީންނެވެ. އިށީނުމަށް ބޭރުގައި ލަކުޑި ގޮނޑިތައް ވެސް ޖަހާފައި ހުއްޓެވެ.

ފްރޭންކް ބުނިގޮތުގައި ބަނޑުބޮޑު އިރު ގޭލްއަށް އޭރު ރާއްޖޭގައި އުޅުނު ހެޕަޓައިޓިސް ޖެހުނެވެ. އަދި ދަރިފުޅު ވިހޭއިރު ލިވާއަށް އޭގެ އަސަރު ކޮންމެވެސް ވަރަކަށް ކުރި ކަމަށާއި އެކަމަކު ދަރިފުޅުގެ ސިއްހަތު ގޯސް ނޫން ކަމަށް ބުންޏެވެ.

ފްރޭންކްގެ ދަރިފުޅު ވިއްސީ، ބޮޑުފޮޅުދޫގެ ފޫޅުމައިން ގޮސްގެންނެވެ. އެ ރަށު މީހުން އެ ކުއްޖާއަށް ދިން ނަމަކީ ދޮންކޮއްކޮ އެވެ. މިހާރު 42 އަހަރު ވެފައިވާ ދޮންކޮއްކޮގެ އަސްލު ނަމަކީ ވެސް އެއީ އެވެ.

"އޭނާގެ އުފަން ދުވަހުގެ ސެޓްފިކެޓުގައި އިންނާނީ ޑޮންކޮއްކޮ. އެކަމަކު އޭނާ ފަހުން ރާއްޖެ އައި ދަތުރުގައި އެނގުނީ އެއީ އަސްލު ދޮންކޮއްކޮކަން. އެހެންވެ، މިހާރު އެހެން ބަދަލުކޮށްފައިވަނީ،" ދޮންކޮއްކޮގެ އިތުރުން އިތުރު ތިން ކުދިން ހުންނަ ފްރޭންކް ބުންޏެވެ.

ދުވަހަކު ވެސް ދޮން ނަސްލުގެ ކުއްޖެއް ނުދެކޭތީ ދަތުރު ހަަދައިގެން، ދުރު ރަށްރަށުގެ މީހުން ވެސް އެ ކުއްޖާ ދެކިލަން ދިޔަ ކަމަށް ފްރޭންކް ބުންޏެވެ.

އޭނާ ބުނިގޮތުގައި މަދިރީގެ އުނދަގޫ ބޮޑުވުމުން، ނޫނީ މާ ބޮޑަށް ހޫނުވުމުން ކުޑަ ދޯންޏެއްގައި އެ މީހުން ނުކުންނަނީ ފަޅުތެރެއަށެވެ.

"ފޮޅުދޫގެ ބައެއް ކުދިން އަންނާނެ މި ރަށަށް ކާށި ހޮވަން. ދެން މިގޭ ކުޑަދޮރުގައި ލޯޖަހައިގެން އެތެރެ ބަލަން ތިބޭ. އެއީ ވަރަށް އެކުވެރި ކުދިންތަކެއް،" ފްރޭންކް ބުންޏެވެ.

އަލަތު ދަރިފުޅަށް ވުމާ އެކު، ފަޅުރަށެއްގައި އެކަނި ދިރިއުޅުމަކީ އެ މީހުންނަށް ފަސޭހަކަމަށް ނުވި އެވެ. އެކަމަކު ފްރޭންކް ބުނިގޮތުގައި އެއީ އުފާވެރި ދުވަސްތަކެކެވެ.

"އަހަރެން ދަރިފުޅުގެ ނެޕީ ފޮތިގަނޑު ދޮންނަން މޫދުގައި އޮންނައިރު ކައިރިން ދާ ދޯނިތަކުން ހަނާ އަޅާނެ. ބޮޑު މަހެއް ނަގާ ދައްކާލާނެ. އަހަރެން ދައްކާލަނީ ނެޕީ،" އެ ދުވަސްތަކުގެ ހަނދާންތައް އާކުރަމުން ފްރޭންކް ބުންޏެވެ.

ބޮޑުފޮޅުދޫގެ އޭރުގެ ދިރިއުޅުން ސިފަކޮށްދެމުން އޭނާ ބުނީ ރަށުގެ އެންމެންނަކީ ވެސް އެކައްޗެކެވެ. ކޮންމެ ބޮޑު މީހަކީ ޓީޗަރެކެވެ. ފުރާވަރުގެ ދަރިން ގޮވައިގެން ބައްޕަމެން މަހަށް ދާއިރު، ކުޑަ އަންހެން ކުދިންނަށް މަންމަމެން އެކި ކަހަލަ ހުނަރުތައް ދަސްކޮށްދެ އެވެ. ކަރަންޓު ނެތި، ގެތައް ވަރަށް އާދައިގެ ކޮށް ހުރި ނަމަވެސް ހުރިހާ އެންމެން ވެސް ވަރަށް އުފާވެރި އެވެ.

އެ މީހުން އެ ރަށަށް ދިޔައީ އެންޓިބަޔޮޓިކްސް ފަދަ އެކި ކަހަލަ ބޭސް ހިފައިގެން ކަމުން، ބޮޑުފޮޅަދޫގެ ބައެއް ކުޑަކުދިން ވެސް އެމީހުން ކައރިން ފަރުވާ ހޯދި އެވެ. އެހެންވެ މިއަދާ ހަމައަށް ވެސް ބޮޑުފޮޅުދޫ މީހުން ހީކުރަނީ ގޭލްއަކީ ޑޮކްޓަރެއް ކަމަށެވެ.

ފްރޭންކްގެ ދެމަފިރިންނާއި ދަރިފުޅު އެ ރަށުން ފުރައިގެން ދިޔައީ ފަސް މަސް ފަހުންނެވެ. މިހާރު ވެސް އެ މީހުން ދިރިއުޅު ގޭގެ ހަތަރު ފާރު ނިކަ ރިސޯޓުގައި ހުންނަ ކަމަށް ވެ އެވެ.

ދޮންކޮއްކޮ ލިބުނު ފަހުން އެ މީހުން ފުރަތަމަ ފަހަރަށް ރާއްޖެ އައީ މި މަހުގެ ކުރީކޮޅެވެ. މީގެ އަހަރުތަކެއް ކުރިން ގޭލް ވަނީ މަރުވެފަ އެވެ. ދޮންކޮއްކޮ އާއި ފްރޭންކްގެ އެހެން ބައެއް ދަރިން އެ ދަތުރުގައި ބައިވެރިވި އެވެ.

ފްރޭންކް ބުނިގޮތުގައި އެއީ ދޮންކޮއްކޮ އޭނާ އުފަންވި ފަސްގަނޑު ދެކިލަން، އަމިއްލައަށް ހަރަދުކޮށްގެން ރޭވި ދަތުރެކެވެ. ރާއްޖެ އައިސް އެ މީހުން ތިބީ ވެސް ނިކަ ރިސޯޓުގަ އެވެ. އެކަމަކު ބޮޑުފޮޅުދުއަށް ޒިޔާރަތްކޮށް، އޭރު އެ މީހުންނާ އެންމެ ގާތްކޮށް އުޅުނު މީހުންގެ އާއިލާއާ ބައްދަލުކުރި އެވެ.

"އޭރު އަހަރުމެންނާ އެންމެ ގާތްކޮށް އުޅުނު ގިނަ މީހުން މިހާރު ދުނިޔެއަކު ވެސް ނެތް. އެކަމަކު އެ މީހުންގެ ދަރިންނާއި ކާފަދަރިންނާ ބައްދަލުވުމުން ވަރަށް އެހެން ކަހަލަ އިހުސާސެއް ކުރެވުނީ. އޭރުގެ ހަނދާންތައް ވަރަށް ބޮޑަށް އާވި،" ފްރޭންކް ބުންޏެވެ.

ފްރޭންކްގެ ދެމަފިރިން ރާއްޖޭގައި ހޭދަކުރި ދުވަސްތައް ފްރޭންކް ވަނީ ވަރަށް ރަނގަޅަށް ފޮޓޯއިން ރައްކާކޮށްފަ އެވެ. އެ ފޮޓޯތައް މިއަދު އޭނާ ސޯޝަލް މީޑިއާއަށް ދޫކޮށްލުމުން ފޮޓޯތައް ވަރަށް ބޮޑަށް ވައިރަލްވި އެވެ. އެއީ މީގެ ކުރިން ރާއްޖޭގެ އެފަދަ މަންޒަރުތަކުގެ ފޮޓޯތައް މަދުކަމުންނެވެ.

ފްރޭންކްގެ ދެމަފިރިންގެ ގެ އާއި އެ ރަށުގެ އިތުރުން ބޮޑުފޮޅުދޫގެ އެކި ތަންތަނާއި މީހުންގެ ފޮޓޯ އޭނާ ވަނީ ނަގާފަ އެވެ. ރިޔަލު ދޯނީގައި ދަތުރު ކުރާ ރީތި މަންޒަރުތަކާއި ރަށްތަކުގެ ފެހިކަން ވެސް ފޮޓޯތަކުން ފެނެ އެވެ.

"އޭރު [ބޮޑުފޮޅަދޫގެ] އެއްވެސް މީހެއްގެ އަތުގައި ކެމެރާއެއް ނޯވޭ. އެހެންވެ، އަހަރެންގެ އަތުގައި ހުރި ފޮޓޯތަކަކީ އޭރުގެ މަންޒަރުތައް ފެންނަ ހަމައެކަނި ރެކޯޑް. މިހާރު މަރުވެފައިވާ އާއިލާ މީހުންނާއި މަންމަ އާއި ބައްޕަގެ ކުޑައިރުގެ ފޮޓޯތައް ފެނިގެން ވަރަށް ގިނަ ބަޔަކު އެބަ އުފާފާޅުކުރޭ. އަހަރެން ހިތަށްއަރާ ތަންކޮޅެއް ގިނައިން ފޮޓޯތައް ނެގުނު ނަމައޭ،" ފްރޭންކް ބުންޏެވެ.

އޭނާ ވަނީ ރާއްޖޭގައި ކުރި ތަޖުރިބާގެ މައްޗަށް، "އައިލެންޑް ބޯން"ގެ ނަމުގައި 2012 ވަނަ އަހަރު ފޮތެއް ވެސް ނެރެފަ އެވެ. ރާއްޖޭގެ ހަނދަންތައް އޭނާ އެންމެންނަށް ކިޔައިދެން ބޭނުންވެ އެވެ. މިހަރު ވެސް އޭނާގެ ކާފަދަރިންނަށް އެވާހަކަތައް ކިޔައިދެނީ ފަހުރވެރިކަމާ އެކުގަ އެވެ.

ފްްްްރޭންކްގެ އާއިލާގެ އާާދަޔާ ހިލާފު ދަތުރުން ދިވެހިންގެ ހިތް މިވަނީ އަތުލައިފަ އެވެ. އެއީ ހިތްގައިމު، ހިތްހެޔޮ ދިވެހިންގެ މާޒީ އެވެ.