27 އެޕްރީލް 2019 - 08:05

ކޮލަމްބޯ (އެޕްރީލް 27) - ސްރީ ލަންކާގައި ދިން ޖާނުންފިދާވުމުގެ ބޮމުގެ ހަމަލާތަކާ ގުޅިގެން ބަދަލު ހިފުމުގެ ހަމަލާއެއް އަތުވެދާނެތީ އެ ގައުމުގެ ހުޅަނގުގެ ސަރަހައްދުތަކުގައި ދިރިއުޅޭ މުސްލިމް ރެފިއުޖީންނަށް ބޮޑު ބިރުވެރިކަމެއް ކުރިމަތިވެއްޖެ އެވެ.

ލަންކާގެ ފައްޅިތަކާއި ލަގްޒަރީ ހޮޓާތަކުގައި ބޮން ގޮއްވައިގެން ދިން ޖާނުންފިދާވުމުގެ ހަމަލާތަކުގައި މިހާތަނަށް ވަނީ 253 މީހުން މަރުވެފަ އެވެ. މީގެ ތެރޭގައި ލަންކާގެ ހުޅަނގުގައި އޮންނަ ނިގަމްބޯގެ ސެއިންޓް ސެބަސްޓިއަންސް ފައްޅިން މަރުވި ކަމަށް ބެލެވޭ 100 ވަރަކަށް މީހުން ވެސް ހިމެނެ އެވެ. ބޮމުގެ ހަމަލާތައްް ވަނީ ލަންކާގެ މުސްލިމް ކޮމިއުނިޓީން ވެސް ކުށްވެރިކޮށްފަ އެވެ. އަދި ބޮމުގެ ހަމަލާ ދިން މީހުންގެ ޖަނާޒާ މިސްކިތްތަކުގައި ނުބާއްވާނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ.
އެކި ގައުމުތަކުން ގޮސް ނިގަމްބޯގައި ދިރިއުޅޭ އަހުމަދީ މުސްލިމް ދަރިކޮޅުގެ މީހުންނަށް މިހާރު ވަނީ ތަފާތު ގޯނާތަކާ ކުރިމަތިލާން ޖެހިފަ އެވެ. އެ މީހުން ދިރިއުޅެމުން ދިޔަ ގެތަކުން ވަނީ ނެރެލައިފަ އެވެ.
"ރެފިއުޖީންގެ ގޮތުގައި ތިބި ބަޔަކު ލަންކާގައި އަނެއްކާ ވެސް ވަނީ ރެފިއުޖީންނަށް ބަދަލުވެފައި. ދެ ވަނަ ފަހަރަށް އެ މީހުން ގެދޮރުން ނެރެލައިފި،" ލަންކާގެ އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމާއަތެއް ކަމަށްވާ "އިންފޯމް" ގެ ރުކީ ފެނާންޑޯ ވިދާޅުވި އެވެ.
ލަންކާގައި ދިރިއުޅެމުން ދިޔަ އަހުމަދީ މުސްލިމުންނަކީ ޕާކިސްތާން، އަފްޣާނިސްތާން، ޔަމަން އަދި އީރާން ފަދަ ގައުމުތަކުން ބޭރުކޮށްލާފައިވާ މީހުންނެވެ.
ފެނާންޑޯ ވިދާޅުވީ ގެދޮރުން ނެރެލާފައިވާ 700 ވަރަކަށް މުސްލިމުން މިހާރު ވަނީ މިސްކިތްތަކުން ހިޔާވަހިކަން ހޯދައިފަ އެވެ. ގާތްގަނޑަކަށް 120 މީހުން ވަނީ ޕޮލިސް ސްޓޭޝަނަކުން ހިމާޔަތް ހޯދައިފަ އެވެ.
އަނެއް ބަޔަކު ވަނީ ކޮލަމްބޯ އަށް ދާން މަސައްކަތް ކޮށްފަ އެވެ. ނަމަވެސް އިތުރު ނުރައްކަލެއް ކުރިމަތިވެދާނެތީ އެ މީހުން ވަނީ އަނބުރާ ނިގަމްބޯ އަށް ގޮހެވެ.
ބޮމުގެ ހަމަލާތަކަށް ފަހު ލަންކާގައި މޫނު ބުރުގާ އަޅައިގެން އުޅޭ މީހުން ފިހާރަ ފަދަ ތަންތަނަށް ވައްދަން ދަނީ ދެކޮޅު ހަދަމުންނެވެ.
ލަންކާގައި ބޮމުގެ ހަމަލާ ދީފައި ވަނީ ނޭޝަނަލް ތައުހީދު ޖަމާއަތް (އެންޓީޖޭ) އަށް ނިސްބަތްވާ ބަޔަކު ކަމަށް ސަރުކާރުން ބުނެ އެވެ. ހަމަލާތަކުގެ ޒިންމާ އިސްލާމިކް ސްޓޭޓް (އައިއެސް) އިން ވަނީ އުފުލައިފަ އެވެ.
ލަންކާގެ 21 މިލިއަން މީހުންގެ އާބާދީގައި މުސްލިމުންގެ ނިސްބަތަކީ 10 ޕަސެންޓެވެ.